ހަބަރު

އިންޑިއާގެ ދައުރާ މެދު ދިވެހިން ދެކެނީ ރަނގަޅަށް: ނަޝީދު

އިންޑިއާގެ ދައުރާ މެދު ދިވެހިން ދެކެނީ ރަނގަޅަށް ކަމަށާއި އެމީހުންނަކީ އަޅުވެތި ކުރާ ބައެއް ނޫން ކަމަށް ވިދާޅުވެ، ރާއްޖޭގައި މިހާރު އޮތް ސިޔާސީ މައްސަލައިގެ ތެރެއަށް އިންޑިއާ ވެއްދެވުމަށް އޮތް ޝައުގުވެރިކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ފާޅު ކުރައްވައިފިއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ " ދާހިލީ ގޮތުން ހައްލު ކުރާށޭ" ބުނުމަކީ [ސަރުކާރާ ދެކޮޅަށް] ކުރާ މަސައްކަތް ވަރުގަދަ ކުރާށޭ" ބުނުމާ އެއްފަދަ ކަމެއް ކަމަށެވެ.

"އެއީ ގަޑުބަޑުވުމަށް މަގުފަހިވާނެ ކަމެއް. އިންޑިއާގެ ދައުރާ މެދު ދިވެހިން ދެކެނީ ރަނގަޅަށް. 88' ގައި އެމީހުން އައި. މައްސަލަ ހައްލުކޮށްފައި ދިޔަ. އެމީހުންވީ އަޅުވެތި ކުރާ ބަޔަކަށް ނޫން. މިނިވަން ކުރާ ބަޔަކަށް. ދިވެހިން މިހާރު އިންޑިއާއަށް ބަލަނީ މިހެންވެ،" ޓްވީޓްގައި ނަޝީދު ވިދާޅުވެފައި ވެއެވެ.

އެމަނިކުފާނު އިޝާރާތް ކުރައްވާފައި އެވަނީ 1988 ވަނަ އަހަރު ދިވެހިންގެ ބަޔަކު އަވަށްޓެރި ސްރީލަންކާގެ ތަމަޅަ ހަނގުރާމަވެރިން ގޮވައިގެން އައިސް ރާއްޖެއަށް ދިން ހަމަލާއާ ގުޅިގެން އިންޑިއާއިން ވީ އަސްކަރީ އެހީއަށެވެ. އެ ފަހަރުގެ ހަމަލާ ނާކިޔާބު ކޮށްލުމުގައި ދިވެހި ސިފައިންނަށް މަދަދުކުރަން އިންޑިއާއިން ރާއްޖެއަށް ސިފައިން ފޮނުވި އެވެ. ފިލައިގެން ދިޔަ ބާޣީން ކަނޑުމަތިން އަތުލައިގަނެގެން ރާއްޖެއަށް ގެނައީ ވެސް އިންޑިއާ ސިފައިން ހިންގި އޮޕަރޭޝަނެއްގަ އެވެ.

ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މިނިވަން ކުރުމަށް އިންޑިއާގެ މަންްދޫބަކު ސިފައިންނާއެކު ފޮނުވަން ނަޝީދު ވަނީ އިއްޔެ އެދިވަޑައިގެންފަ އެވެ.

ނަޝީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމާއި ފަނޑިޔާރުންނާއި އެހެނިހެން ގައިދީން މިނިވަން ކުރުމަށް އިންޑިއާގެ އަސްކަރީ ބާރާ އެކު މަންދޫބަކު ފޮނުވަން އެދިވަޑައިގަންނަވާ ކަމަށެވެ. އެ ޓްވީޓުގައި އެމެރިކާގެ ކިބައިން ނަޝީދު އެދިވަޑައިގެންފައި ވަނީ އެމެރިކާގެ ބޭންކްތައް މެދުވެރިކޮށް ރާއްޖޭގެ ވެރިން ކުރާ މުއާމަލާތްތައް ހުއްޓުވައި ދިނުމަށެވެ.

އިންޑިއާއާއި އެމެރިކާގެ ކިބައިން އެ ކަންތަތަކަށް އެދިވަޑައިގަންނަވަނީ ދިވެހި ރައްޔިތުންގެ ފަރާތުން ކަަމަށް ވެސް ނަޝީދުގެ ޓްވީޓުގައި ވިދާވެފައި ވެއެވެ.