ހިޔާ މަޝްރޫއު

ހިޔާ ފްލެޓްގެ ޑިޒައިންގައި މައްސަލަތައް ގިނަ: އޭއޭއެމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ 7000 ފްލެޓްގެ ޑިޒައިންގައި ގިނަ މައްސަލަތަކެއް ފާހަގަ ކުރެވޭ ކަމަށާއި އެއީ ފެއިލް ވެދާނެ ޑިޒައިނެއް ކަމަށް އާކިޓެކްޗާ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އޭއޭއެމް) ގެ ރިޕޯޓެއްގައި ބުނެފި އެވެ.

އޭއޭއެމްގެ މި ރިޕޯޓަކީ އެ އެސޯސިއޭޝަންގެ ނުވަ މެންބަރަކާއި އާކިޓެކްޗަ ދާއިރާއިން ތައުލީމު ހާސިލު ކުރަމުންދާ 18 ދަރިވަރުންނާއެކު ޖުމުލަ 27 މީހުން އެ ފްލެޓްތަކަށް ޒިޔާރަތްކޮށް ދިރާސާކުރުމަށް ފަހުގައި އެކުލަވާލި ރިޕޯޓެކެވެ. އެ ރިޕޯޓްގައި، އެއީ ތޮއްޖެހުން ބޮޑުވެ ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެކަށީގެންވާ ފިޔަވަޅުތަކެއް އެޅޭނެ ގޮތަށް ނެތް ޑިޒައިނެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.

އޭއޭއެމްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ގާތްގަނޑަށް 40،000 މީހުން އުޅޭނެ ކަމަށް ބެލެވޭ އެ ޓަވަރުތަކުގައި ގިނަ ބަޔަކު ތޮއްޖެހޭ ގޮތަށް އެއް އިމާރާތެއްގައި ދިރިއުޅެން ޖެހުމުންނާއި ޓަވަރުތައް އެހާ ކައިރީގައި ހުރުމުން ނޭދެވޭ އިޖުތިމާއީ، ސިއްހީ، އަދި ރައްކާތެރި ކަމުގެ މައްސަލަތައް ދިމާވާނެ އެވެ.

ކުޅިވަރު ކުޅޭ ތަންތަނާއި، ކަސްރަތު ކުރާ ތަންތަނާއި، ޕާކު ފަދަ ތަންތަން އިމާރާތުގައި ނުވަތަ ޓަވަރުތައް ކައިރީގައި ނެތްއިރު، އެ ސަރަހައްދުގައި އެފަދަ ތަންތަނަށް ޕްލޭންކޮށްފައި އޮތްނަމަ ސިއްހީ މައްސަލަތައް މަދުވާނެ ކަމަށެވެ. އެފަދަ ތަންތަން ނެތުމުން މީހުންގެ ދުޅަހެޔޮ މައްސަލަތައް އިތުރުވާނެ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.

ފްލެޓްގެ ޑިޒައިންއިން އޭއޭއެމް އިން ފާހަގަ ކުރާ ކަންކަން

ރިޕޯޓުގައި ބުނެފައިވަނީ، ކޮރިޑޯތަކުގެ ރެއިލިން ހުރީ ހުޅުމާލެ ޕްލޭނިން އެންޑް ޑިވެލޮޕްމަންޓްގެ ގައިޑްލައިނަށް ނުފެތޭ ކަމަށެވެ. އެ ގޮތުން ގާތްގަނޑަކަށް ދެ ފޫޓު އުސް ދަގަނޑު ރެއިލިންއެއް ހަރުކޮށްފައިވާއިރު އެ ފާރުބުރިއަށް ކުޑަ ކުއްޖަކު އެރުމުން ރައްކާތެރި ނުވާނެ ކަމަށް ފާހަގަ ކުރެވޭ ކަމަށް ރިޕޯޓްގައިވެ އެވެ.

ބޭސްމަންޓް ޕާކިންގައި ސާވިސް ހޮޅިތައް ބެރި ދަށުން އަޅާފައިވާ ގޮތުން ބައެއް ދިމަދިމާލުން ނުރައްކާ މިންވަރަށް ތިރިކަން އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެކަށީގެންވާ ސައިިނޭޖް ނެތް ކަން ވެސް ފާހަގަކޮށްފައިވެ އެވެ. އަދި ހުޅުމާލެ ޕްލޭނިން އެންޑް ޑިވެލޮޕްމަންޓްގެ ގައިޑްލައިންގައި އަންގާ ޕާކިން ޖާގަ ހަމަވާނެ ކަމަށް ނުފެންނަ ކަމަށް އޭގައި ބުނެ އެވެ.

ކޮންމެ ފްލޯއެއްގައި 16 ޔުނިޓް ހުންނަ ޓަވަރެއްގައި ހުރީ 14 މީހުންގެ ޖާގަ ހުރި ޖުމުލަ ތިން ލިފްޓް ކަން ފާހަގަކޮށް އެއީ ގާތްގަނޑަކަށް 1500 މީހުން ބޭނުން ކުރާނެ ތަނެއް ކަމަށް ބުނެފައިވެ އެވެ. 20 ޔުނިޓް ހުންނަ ޓަވަރެއްގައި ވެސް އެ ޖާގައިގެ ހަތަރު ލިފްޓް ހުންނައިރު އެއީ ގާތްގަނޑަކަށް 1900 މީހުން ބޭނުން ކުރާނެ ތަނެއް ކަމަށެވެ. އެހެންކަމުން ޕީކް ގަޑިތަކުގައި ލިފްޓް ބޭނުން ކުރުމުގައި ދަތިތަކެއް ދިމާވާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ލިފްޓުން ނުކުންނަ ލޮބީގައި ބައެއް ކަހަލަ ސާވިސް ފޮށިތައް އަތް ޖެހޭ ހިސާބުގައި ހުރި ކަމަށާއި އެހެންކަމުން އެ ތަކެއްޗަށް ގެއްލުން ލިބޭނެ ކަމަށް ފާހަގަ ކުރެވޭ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ތިރީ ފްލޯ ފިޔަވައި އެއްވެސް ފްލޯއެއްގައި ކުނި އެއްކުރެވޭނެ ތަނެއް ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.

ގިނަ ޔުނިޓްތަކުގައި ބޭރަށް ހުންނަ ކޮޓަރީގެ ހަމައެކަނި ކުޑަދޮރާއި ސިޓިންރޫމުގެ އެއް ކުޑަދޮރު ހުންނަނީ އާންމުން ހިނގަން އޮނނަ ކޮރިޑޯއަށް ވާ ގޮތަށް ކަމަށެވެ. އެ ދެ ކުޑަދޮރުވެސް ހުރީ ކަހާލެވޭ ގޮތަށް ބިމުން ފެށިގެން ގާތްގަނަޑަށް ތިން ފޫޓު މަތީގައި ކަމަށާއި އެއީ ސެކިއުރިޓީ މައްސަލައެއް ކަމަށެވެ.

ހުރިހާ ޔުނިޓެއްގައި ވެސް ބަދިގެއާއި ކާގެ އެއްކޮށް ހުރިއިރު، ބަދިގޭގެ ޑިޒައިންއާއި ބައެއް މިންގަނޑުތައް އެކަށީގެންވާ ވަރަށް ވުރެ ކުޑަކަން ފާހަގަކޮށްފައިވެ އެވެ. ޔުނިޓްތަކުގެ އެތެރެއަށް ހުންނަ ކޮޓަރިތަކުގެ ކަހާލެވޭ ކުޑަދޮރުގެ ޑިޒައިން ވެސް ދެ ޓްރެކުގައި ތިން ފަތަށް ހުރީމައި ހުޅުވޭ ބައި ހަނިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އަލިފާނުގެ ރައްކާތެރިކަމެއް ނެތް: ރިޕޯޓް

އޭއޭއެމްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އިމާރާތްތަކުގައި އަލިފާނާއި ދުމުން ރައްކާތެރި ކުރެވޭނެ ހާއްސަ ޒޯންތަކެއް ނެތެވެ. ލިފްޓް ލޮބީގައި ވެސް އެކަމަށް ހާއްސަ ސެޕަރޭޝަންތަކެއް ނެތް ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ޓަވަރެއްގެ ތިރީ ފްލޯތަކުގައި އެކީ އަލިފާން ރޯވެއްޖެނަމަ، މަތީ ފްލޯތަކަށް ރޯފާނެ ވަސީލަތްތައް ރާއްޖޭގައި ނުހުންނަ ކަމަށެވެ. އިމާރާތުގައި ދިރިއުޅުމުގެ ހުއްދަ ދޭން ވާނީ ފަޔާ ޕްރެވެންޝަންގެ ނިޒާމު ފުރިހަމަކޮށްފައި ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ހުޅުމާލެ ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް ގައިންޑްލައިންގައި ބުނެފައިވާ ގޮތަށް އިމާރާތުގައި ދިރިއުޅޭ މީހުންނާއި ތަނުގެ ސެކިއުރިޓީ ބަލަހައްޓާނެ އެއްވެސް ނިޒާމެއް އެ ފްލެޓްތަކުގައި ނެތް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

އޭއޭއެމްގެ ރިޕޯޓުގައި ބުނާ ގޮތުން ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ޑިޒައިނިންގައި ފާހަގަކުރެވޭ ބައެއް މައްސަލަތައް އަދިވެސް އިސްލާހުކުރެވޭނެ އެވެ. އެ އިމާރާތްތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެ އިސްލާހުތައް ގެނެސްދޭން ރިޕޯޓުގައި އެދިފައިވެ އެވެ.