ޝައުކަތު ނަމަކަށް ކިޔާ ޕާކިސްތާނު މީހަކު ފަސްވަނަ މީހަކާ ކައިވެނިކޮށްފި އެވެ.
މިއީ އާއްމުކޮށް އެ ގައުމުގެ މީހުން ކުރާ ކަމަކަށް ނުވިޔަސް މި މީހާ ފަސް މީހުންނާ ކައިވެނިކުރި ގޮތެއް އެމީހާ ނުބުނެ އެވެ.
ޝައުކަތު ބުނަނީ ފަސް ވަނަ މީހަކާ ކައިވެނިކުރީ ކުރީގެ ހަތަރު އަނބިންގެ ހުއްދަ ލިބިގެން އެމީހުން ވެސް ބޭނުން ވެގެން ކަމަށެވެ.
ޝައުކަތުގެ ފުރަތަމަ ހަތަރު އަނބިންނަށް 11 ދަރިން އޭނާއަށް ލިބިފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ 10 އަންހެން ދަރިންނާއި އެންމެ ފިރިހެން ދަރިއެކެވެ.
ހުރިހާ ދަރިން ވެސް ކައިވެނިކޮށް މިހާރު 11 ދަނބިދަރިން ވެސް ޝައުކަތުގެ އެބަތިއްބެވެ. އަދި 40 ކާފަ ދަރިންނާއެކު ޝައުކަތުގެ އާއިލާގައި މިހާރު ޖުމްލަ 62 މީހުން އެބަތިއްބެވެ.
ޝައުކަތުގެ ވާހަކަ ގެނެސްދީފައިވަނީ ޔޫޓިއުބު ޗެނަލެއްގެ ހޯސްޓް ޔާސިރު ޝާމީ އަށް އޭނާ ދީފައިވާ އިންޓަވިއު އެއްގަ އެވެ.
ޝައުކަތު ބުނި ގޮތުގައި އޭނާގެ ނުވަ އަންހެން ދަރިންގެ ތެރެއިން އަށް ދަރިންނާއި ފިރިހެން ދަރިފުޅު ކައިވެނި ކޮށްފައިވަނީ އޭނާ ފަސް ވަނަ މީހާ އާ ކައިވެނި ކުރުމުގެ ކުރިންނެވެ.
ޑެއިލީ ޕާކިސްތާނަށް ދިން އިންޓަވިއު އެއްގައި ޝައުކަތު ބުނީ އޭނާ ފަސްވަނަ ކައިވެންޏެއް ކުރީ އަންހެން ދެ ދަރިއަކު އެދިގެންނެވެ.
ޝައުކަތުގެ ފަސްވަނަ ކައިވެންޏާ ބެހޭ ގޮތުން އޭނާގެ ދޮށީ އަނބި ވެސް ވަރަށް އުފަލުން ހުރިކަމަށް އޭނާ ބުންޏެވެ. އަދި އެއް ގެއެއްގައި ފަސް އަންހެނުން އުޅެނީ ވަރަށް ގުޅިގެން ކަމަށާއި ކެއްކުމާއި އެނޫން މަސައްކަތްތައް ވެސް ކުރަނީ ބަހާލައިގެން ކަމަށް އެމީހާ ބުންޏެވެ.