ދުނިޔެ

ވިންޓާ އޮލިމްޕިކްސް ހުޅުވަން ކިމް ޖޮން އުންގެ ކޮއްކޮ ދެކުނުކޮރެއާއަށް

ދެކުނު ކޮރެއާގައި އަންނަ ހުކުރު ދުވަހު ފަށާ މިއަހަރުގެ ވިންޓާ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަން އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އަންހެން ކޮށްކޯފުޅު ކިމް ޔޯ ޖޮން ވަޑައިގަންވަން ހަމަަޖެހިއްޖެއެވެ.

ކިމް ޔޯ ޖޮން އެ ރަސްމިއްޔާތަށް ވަޑައިގަންނަވާނެކަން ހާމަ ކުރީ ދެކުނު ކޮރެއާއިންނެވެ. ނަމަވެސް އެ ދަތުރުފުޅާ ބެހޭ މާ ބޮޑު ތަފުސީލެއް އެގައުމުން އަދި ހާމައެއް ނުކުރެއެވެ.

ކިމް ޔޯ ޖޮން އަކީ ކިމް ޖޮން އުންގެ ބައްޕާފުޅު ކިމް ޖޮން އިލްގެ ބޭފުޅުންގެ ތެރެއިން ކިމް ޖޮން އުންއާ އެއްބަނޑު ބޭފުޅެކެވެ. ކިމް ޖޮން އުންއަށް ވުރެ ހަތަރު އަހަރު ހަގު ކިމް ޔޯ ޖޮން އަކީ އުތުރުކޮރެއާ ސަރުކާރުގެ މޫނުމަތި ރީތި ކުރުމުގެ ގޮތުން ފަތުރާ ޕްރޮޕަގެންޑާގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ބޭފުޅާއެވެ. އަދި އޭނާއަކީ އާއިލާގެ ބޭފުޅުންގެ ތެރެއިން ކިމްއާ އެންމެ ގާތް ގުޅުމެއް އޮންނަ ބޭފުޅާ ވެސް މެއެވެ.

ވިންޓާ އޮލިމްޕިކްސްގައި އުތުރުކޮރެއާ ބައިވެރިވުމާ ބެހޭ ގޮތުން ދެގައުމުން ކުރި މަޝްވަރާގައި އެއްބަސްވެފައި ވަނީ އޮލިމްޕިކް ފެށުމުގެ ރަސްމިއްޔާތުގައި އެއްބައިވަންތަކަމުގެ ދިދައިގެ ދަށުގައި ދެކޮރެއާގެ އެތުލީޓުން އެކުގައި ހިނގާލުމަށެވެ. އެ ދެގައުމުން ކުރި ކާމިޔާބު މަޝްވަރާތައް ފެށީ މީލާދީ އާ އަހަރު ފެށުމުގެ މުނާސަބާގައި އުތުރުކޮރެެއާގެ ލީޑަރު ކިމްޖޮން އުން ދެއްވި ހިތާބުގައި އެކަމަަށް ގޮވައިލެއްވުމުންނެވެ.