ލައިފްސްޓައިލް

50 އަހަރުގައި އަންހެނަކަށް ލޯބިވާ މީހަކު ލިބި ކައިވެނިކޮށްފި

ލޯތްބަކީ އުމުރެއް، މުޖުތަމައެއް އަދި އެމީހާގެ މާލީ ހާލަތު ބަލައިގެން ވެވޭ އެއްޗެއް ނޫނެވެ. ކޮންމެ އުމުރެއްގެ ކޮންމެ ނަސްލެއްގެ ކޮންމެ މީހަކަށް ވެސް ލޯބި ވެވިދާނެ އެވެ. އެ މީހަކާއެކު ހިތްހަމަޖެހޭ އުފާވެރި ދުވަސްތަކެއް ހޭދަ ކުރެވިދާނެކަމަށް ހިތުގެ އަޑިން ގަބޫލު ކުރެވިއްޖެނަމަ އެއީ އެމީހަކު ދެކެ ހަގީގީ ލޯބި ވެވުނީ ކަމަށް ގަބޫލު ކުރެވިދާނެ އެވެ.

ޕާކިސްތާނުގެ 50 އަހަރުގެ މި އަންހެން މީހާ އަށް ވެސް ހަގީގީ ލޯބި ލިބުނީ މިފަދަ ގޮތަކަށެވެ. އެމީހާ އަށް ލޯބި ވެވުނީ 20 އަހަރުގެ ސޫފިޔާން ދެކެ އެވެ. ސޫފިޔާން އަކީ އަންހެން މީހާގެ ގެޔަށް ގެންގުޅެން ގެނައި ޒުވާން ފިރިހެނެކެވެ.

ނާޒިއާ ނަމަކަށް ކިޔާ މި އަންހެން މީހާ އަކީ އިސްލާމްއާބާދުގެ ކުޑަ އަވަށެއްގައި އެކަނި މާއެކަނި ދިރިއުޅުނު މީހެކެވެ. އޭނާ އުޅޭލެއް އެކަނިކަމުން ގޭގައި ގެންގުޅޭނެ މީހަކު ހޯދަން ރައްޓެއްސަކު ދިން ލަފަޔަކަށް ސޫފިޔާން އެގެޔަށް ގެނައީ އެވެ.

ގޭގައި ޖެހޭ ހުރިހާ މަސައްކަތެއް ކުރަން މަހަކު 18،000 ރުޕީސް އަށް ސޫފިޔާނަށް ވަޒީފާ ދީފައި އެގެޔަށް ގެނައުމާއެކު ނާޒިއާގެ ހިތް މި ޒުވާނާ އަށް ދެވުނެވެ. އަދި މާގިނަ ދުވަހެއް ނުވެ ދެ މީހުން ވަނީ ކައިވެނިކޮށްފަ އެވެ.

އިސްލާމްއާބާދުގައި ހުންނަ ނާޒިއާގެ ގޭގައި ޔޫޓިއުބާ ސައްޔިދު ބާސިދު އަލީ އަށް ދިން އިންޓަވިއު އެއްގައި ނާޒިއާ ވަނީ އޭނާ އާއި ސޫފިޔާންގެ ލޯބީގެ ވާހަކަ ކިޔައިދީފަ އެވެ.


ނާޒިއާ ބުނި ގޮތުގައި އޭނާގެ ގޭގައި އޭނާ ދިރިއުޅެމުން ދިޔައީ އެކަނިމާ އެކަންޏެވެ. ކިތަންމެ ބޮޑު ކަމެއް ދިމާވިޔަސް އެހީތެރިކަމަށް އެދި ގޮވާލާނެ ގާތް މީހަކު ވެސް އޭނާގެ ނެތެވެ. އަދި ގޭގެ ހުރިހާ މަސައްކަތް އޭނާއަށް އެކަނި ކުރެވޭ ވަރެއް ނޫނެވެ.

"އެހެންވެ އަހަރެން ސޫފިޔާން ގެނައީ ގެޔަށް. ގޭގައި ޖެހޭ ހުރިހާ ކަމެއް ކުރުވަން. ސޫފިޔާން ގޭގައި އުޅެން ފެށުމާއެކު އަހަންނަށް އޭނާ އުޅޭ އުޅުމާއި މިޒާޖާއި މަޑުމައިތިރިކަން ވަރަށް ބޮޑަށް ފާހަގަ ކުރެވި އޭނާގެ މައްޗަށް އަހަރެންގެ ހިތް ލެބެން ފެށި. އަދި އަބަދު އޭނާގެ ޚިޔާލުތައް ހިތުގައި އެނބުރެން ފެށި. އަދި އިސާހިތަކު ވަރަށް ގަދަޔަށް ސޫފިޔާން ދެކެ ލޯބި ވެވުނު،" ފިރިމީހާ ސޫފިޔާން ކައިރީގައި ބައިންދައިގެން ނާޒިއާ ދިން އިންޓަވިއުގައި ބުނެފައި ވެއެވެ.

ނާޒިއާ ބުނި ގޮތުގައި ސޫފިޔާން އަކީ އެންމެންނަށް ވެސް ވަރަށް އިހުތިރާމާއި ގަދަރު ކުރާ މީހެކެވެ. އެއްވެސް މީހަކާ ދޭތެރޭ ގޯސް ނަޒަރަކުން އޭނާ ނުދެކޭނެ އެވެ. ނާޒިއާގެ ހިތް ސޫފިޔާނަށް ދެވުނު މައިގަނޑު ސަބަބަކީ އޭނާގެ ސިމްޕަލް ކަން ކަމަށް ވެސް ނާޒިއާ ބުންޏެވެ.

ސޫފިޔާން އަށް ޕްރޮޕޯސް ކުރީ ވެސް ނާޒިއާ އަމިއްލަ އަށެވެ. އަދި އެ ޕްރޮޕޯސަލް ސޫފިޔާން ގަބޫލުކުރީ އޭނާ ވެސް ލޯބިވާ ކަމަށް ބުނަމުންނެވެ.

ސޫފިޔާން އާއި ނާޒިއާގެ އުމުރުގައި 30 އަހަރުގެ ފަރަގު އެބަހުއްޓެވެ. ނަމަވެސް އެއީ މި ދެމަފިރިންނަށް މައްސަލައަކަށް ނުވެ އެވެ. ނާޒިއާ ބުނި ގޮތުގައި އެމީހުންގެ ޖޯޑަކީ ބޮލީވުޑްގެ ކުރީގެ މަޝްހޫރު ދެ ލޯބިވެރިން ކަމަށްވާ ސަލްމާން ޚާނާއި ކެޓުރީނާ ކައިފް ކަހަލަ ޖޯޑެކެވެ.

"ސަލްމާން ގޮތަށް ސޫފިޔާން ވެސް ވަރަށް އޯގާތެރިވާނެ. އަހަރެންގެ ހުރިހާ ކަމެއް އޭނާ ކޮށްދޭ. އަހަރެންނަށް ބޭސް ގެނެސްދޭނެ. ކައްކާފަ ކާން ދޭނެ. އަދި ގޭގައި ޖެހޭ އެހެން ހުރިހާ ކަމެއް ވެސް ކުރަނީ ސޫފިޔާން،" ނާޒިއާ ބުންޏެވެ.

ސޫފިޔާން ބުނާ ގޮތުގައި އޭނާގެ އަލަތު އަނބިމީހާ އަކީ ހަމަ ދެވަނަ ކެޓުރީނާ އެވެ.

މި ދެމަފިރިން އެކަކު އަނެކަކަށް ލޯބީގެ ލަވަތައް ވެސް ޚާއްސަކުރެ އެވެ. އެގޮތުން ސޫފިޔާން ޚާއްސަކޮށް ނާޒިއާ ވެސް ރީތި ހިންދީ ލަވައެއް ކިޔެވެ. "ހަމެ އާނާ ޕަޅޭގާ ދުނިޔާ މެ ދޮބާރާ" (އަހަރެމެން އަދި އެއްފަހަރު ދުނިޔެއަށް އަންނަން ޖެހޭނެ އެވެ.) ނާޒިއާ އަށް ޚާއްސަކޮށް ސޫފިޔާން ކީ "ކައްޗީ ޕެންސިލް ނާލް" އެވެ.