ލައިފްސްޓައިލް

ބްރެޒިލް އަންހެނަކު ވިހޭ އެއްމާބަނޑު ދެބެންގެ ބައްޕަ ތަފާތު

ބްރެޒިލްގެ 19 އަހަރުގެ އަންހެނަކު ވިހޭ އެއްމާބަނޑު ދެބެންގެ ބައޮލޮޖިކަލް ބައްޕައިން ތަފާތު ދެ މީހުންނަށް ވުމުން ޑޮކްޓަރުން ހައިރާން ކޮށްލައިފި އެވެ.

ސަބަބަކީ މިއީ ވަރަށް މަދު ހާލަތެއްގައި ނޫނީ ދިމާވާ ކަމެއް ނޫން ވީމަ އެވެ.

މި އަންހެން މީހާ ވިހެއީ އެއްމާބަނޑު ދެ ކުދިން ނަމަވެސް މި ދެބެންގެ ޑީއެންއޭ ޓެސްޓުން ދައްކާ ގޮތުން ދެބެންގެ ބައްޕައިންނަކީ ތަފާތު ދެ މީހެކެވެ.

މިކަމާ މި ދެ ކުދިންގެ މަންމަ ވެސް ހުރީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފަ އެވެ.

އަންހެން މީހާ ބުނި ގޮތުގައި މިފަދަ ކަމެއް ދިމާވެދާނެ ކަމަކަށް އޭނާ ކުޑަކޮށްވެސް ހިޔެއް ނުކުރެ އެވެ. ޑޮކްޓަރުން ބުނާ ގޮތުގައި މިއީ މިލިއަނަކުން އެއް ފަހަރު ނަމަވެސް ދިމާނުވާ ހާލަތެކެވެ.

މި އަންހެން މީހާ ބަލިވެ އިނުމުގައި މިގޮތަށް ދިމާވެފައިވަނީ އެއް ދުވަހެއްގައި ދެ ފިރިހެނަކާ އެކު ޖިސްމާނީ ގުޅުން ބޭއްވުމުގެ ސަބަބުންނެވެ. އެ ދުވަހަށްފަހު އެމީހާ ބަލިވެ އިނދެ ވިހާފައިވަނީ އެއްމާބަނޑު ދެބެންނެވެ.

އެ ކުދިންގެ ފުރަތަމަ އުފަން ދުވަސް އައުމުން އެ ކުދިންގެ ބައްޕަ އާ ދޭތެރޭ އަންހެން މީހާ ވިސްނަން ފެށި އެވެ. އަދި ޚުދް އޭނާއަށް ވެސް އެ ކުދިންގެ ބައްޕަ ޔަގީން ނުވާތީ ޑީއެންއޭ ޓެސްޓް ހެދީ އެވެ.

އެ ކުދިންގެ ބައްޕަ ކަމަށް އަންހެން މީހާއަށް އެންމެ ބޮޑަށް ޔަގީންވާ މީހާގެ ޑީއެންއޭ ސާމްޕަލް އާއި ކުދިންގެ ސާމްޕަލް އެމީހާ ޓެސްޓް ކުރުވި އެވެ. ނަތީޖާ ދެއްކީ މި ސާމްޕަލް ދިމާވަނީ މީގެ ތެރެއިން އެއް ކުއްޖަކާ ކަމަށެވެ.

"ދެން އަހަރެން ހަނދާންވީ ހަމަ އެ ދުވަހު އެހެން ފިރިހެނަކާ އެކު ވެސް ގުޅުން ބޭއްވިކަން. އެހެންވެ އެމީހާ އަށް ގުޅައިގެން ގެނެސް އޭނާގެ ޑީއެންއޭ ވެސް ހެދީ. އެމީހާގެ ޑީއެންއޭ އާއި އަނެއް ކުއްޖާގެ ޑީއެންއޭ ދިމާވާކަން އެނގުނީ މި ޓެސްޓުން. މި ނަތީޖާ އިން އަހަންނަށް ބޮޑު ހައިރާންކަމެއް ލިބުނު. އަހަރެން ހިޔެއް ނުކުރަން މިފަދަ ކަމެއް ދިމާވެދާނެ ކަމަކަށް. ސަބަބަކީ ބަލާ ބެލުމަށް ދެ ކުދިންގެ ސިފައިގައި މާބޮޑު ތަފާތެއް ނެތީމަ،" ބްރެޒިލްގެ މީޑީއާއަށް މައުލޫމާތު ދެމުން އަންހެން މީހާ ބުންޏެވެ.

މިއީ ވަރަށް މަދުން ނޫނީ އަޑު ނީވޭ ކަހަލަ ވާހަކައަކަށް ވީނަމަވެސް މީގެ ކުރިން ވެސް މިފަދަ ކުދިން އުފަން ވެފައި އެބަހުއްޓެވެ.

މިހެން ދިމާވަނީ މެންސްޗުރަލް ސައިކަލްގެ ތެރޭގައި ދެވަނަ ބިހެއް ރިލީޒްވެ އެހެން ދަރިފަންޏަކާއެކު އޯވަމް ފާޓިލައިޒް ވުމުންނެވެ. ސައިންޓިފިކް ގޮތުން މި ހާލަތަށް ކިޔަނީ ހެޓެރޯޕެޓާނަލް ސުޕަފެކެނެޑޭޝަން އެވެ.

އަންހެން މީހާގެ ފިޒީޝަން ޑރ. ޓޫލިއޯ ޖޯގޭ ފްރެންކޯ ބްރެޒީލްގެ މީޑީއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެއް މަންމައެއްގެ ދެ ބިހުގައި ތަފާތު ދެ ފިރިހެނެއްގެ ދަރި ފަނި ފާޓިލައިޒް ވުމަކީ ވެދާނެ ކަމެއް ކަމަށެވެ.

މި ހާލަތު ދިމާވެ ބަލިވެ އިނދެގެން ވިހާ އެއްމާބަނޑު ދެ ކުދިންގެ ހުންނާނީ މަންމަގެ ޖެނެޓިކް މެޓީރިއަލް އެވެ. ނަމަވެސް ކުދިން މައިމީހާގެ ރަހިމުގެ ތެރޭގައި ހެދި ބޮޑުވާނީ ވަކި ދެ ޕްލެސެންޓާ (މަސް)ގެ ތެރޭގަ އެވެ.

މިއީ ދުނިޔޭގައި ވަރަށް މަދުން ނޫނީ ދިމާވާތީ ނުފެންނަ ހާލަތެއްކަން ޑޮކްޓަރުވެސް ފާހަގަ ކުރެއްވި އެވެ.

މުޅި ދުނިޔޭން މިހާތަނަށް ރެކޯޑް ކުރެވިފައިވަނީ ހެޓްރޯޕެޓާނަލް ސްޕަފެކެންޑޭޝަންގެ 20 ކޭސް ކަމަށްވެސް ޑޮކްޓަރު ވިދާޅުވި އެވެ.