ލޯތްބަކީ ބައެއް މީހުން ހީނުކުރާ ކަހަލަ ކަންތައްތައް ކުރަން މަޖްބޫރުކުރުވާ އެއްޗެކެވެ. ލޯބީގައި އެކި މީހުން ހައްދުފަހަނަޅާ ދާ ގޮތުގެ ވާހަކަތައް ކޮންމެ ދުވަހަކުވެސް އިންޓަނެޓުން ފެނެ އެވެ.
މިފަހަރު މިއީ ޕޮލެންޑްގެ އުމުރުން ވަރަށް ދުވަސްވީ އަންހެނެއްގެ ވާހަކަ އެވެ. އުމުރުން 83 އަހަރުގެ މި މީހާ ޕޮލެންޑުން ވަރަށް ދިގު ދަތުރެއްކޮށްފައި މިހާރު ވަނީ ޕާކިސްތާނަށް ގޮހެވެ. އޭނާގެ 28 އަހަރުގެ ލޯބިވެރިޔާއާ ކައިވެނިކުރާށެވެ. މި ފިރިހެން މީހާ އަކީ އޮޓޯ މެކޭނިކެކެވެ.
ބްރޯމާ ނަމަކަށް ކިޔާ މި އަންހެން މީހާ އަށް ހާފިޒް މުހައްމަދު ނަދީމް ކިޔާ ފިރިހެން މީހާ ދެކެ ހަގީގީ ލޯބިވެވި ޕާކިސްތާނަށް ދަތުރުކޮށް މިހާރު ދެ މީހުން ވަނީ ކައިވެނިކޮށްފަ އެވެ.
އެމީހުންގެ ލޯބީގެ ވާހަކަ ފެށިފައިވަނީ ރަހުމަތްތެރިކަމުގެ ގުޅުމަކުންނެވެ.
ޑެއިލީ ޕާކިސްތާނަށް ދިން އިންޓަވިއު އެއްގައި ނަދީމް ބުނީ މީގެ ހަ އަހަރު ކުރިއްސުރެ އޭނާ ބްރޯމާ ދަންނަ ކަމަށެވެ.
ދެ މީހުން ބައްދަލުވީ ސޯޝަލް މީޑީއާ އިންނެވެ. ފުރަތަމަ އޮތީ ރަހުމަތްތެރިކަމުގެ ގުޅުމެއް ކަމަށާއި ފަހުން އެ ގުޅުން ލޯތްބަށް ބަދަލުވީ ކަމަށެވެ.
އެންމެ ހެއްވާ ކަމަކީ ކައިވެނީގެ ކުރިން މި ދެ މީހުން ދުވަހަކުވެސް ބައްދަލުވެފައެއް ނުވެ އެވެ.
ދެ މީހުން ކައިވެނިކޮށްފައިވަނީ އިސްލާމީ އުސޫލުތަކުގެ މަތިން ޕާކިސްތާން މުސްލިމުން ކައިވެނިކުރާ ގޮތަށެވެ.
ބްރޯމާ ރަތްކުލައިގެ ކައިވެނި ހެދުމެއް އަޅައި އަތުގައި ހީނާފަތް ވެސް އެޅި އެވެ. އަދި ރަން ކިޔައި އެ ފައިސާ ނަދީމް އޭނާއާ ހަވާލުކުރި އެވެ.
ނަދީމްގެ އާއިލާއިން ބުނި ގޮތުގައި އޭނާގެ ކައިވެނި އޭނާއާ ދެބެންގެ ދެދަރި މީހަކާ ކުރުވަން އާއިލާއިން އޮތީ މާ ކުރިއްސުރެ ނިންމާފަ އެވެ. ނަމަވެސް ބްރޯމާއާ ކައިވެނިކުރަން ނަދީމް ބޭނުންވުމުން އެ ކައިވެންޏަށް އެއްބަސްވީ އެވެ.