ބޮލީވުޑް

"ލަވްރާތްރީ" ގައި އާޔުޝްގެ ބަތަލާ އަކަށް އާ މޫނެއް

Feb 7, 2018

ސުޕަސްޓާ ސަލްމާން ޚާންގެ ޅިޔަނު އާޔުޝް ޝަރްމާ ބޮލީވުޑަށް ނިކުންނަ ފިލްމުގައި އޭނާއާއެކު ބަތަލާގެ ރޯލުން ފެނިގެންދާނެ ތަރިޔަކު ހޯދުމުގެ މަސައްކަތް ސަލްމާން ކުރަމުން އަންނަތާ ލައްކަ ދުވަސްވެއްޖެ އެވެ. ބޮލީވުޑްގެ ބައެއް މަޝްހޫރު ބަތަލާއިންނަށް އެ ރޯލު ހުށަހެޅިކަމުގެ ވާހަކަތައް ދެކެވުނު ނަމަވެސް އިއްޔެއާ ހަމައަށް މި ފިލްމުގެ ބަތަލާ އަކީ ކާކުކަން އޮތީ ސިއްރުވެފަ އެވެ.

އިއްޔެގެ މެންދުރެއްހާއިރު ސަލްމާން ކުރި ޓްވީޓެއްގައި ވަނީ އޭނާއަށް އާޔުޝް އަށް ބަތަލާއަކު ލިބިއްޖެކަން އިއުލާންކޮށްފަ އެވެ.

"އަހަންނަށް އަންހެން ކުއްޖަކު ލިބިއްޖެ" މިހެން ލިޔެ ޓްވީޓެއް ކުރިތާ އިރުގަނޑެއް ފަހުން އެ އަންހެން ކުއްޖާގެ ފޮޓޯއާ އެކު ކުރި ޓްވީޓެއްގައި ވަނީ އާޔުޝްގެ ފުރަތަމަ ފިލްމު "ލަވްރާތްރީ" ގައި އޭނާ އާއެކު ފެނިގެންދާ މުޅިން އާ މޫނެއް ކަމަށްވާ ވަރީނާ ހުސައިން ތައާރަފުކޮށްދީފަ އެވެ.

ވަރީނާ އަކީ އިރާގު ބައްޕަ އަކާއި އަފްގާން މަންމަ އަކަށް ލިބުނު ހުރި ހަމައެކަނި ކުއްޖާ އެވެ. ވަރަށް ޅައުމުރުން ފެށިގެން ވަރީނާ ވަނީ އެކި އިޝްތިހާރުތައް ކުޅެ މޮޑެލް ވެސް ކޮށްފަ އެވެ. އޭނާގެ މައިންބަފައިން ނިސްބަތްވާ ގައުމުގައި ހަމަނުޖެހުން ބޮޑުވެ ހަނގުރާމަ ކުރާތީ ކުޑައިރުއްސުރެން ފެށިގެން އާއިލާ އާއެކު ވަރީނާ ދިރިއުޅެމުން އައީ އެކި ގައުމުތަކުގަ އެވެ.

ނިއުޔޯކް ފިލްމު އެކަޑަމީން ކިޔަވާފައިވާ ވަރީނާ މިފަހުން ކެޑްބަރީ ޗޮކްލެޓެއްގެ އިޝްތިހާރެއް ކުޅުނެވެ. ބޮލީވުޑުން ކުރިއަށްދާން ނިންމައިގެން ހުރި ވަރީނާ އިންޑިއާގައި ދިރިއުޅެމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ. އަދި އިންޑިއާގައި އޭނާ ވަނީ އެކި އިޝްތިހާރުތަކާއި މޮޑަލް ވެސް ކޮށްފަ އެވެ.

މި އަހަރުގެ ތެރޭގައި ރިލީޒް ކުރާ މި ފިލްމު ޑައިރެކްޓްކުރަނީ އަބިރާޖް މިނަވާލް އެވެ.