ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން މައްކާއަށް ގޮސް ތިބޭ އަންހެނުންނަށް ފިރިހެނުންގެ ފަރާތުން ޖިންސީ ފުރައްސާރަތައް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާތައް ފެންމަތިވެއްޖެ އެވެ. ގިނަ އަދަދެއްގެ އަންހެނުން އަންނަނީ ޝޯޝަލް މީޑިއާގައި އެ މީހުން މައްކާއަށް އަޅުކަމަށް ގޮސް ތިބިއިރު ކުރިމަތިވި ފުރައްސާރަތަކުގެ ވާހަކަތައް އާންމުންނާއި ހިއްސާކުރަމުންނެވެ.
މި ވާހަކަ އެންމެ ގަދައަށް ދެކެެވެން ފެށީ ޕާކިސްތާނުގެ ސަބީހާ ހާން ކިޔާ އަންހެނަކު އޭނާ ހައްޖުގެ އަޅުކަން އަދާކުރަން ގޮސް ހުއްޓާ ކުރިމަތިވި ޖިންސީ ފުރައްސާރާގެ ވާހަކަތައް ފޭސްބުކްގައި އާންމުކުރުމުންނެވެ. ސަބީހާ ބުނީ ތަކުރާރުކޮށް އެނާއަށް ފުރައްސާރަކޮށްފައިވާ ކަމަށެވެ. ސަބީހާ ބުނީ އޭނާއަށް މި ހަދިސާ ކުރިމަތިވީ އިޝާ ނަމާދަށްފަހު ތަވާފުކުރަން ހުއްޓާކަމަށެވެ.
އެ ވާހަކަ އާންމުންނާއި ހިއްސާކުރުުގެ ކުރިން އެނާ އެ ޕޯސްޓުގައި ބުނެފައި ވަނީ މި ވާހަކައިގެ ދީނީ ހިޔާލުތަަކަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެތީ މި ވާހަކަތައް ހިއްސާކުރަން ފުރަތަމަ ޖެހިލުންވެސްވި ކަމަށެވެ.
ތިން ތަވާފު ކުރަން ހުއްޓާ ފިރިހެނަކު އޭނާގެ އުނަގަނޑުގައި ހިފި ކަަމަށާއި ފުރަތަމަ ހީކުރީ އެއީ އޭރު އަތަނުގައި މީހުން ގިނަވުމުން އޮޅިގެން ޖެހުނީކަމަށް ކަމަށެވެ. ނަމަވެސް އެ ހީކުރުން ޔަގީންވީ ފަހުންވެސް އެމީހަކު އޭނާގެ ގައިގައި ހިފުމުން ކަމަށެވެ. އެ ވަގުތު އަތަނުގައި މީހުން ގިނަވުމާއެކު އޭނާ އަޅާނުލާ ހުއްޓެވެ.
"ދެން ހަ ވަނަ ތަވާފު ކުރަން ހުއްޓާ މީހަކު އަހަރެންގެ ފުރަގަސްފަރާތުގައި ވަރަށް ބާރަށް ޖެހި. އެވެސް ހީއެއްކަމަށް ހީކޮށް ހުއްޓާއި ތަވާފުކުރަމުން ގޮސް ރުކުން އަލް ޔަމާނީ އާއި އަރާ ހަމަވި ތަނުން ފިރިހެނަކު އަހަރެންގެ ފުރަގަސްފަރާތުގައި ހިފި. އެފަަހަރު އެ ފިރިހެން މީހާގެ އަތުގައި ހިފައި ފޮޅުވާލިން." ސަބީހާ ބުންޏެވެ.
"އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގި ހުއްޓިފައި. އަހަންކަށް އެތަނުން ސަލާމަތެއް ނުވެވުނު. ފަހަތައް އެނބުރި ވަމުންދާ ގޮތް ބެލޭތޯ ވަރަށް މަސައްކަތްކުރިން. އެނބުރުނު އިރު އެއީ ކާކުން އިނގޭވަރެއް ނުވި."
ސަބީހާ ބުނީ އެކަމުގެ ސަބަބުން އޭނާއަށް ކުރި ހިތްދަތި އަސަރުތަކާއި ހެދި އެ ވާހަކަތައް ދައްކަން ނުކެރިފައި އޭނާ ހުރީކަމަށެވެ. ސަބީހާ ވަނީ އެ ހުރިހާ ވާހަކައެއް އެދުވަހު އޭނާގެ މަންމަ އާއި ހިއްސާކޮށްފަ އެވެ.
ސަބީހާގެ މި ވާހަކަ ޝޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ގިނަ އަދަދެއްގެ އަންހެނުން މިހާރު ދަނީ މައްކާއަށް އަޅުކަމަށް ގޮސްތިއްބާ ކުރިމަތިވެފައިވާ ޖިންސީ ފުރައްސާރަތަކުގެ ވާހަކަތައް ހިއްސާކުރަމުންނެވެ.
ނަން ހާމަނުކޮށް މައުލޫމާތު ދިން އަންހެނަކު ބުނީ އޭނާ އުމުރާގެ އަޅުކަން އަދާކުރަން ގޮސްހުއްޓާވެސް ހަމަ މިފަދަ ހާދިސާއެއް ކުރިމަތިވި ކަމަށެވެ. ވަރަށް ގިނައިިން އުމުރާގެ އަޅުކަން އަދާކުރަން ދާ އެ އަންހެން މީހާ ބުނީ އެންމެ ގިނައިން މިފަދަ ފުރައްސާރަތަށް ކުރިމަތި ވަނީ ހަޖަރަލް އަސްވަދު އަށް ދާން އޮންނަ ކިއު އިން ކަމަށެވެ.
ހަށިގަނޑުގެ އެކި ގުނަވަންތަކުގައި އަތްލާއި، ކޮށްޕާހަދާ ކަންތައްތައް ކުރިމަތިވެފައިވާ ކަމަށް ބުނަމުން އޭނާ ބުނީ މިހާރު އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސް ހަޖަރަލް އަސްވަދަށް ދިއުންވެސް ހުއްޓާލާފައިވާ ކަމަށެވެ. އަދި ތަފާވުކުރަން ދާއިރުވެސް މީހުން ވީހާވެސް މަދުން ތިބޭ ހިސާބެއްގައި ތަވާފުކުރެވޭތޯ ބަލާކަމަށެވެ.