ބޮލީވުޑް ދެ ބަތަލާ އިން ކަމަށްވާ ޒާއިރާ ވަސީމް އާއި ސަނާ ޚާން އަށް ފަހު ޕާކިސްތާނުގެ ދެ ބަތަލާއަކު ވެސް އެކްޓްކުރުމަށް އަލްވަދާއު ކިޔައިފި އެވެ.
މި ދެ ބަތަލާ އިން ވެސް ޝޯބިޒް އިންޑަސްޓްރީ ދޫކޮށްލީ މާތްﷲ އެންގެވި ގޮތަށް އިސްލާމް ދީނު ދައްކަވާފައިވާ މަގުން ހިނގުމަށް ކަމަށް ބުނެފަ އެވެ.
އެންމެ ފަހުން އެކްޓިންއާ ދުރަށް ދިޔަ ދެ ބަތަލާއިންނަކީ އަނުމް ފައްޔާޒް އާއި ޒާނިޝް ޚާން އެވެ. ފަހަރެއްގައި ޕާކިސްތާނު ސީރީޒް ނުބަލާ މީހުންނަށް މިއީ ކޮން ބައެއް ކަން ނޭނގުނަސް ޕާކިސްތާން އަދި އިންޑިޔާ ފަދަ ގައުމުތަކުގައި މި ބަތަލާއިން ވަރަށް މަޝްހޫރެވެ.
އަނުމް އިންސްޓަގްރާމްގައި ޝެއާ ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި މީގެ ފަހުން އޭނާ އުޅެން ގަސްތުކުރަނީ އިސްލާމީ ލައިފްސްޓައިލް އަށެވެ.
ޒާނިޝް އެކްޓްކުރުން ހުއްޓާލިކަން ރަސްމީކޮށް އިއުލާން ނުކުރިޔަސް އޭނާގެ އިންސްޓަގްރާމް އެކައުންޓް ވަނީ މުޅިން ފޮހެލާފަ އެވެ.
ޕާކިސްތާނު ނޫސްތަކުގައި ބުނެފައިވަނީ މި ދެ ބަތަލާއިން ވެސް އެކްޓްކުރުމާ ދުރަށް ދާން ނިންމީ މައްކާ އަށް ގޮސް އުމްރާ ވުމަށްފަހު އެވެ.
ޒާނިޝް، 29، ކުޅުނު މަޝްހޫރު ސީރީޒްތަކުގެ ތެރޭގައި "ސުން ޔާރާ"، "އޭތުބާރު"، "ޔެ ދިލް މެރާ" އަދި "ދޭ އިޖާޒަތު" ހިމެނެ އެވެ.
އަނުމް، 31، ކުޅެފައިވާ ސީރީޒް ތަކުގެ ތެރޭގައި "މޭރީ މާ" އަދި "އަހުމަދު ހަބީބް ކީ ބޭޓިޔާން" ހިމެނެ އެވެ.