ރާއްޖޭގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ކުންފުނިކަމަށްވާ އަމީން ކޮންސްޓްރްކްޝަންއިން ޓޫރިޒަމަށް ވަނުމުގެ ގޮތުން ކޮއްދިއްޕަރުގައި ރިސޯޓެއް ތަރައްގީ ކުރަން ފަށައިފި އެވެ.
"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އަމީން ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވި މިއަދު ގޮތުގައި އެ ކުންފުނިން ޓޫރިޒަމް ދާއިރާއަށް ވަނުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން ކޮއްދިއްޕަރުގައި 128 އެނދުގެ ރިސޯޓެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި ރިސޯޓް ތަރައްގީ ކުރަނީ މެދު ފަންތީގެ ރިސޯޓެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓޫރިޒަމްގެ ތެރެއަށް މަޑުމަޑުން ވަނުމަށް މަސައްކަތް ކުރަން އަޅުގަނޑުމެންވެސް. ކޮއްދިއްޕަރުގައި އިރާދަކުރެއްވިއްޔާ ޓޫރިސްޓުން ވިޔަފާރީގެ ތެރޭގައިވެސް އުޅެވޭނެ،" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮއްދިއްޕަރު ތަރައްގީ ކުރަނީ މެދު ފަންތީގެ ރިސޯޓެއްގެ ގޮތުގައި ކަމަށެވެ.
"އަޅުގަނޑު އަބަދުވެސް ކަމެއް ކުރަނީ އެއީ ކުރެވޭ ކަމަކަށް ވާނަމަ. އެންމެ ހައި އެންޑް ރިސޯޓެއް ނޫންމިއީ. މިއީ ޗައިނާ ނޫނީ އިންޑިއާ މާކެޓަށް ހާއްސަކުރަނީ.އަޅުގަނޑު އުންމީދު ކުރަނީ އަންނަ އަހަރުގެ މެދުތެރޭގައި ރިސޯޓް ހުޅުވޭނެ ކަމަށް،" އަބްދުﷲ ވިދާޅުވި އެވެ.
އަމީން ކޮންސްޓަރަކްޝަންއިން ވަނީ ލ. އަތޮޅުގައި "ޕަލާޒޯ" ގެ ނަމުގައި 28 އެނދުގެ ގެސްޓް ހައުސް އެއް ހުޅުވާލަ އެވެ. މި ގެސްޓް ހައުސް ހުޅުވާފައިވަނީ ދާދިފަހުން ރައީސް ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
އަބްދުﷲ ވިދާޅުވި ގޮތުގައި ލ. އަތޮޅުގައި ހަދާފައިވާ 28 އެނދުގެ ގެސްޓް ހައުސްއަކީ "ގެސްޓް ހައުސްއެއް ނަމަވެސް" ސިޓީ ހޮޓަލެއް ކަމަށެވެ.
"މިހާރު އެހުރީ ވަރަށް ބޮޑު ހަރަދެއް ކުރެވިފަ. އެތަނުގައި އަމިއްލަ ޖަނަރޭޓަރުވެސް ހުންނާނެ. އެތަނުގައި އަމިއްލަ ފެން ޕްލާންޓު ވެސް ހުންނާނެ. ކަރަންޓު ދޭނެ ޖަނަރޭޓަރެއް ބެހެއްޓީ ރަށުގެ ކަރަންޓު އެހާ ހިސާބަށް ދާއިރު ތަންކޮޅެއް ދައްކޮށް އުޅޭތީ،" އަބްދުﷲ ވިދާޅުވި އެވެ.