ލައިފްސްޓައިލް

ދުވަހަކުވެސް ލޯބިވާ މީހަކު ލިބޭނެ ކަމަކަށް ހިއެއް ނުކުރަން

ކަރީން ޑި ސޫޒާ އަކީ 32 އަހަރުގެ ޒުވާން އަންހެނެކެވެ. ބްރެޒީލްގެ ފޯޓްލޭޒާ އަށް އުފަން ކަރީނާ އަކީ ޒީރޯޑާމާ ޕެގްމެންޓޯސަމް ކިޔާ ހަމުގެ ބައްޔެއް ޖެހިފައިވާ މީހެކެވެ. ވަރަށް މަދުން ނޫނީ ދުނިޔޭން ނުފެންނަ މި ބަލީގެ ސަބަބުން އަތްވަށް ނުކުމެ އުޅުމަކީ އޭނާއަށް އެއްގޮތަކަށް ވެސް ކުރެވޭ ކަމެއް ނޫނެވެ.

ކިތަންމެ ކުޑަކޮށް ނަމަވެސް އޭނާގެ ގައިގައި އިރު އަލި ޖެހިއްޖެނަމަ އެ ތަނެއް ހަލާކުވެ ކެންސަރަށް ބަދަލުވެ އެވެ.

"އަހަރެން އަވީގައި އުޅެލުމުން ވަގުތަކުން އެއްވެސް ކަމެއް ގޯސް ކަމެއް އިހްސާސެއް ނުވާނެ. ނަމަވެސް ދުވަސްކޮޅެއް ތެރޭ ހަންގަނޑު ހަލާކުވެ އެތަން ކެންސަރަށް ބަދަލުވެ އެތަނެއް ސާޖަރީ ހަދައިގެން ނަގަން ޖެހެނީ،" ކަރީން ބުންޏެވެ.

މިހާތަނަށް މިފަދަ 200 ސާޖަރީ ކަރީން ވަނީ ހަދާފަ އެވެ. އަދި މި ބަލީގެ ސަބަބުން ގައިގެ ހަންގަނޑުގައި ލާފައިވާ ލަކުނުތަކާއި އައިބުތަކުގެ ސަބަބުން އޭނާގެ ސިފައަށް ބޮޑު ބަދަލެއް އައިސްފައި ވެއެވެ. އެހެންވެ އޭނާ ދެކެ ލޯބިވާނެ މީހަކު ދުވަހަކުވެސް ނުލިބޭނެކަމަށް ކަރީން ހުރީ މުޅިން ނިންމައިގެންނެވެ.

ނަމަވެސް 2018ގައި އެޑްމިލްސަން ކިޔާ މީހަކާ އޭނާއަށް ސޯޝަލް މީޑީއާއިން ބައްދަލުވި އެވެ. އަދި އެޑްމިލްސަން އައިސް ކަރީން އާ ބައްދަލުކޮށް އެމީހުންގެ މެދުގައި ހަގީގީ ލޯބި އުފެދުނެވެ.

އެޑްމިލްސަން ބުނި ގޮތުގައި ކަރީން ސޯޝަލް މީޑިއާގައި ޝެއާ ކޮށްފައިވާ ޕޯސްޓެއް އޭނާއަށް ފެނި ކަރީން އަށް ޝައުގުވެރިކަން އުފެދުނީ އެވެ. އެ ޕޯސްޓްގައި ކަރީން އޭނާ ހުރި ސިފަ ފެންނަ ފޮޓޮއެއް ޝެއާކޮށް ދުވަހަކުވެސް ލޯބި ލިބޭނެ ކަމަށް އުންމީދުނުކުރާ ކަމަށް ލިޔެފައި ވެއެވެ.

ދެ މީހުން ފަސް މަސް ވަންދެން މެސެޖު މެދުވެރިކޮށް ވާހަކަ ދެއްކުމަށްފަހު އެޑްމިލްސަންގެ ރަށް ކަމަށްވާ ރިއޯޑި ޖެނޭރިއޯ އަށް ކަރީން ގޮސް އެޑްމިލްސަން އާ ބައްދަލުކުރި އެވެ.

ކަރީން ހަމަލޮލުން ފެނުމަކުން އޭނާގެ ހިތުގައި ކަރީން އަށް އޮތް ލޯތްބަށް ކުޑަވެސް ބަދަލެއް ނައި ކަމަށް އެޑްމިލްސަން ބުންޏެވެ. އަދި ފަހުން އެޑްމިލްސަން ވަނީ ކަރީން އާ ކައިވެނިކޮށްގެން އޭނާއާއެކު ފޯޓްލޭޒާ އަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.

ކަރީންގެ ހަމުގެ މައްސަލަތަކުން އޭނާގެ ސިފައަށް އައިސްފައިވާ ބަދަލާ މެދު އެޑްމިލްސަންގެ މައްސަލައެއް ނެތެވެ. މިއީ މައްސަލައަކަށް ހަދަނީ އެމީހުންގެ ވަށައިގެން ދިރިއުޅޭ މުޖުތަމައުގެ މީހުންނެވެ. އެޑްމިލްސަން އަކީ ރީތި ފިރިހެނަކަށް ވެފައި ކަރީން ކަހަލަ މީހަކާ ކައިވެނި ކުރުމުން އެކަމާ ވަރަށް ގިނަ މީހުން އެދެމަފިރިންނަށް މަލާމާތްކުރެ އެވެ. އަދި އެޑްމިލްސަން ކަހަލަ މީހަކު ކަރީން އާ ކައިވެނިކޮށްގެން އުފާވެރި ޒަވާޖީ ހަޔާތެއް އުޅެފާނެކަމަކަށް މީހުންނަކަށް ގަބޫލެއް ވެސް ނުކުރެ ވެއެވެ.

ނަމަވެސް ކަރީން ބުނީ އެޑްމިލްސަން އޭނާއާ ކައިވެނިކުރީ ހަމަ ހަގީގަތުގައި ވެސް އޭނާ ދެކެ ލޯބިވާތީ ކަމަށް ގަބޫލުކުރާ ކަމަށެވެ.

މިހާރު ކަރީން ބަލިވެ އިނދެ ވިހާ ދުވަސް ވަނީ ކައިރިވެފަ އެވެ. މި ދެމަފިރިން ދަރިއަކު ލިބޭކަން ސޯޝަލް މީޑިއާގައި ޝެއާ ކުރީ ވެސް ކަރީން ބަލިވެ އިނދެ ބަނޑަށް ހަތަރު މަސް ފުރުނު ފަހުންނެވެ. މި ވާހަކަ ޝެއާ ކުރުމުން ވެސް އެމީހުންނަށް މަލާމާތްކޮށް ފާޑުފާޑުގެ ވާހަކަ ދައްކާނެ އެތައް ބަޔަކު ތިބޭނެކަން ޔަގީންވާތީ އެވެ.

ކަރީން ބުނި ގޮތުގައި ގިނަ މީހުން ބަލަނީ އިންސާނާގެ ބޭރުފުށުގެ ސިފަ ޔަށެވެ. އަޑި ކިތަންމެ ނުބައިކޮށް އޮތަސް އެއީ މައްސަލައެއް ނޫނެވެ. އެހެންވެ ފާޑުކިޔާ މީހުންނަށް ކަރީން އިލްތިމާސެއް ކުރި އެވެ. އެއްވެސް މީހަކު ބޭރު ފުށުން ފެންނަ ފެނުމަށް ބަލާ ޖަޖް ނުކުރުމަށެވެ.