ގުދުރަތީ ގޮތުން ބަލިވެ އިނދެ ވިހޭ އުމުރުން އެންމެ ދުވަސްވީ އެއް އަންހެނަކަށް ބްރެޒީލްގެ ބަތަލާއެއް ކަމަށްވާ ކްލައުޑިއާ ރާއިއާ ވެއްޖެ އެވެ. ކްލައުޑިއާ އޭނާގެ ފިރިހެން ދަރިފުޅު ލޫކާ މިދިޔަ މަހު ވިހޭއިރު އުމުރަކީ 56 އަހަރެވެ.
"ޓުޑޭ" އަށް ދިން އިންޓަވިއު އެއްގައި ކްލައުޑީއާ ބުނީ އޭނާ ދަރިއަކު ނުލިބިގެން ވަރަށް ކުރިން އައިވީއެފް ހަދައިގެން ވެސް ކުއްޖަކު ހޯދަން ކުރި މަސައްކަތް ވީ ނާކާމިޔާބު ކަމަށެވެ.
އަދި ކުއްލިއަކަށް ބަލިވެ އިންކަން އެނގުމުން އޭނާ އަށާއި ފިރިމީހާ އަށް ލިބުނީ ޝޮކެއް ކަމަށް ކްލައުޑިއާ ބުންޏެވެ.
ކްލައުޑިއާ ބެއްލެވި އަންހެނުންގެ ޚާއްސަ ޑޯކްޓަރު ޖީ. ތޯމަސް ރުއިޒް ވިދާޅުވީ ކްލައުޑިއޯ އުމުރުގެ އަންހެނުންނަށް ގުދުރަތީ ގޮތުން ބަލިވެ އިނދެ ދަރިއަކު ވިހުމުގެ ފުރުސަތު އޮންނަނީ މިލިއަނަކުން އެއް ފަހަރު އެވެ. އަދި މިއީ ވަރަށް މަދުން ނޫނީ ދިމާނުވާ ކަމަކަށް ވާތީ މީގެ ތަފާސް ހިސާބު ނެތް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
"އަހަރެމެންގެ ހަޔާތުގައި ދެން މިފަދަ ކަމެއް ފެންނާނެހެނެއް ހިޔެއް ނުވޭ. އެހާވެސް މަދުން ދިމާވާ ކަމެއް މިއީ،" ޑޮކްޓަރު ވިދާޅުވި އެވެ.
ޑރ. ރުއިޒް ވިދާޅުވީ ގިނަ އަންހެނުން އުމުރުން 51 އަހަރުގައި ބިސް އުފެދުން މުޅިން ހުއްޓި އިއްދައިން ކެނޑެ އެވެ. އަދި މިއަށް ވުރެ މާ ކުރިއްސުރެ އެމީހުންގެ ދަރިމައިވުމުގެ ގާބިލްކަން އުމުރާ އެކު ދައްވަމުން ދާނެ އެވެ.
އެމެރިކަން ކޮލެޖް އޮފް އޮބްސްޓެޓްރީޝިއަންސް އެންޑް ގައިނެކޮލޮޖިސްޓްސް ބުނާ ގޮތުގައި އުމުރުން 45 އަހަރުން މަތީގެ މީހަކު ގުދުރަތީ ގޮތުން ބަލިވެ އިނުމަކީ ވަރަށް ނާދިރުކަމެކެވެ. އެހެންކަމުން ކްލައުޑިއާ ވިހެއީ ގުދުރަތީ ގޮތުން ބަލިވެ އިނދެ ކަމަށް ވާނަމަ ސައިންސްވެރިން އޭނާގެ ދިރާސާއެއް ހަދައި މެޑިކަލް ޖާނަލްސްގައި މި ދިރާސާ ރިޕޯޓު ޝާއިއުކުރަން ޖެހޭނެ އެވެ.
އުމުރުން 55 އަހަރުގެ އަންހެނަކު ބަލިވެ އިނުމަކީ މިލިއަނަކުން އެއް ފަހަރުވެސް ދިމާނުވާ ވަރުގެ ނާދިރު ކަމަކަށް ވާއިރު ނޯމަލްކޮށް ސިއްހަތު ރަނގަޅު ކުއްޖަކު ވިހެއުމަކީ އަދި މާ ނާދިރު ކަމެކެވެ. ސަބަބަކީ އުމުރުން 45 އަހަރުގައި ބަލިވެ އިނުމުން ވެސް ބައިގެން ދިއުމުގެ 80 ޕަސެންޓް ޗާންސް އޮންނާތީ އެވެ. އަދި ބަލިވެ އިނަސް ބަނޑުގައި އޮންނަ ކުއްޖާގެ ކޮރޮމޯސޯމަލް އައިބުތައް ހުރުމުގެ ފުރުސަތު އިންތިހާއަށް އޮންނަ ކަމަކަށް މާޔޯ ކްލިނިކުން ބުނެ އެވެ. އެހެންކަމުން 54 އަހަރުގެ މީހަކު ބަލިވެ އިނަސް ބައިގެން ދިއުމުގެ 100 ޕަސެންޓް ޗާންސް އޮންނަ ކަމަށް ޑރ. ރުއިޒް ވިދާޅުވި އެވެ.
އަދި މިފަދަ މީހުންނަށް ލޭ މައްޗަށް ދިއުމާއި ޕްރިއެކްލެމްޕްޝިއާ އަދި ޕްލެސެންޓާގެ މައްސަލަތަކާއި އެނޫންވެސް ސިއްހީ މައްސަލަތައް އިންތިހާއަށް އިތުރުވާކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
"އުމުރުން 40ގެ އަހަރު ތަކަށް އެޅޭ ފަހުން ބަލިވެ އިނުމުން ވެސް ވަރަށް ގިނަ މައްސަލަތަކާ ކުރިމަތިވޭ. އަދި 50ގެ އަހަރުތަކުގައި ކިހާ މައްސަލަތައް ބޮޑުވާނެ،" ޑޮކްޓަރު ވިދާޅުވި އެވެ.
ޑރ. ރުއިޒް ވިދާޅުވީ އޭނާ މިހާތަނަށް ވިއްސާފައިވާ އެންމެ ދުވަސްވީ އަންހެންމީހާގެ އުމުރަކީ 51 އަހަރެވެ. އެމީހާ އެ ފަހަރު ވިހެއީ އެއްމާބަނޑު ދެ ކުދިން ކަމަށާއި އޭނާ ބަލިވެ އިނީ މީހަކު ހަދިޔާކުރި ބިސްތަކަކުން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އެއާއެކު ވެސް އެމީހާ ބަލިވެ އިނދެ ހޭދަކުރީ ވަރަށް އުނދަގޫ ދުވަސްތަކެއް ކަމަށް ޑރ. ރުއިޒް ވިދާޅުވި އެވެ.