ރައީސް އަބްދުﷲ ޔާމީން

މިހާރު ފުލް މުސާރަ ނަގަން، އެއީ ކުލި ދައްކަން: ރައީސް

ހިލާލީ ގެއަށް ދިރިއުޅުއްވުން ބަދަލު ކުރެއްވި ފަހުން ރައީސްކަމުގެ މަގާމުގެ ފުރިހަމަ މުސާރަ ނަންގަވަމުން ގެންދަވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ. ވެރިކަމަށް ވަޑައިގަތުމުގެ ކުރީން ރައީސް ވިދާޅުވެފައި ވަނީ އެ މަނިކުފާނު ނަންގަވާނީ މުސާރައިގެ ދެބައިކުޅަ އެއްބައި ކަމަށެވެ. މުސާރަ ނަންގަވަމުން ގެންދެވީވެސް އެގޮތަށެވެ.

ނަމަވެސް ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އަންހެނުން ވެސްޓް ޕާކް ސަރަހައްދުގައިވާ ކެމްޕޭން އޮފީހުގައި ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މިރޭ ވިދާޅުވީ ކުރިޔާ ހިލާފަށް ފުރިހަމަ މުސާރަ ނަންގަވަން ފެއްޓެވީ އެމަނިކުފާނުގެ ދަރިކަލުންނާއި ދަރިކަނބަލުން މިހާރު ދިރިއުޅުއްވަނީ ކުއްޔަށް ތަންތަން ހިއްޕަވައިގެން ކަމަށްވާތީ އެ ދެ ބޭފުޅުންނަށް އެހީތެރިވެ ދެއްވުމަށް ކަމަށެވެ.

"އަޅުގަނޑުގެ އެބަތިބި ބޮޑުވެފައި ތިބި ދެބެން. އަންހެން ކުއްޖަކުވެސް މީހަކާ އިނދެގެން އުޅެނީ އާއިލާއެއް ގޮވައިގެން. ފިރިހެން ކުއްޖާ ވެސް މީހަކާ އިނދެގެން އުޅެނީ އާއިލާއަކާ އެކީގައި. އެހެންވީމާ މި ދެ ކުދިންނަށް ތަންތަން ކުއްޔަށް ހިފައިދޭން ޖެހޭ. އަޅުގަނޑު މީކީ މިކަހަލަ ކަމެއްގައި ދިވެހި ދައުލަތުގެ ފައިސާގައި ޖެހޭނެ މީހެއް ނޫން. އެސަބަބަށްޓަކައި. ހަމަ އެޔާއެކީ އަޅުގަނޑު ކުރިން ހުރި ގޭގައި އަޅުގަނޑު ހުންނާނީ އެކި ބައިބައި ކުއްޔަށް ދީފައި. އެ އާމްދަނީ ވެސް އަޅުގަނޑަށް ނުލިބި ދިޔައީ. އެހެންވީމާ މިކުދިން ތިބޭ ތަންތަނަށް ކުލި ދައްކަން ޖެހޭތީއާ އެކީ އަޅުގަނޑު 100 ޕަސެންޓް ނޫނީ ފުލް މުސާރަ ނަގަން ފެށީ،" ރައީސް ވިދާޅުވިއެވެ.

ކުރިން ދިރިއުޅުއްވި ގެ ލާޖެއްސުމަށް ފަހު ހިލާލީ ގެއަށް ބަދަލު ވެވަޑައިގެންނެވި އިރު ބޮޑެތިވެފައިވާ ބޭފުޅުން އެ ގެއަށް ނުގެންދެވުނު ސަބަބާބެހޭ ގޮތުން ވެސް ރައީސް މިރޭ ތަފުސީލެއް ދެވިއެވެ. ވިދާޅުވީ ބާލިޣުވެފައިވާ ދަރިން ރިޔާސީ ގަނޑުވަރުގައި ނުގެންގުޅެވޭ ގޮތަށް ގާނޫނު އަސާސީ ލިޔެފައިވާ ކަމަށެވެ. ގާނޫނުއަސާސީ ހެދި އިރު އެކަން އެގޮތަށް ކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ބަޔަކު ހަސަދަވެރިވެގެން ކަމަަށް ވެސް ވިދާޅުވި އެވެ.

"ގާނޫނު އަސާސީ ލިއުނު މީހުން ލިޔެފައި މިއޮތީ ކުރީގެ ރައީސް މައުމޫނު އަރިހުގައި މަައުމޫނުގެ ބޮޑެތި ވެފައި ތިބި ބޭފުޅުން ތިއްބެވީމާ އެ ބޭފުޅުން ދައުލަތުގެ ފައިސާއިން ފަރިއްކުޅުއްވާ އުޅުއްވީމާ، ބައެއްގެ ހަސަދަވެރިކަމުން އެ ވާހަކަ ގާނޫނު އަސާސީ ލިއުނު އިރު މިފަހަރު ލިޔެފައި މިއޮތީ ބާލިޣު ނުވާ ކުދިންނަށް އެކަންޏޭ ހަރަދު ކުރެވޭނީ ދައުލަތުން. އެކުދިންނަށް އެކަންޏޭ މަންމަޔާ ބައްޕަގެ ގާތުގައި ތިބެވޭނީ،" އެެމަނިކުފާނު ވިދާޅުވި އެވެ.

ދަރިކަލުންނާއި ދަރިކަނބަލުން ދިރިއުޅުއްވާ ތަންތަނަށް ކުލި ދައްކަވަން ޖެހިވަޑައިގަތަސް ދަތިނުވާ ކަމަށާއި އެއީ އެ މަނިކުފާނުގެ ރަށްޓެހިން އެ މަނިކުފާނަށް އެހީތެރިވާތީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ނަމަވެސް ރައީސް ވިދާޅުވީ ދައުލަތުގެ ފައިސާގައި އެ މަނިކުފާނު ޖެހިވަޑައި ނުގަންނަވާނެ ކަން އެ މަނިކުފާނުގެ ރަށްޓެހިންނަށް އެނގޭނެ ކަމަށެވެ.

"އަޅުގަނޑުގެ ރަށްޓެހިން އެބަތިބި އަޅުގަނޑު އުޅޭ ހާލު އިނގޭ މީހުން. އެމީހުންނަށް އިނގޭ އަޅުގަނޑު ދިވެހި ދައުލަތުގެ ފައިސާއެއްގައި ނުޖެހޭނެކަން. އެހެންވީމާ އަޅުގަނޑަށް އެހީތެރިވާ މީހުން އެބަ އުޅޭ،" ރައީސް ޔާމީނު ވިދާޅުވި އެވެ.

ވަރަށް ޖޯޝުގައި ހުންނަވައިގެން ރައީސް މިރޭ ދެއްކެވި ވާހަކަފުޅުގައި ވާދަވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ބޭފުުޅުންނަށް ވެރިކަމާ 10 ފޫޓަށް ވެސް ކައިރި ނުވެވޭ ގޮތަށް ގާނޫނުތައް ހަދަން ޖެހޭ ކަމަށެވެ.