ލައިފްސްޓައިލް

އިތުރު ބަތަލާއަކު އިސްލާމް ދީނަށްޓަކައި ފިލްމު ކުޅުން ހުއްޓާލައިފި

ބޮލީވުޑްގެ ކުރީގެ ބަތަލާއިން ކަމަށްވާ ޒާއިރާ ވަސީމް އާއި ސަނާ ޚާން ފިލްމީ މަސައްކަތްތައް ހުއްޓާލި ގޮތަށް އަނެއްކާވެސް އެހެން ބަތަލާއަކު މުނިފޫހިފިލުވުމުގެ ދާއިރާއަށް އަލްވަދާއު ކިޔައިފި އެވެ.

ބޯޖްޕޫރީ ބަތަލާ ސެހެރް އަފްޝާ ބުނި ގޮތުގައި އޭނާ މި ދާއިރާ ދޫކޮށްލީ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް ނޫޅެވޭތީ ތައުބާވެ އެ މަގަށް އެނބުރި ރުޖޫއަ ވުމަށެވެ.

ސެހެރް އޭނާގެ މި ނިންމުން އިއުލާނުކުރީ މިދިޔަ ހަފުތާގައި އިންސްޓަގްރާމްގައި ޝެއާކުރި ޕޯސްޓެއްގަ އެވެ.

އޭނާ ލިޔެފައިވާ ގޮތުގައި މީގެ ފަހުން އޭނާ އެކްޓިން އަދި މޮޑެލިން ފަދަ މުނިފޫހިފިލުވުމުގެ ދާއިރާއާ ގުޅޭ އެއްވެސް މަސައްކަތެއް ނުކުރާނެ އެވެ. އަދި ތައުބާވެ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް ހަޔާތުގެ ދުވަސްތައް ހޭދަކުރަން ނިންމާފައިވާ ކަމަށެވެ.

ފިލްމު ކުޅޭ މުސްލިމް ބަތަލާއިން ފިލްމީ މަސައްކަތް ހުއްޓާލާފައި ބުރުގާ އަޅައި ދީނަށް އުޅެން ފެށުން ވަނީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކަށް ހަޖަމުކުރަން ދަތި ކަމަކަށެވެ. އަދި މިފަދަ ބަތަލާއިންނަށް މަލާމާތާއި ފުރައްސާރަ ވަރަށް ބޮޑަށް ކުރިމަތިވެ އެވެ.

"ސުޕަސްޓާ" އާއި "ދަންގަލް" ފަދަ ފިލްމުތައް ކުޅެފައިވާ ޒާއިރާ އަށް ވެސް މިފަދަ ހަނގާކުރުންތަކާ ވަރަށް ބޮޑަށް ކުރިމަތިވި އެވެ. ނަމަވެސް އޭނާ ބުނެފައިވަނީ މީހުން ކިތަންމެ އެއްޗެއް ކިޔަސް އޭނާގެ އީމާންކަން ގުޑުވާ ނުލެވޭނެ ކަމަށެވެ.

ސަނާ އަށް ވެސް ވަރަށް ގިނަ ބަޔަކު މަލާމާތް ކުރަމުންދެ އެވެ. ނަމަވެސް ސަނާ ވެސް ހުރީ މީހުންގެ މަލާމާތަށް ދީލާލާ ގޮތަކަށް ނޫނެވެ.

ފިލްމު ކުޅުން ހުއްޓާލިކަން އިއުލާންކުރަމުން ސަހަރް ވަނީ އޭނާއަށް ހެޔޮ ދުއާ ކޮށްދިނުމަށް ވެސް ފޭނުންގެ ކިބައިން އެދިފަ އެވެ.