ލައިފްސްޓައިލް

ދިވެހި އަންހެނާ އާއި ބުރުގާ، ފެޝަނާއި އޭގެ ވިޔަފާރި

މީގެ ގާތްގަނޑަކަށް 700 އަހަރު ކުރިން ފުރާވަރުގެ ދިވެހި އަންހެން ކުދިން ތިބީ ކިހިނެތްކަން އެނގޭ ހެއްޔެވެ؟ ޓޮޕްލެސްކޮށެވެ. ނުވަތަ ފޫޅުން މަތި ނިވާނުކޮށެވެ.

މިއީ ނިކަން ބޮޑު އިލްމުވެރިއެއް ކަމުގައިވީ އިބުން ބަތޫތާ މި ރާއްޖެއަކަށް ވަޑައިގެންނެވިއިރު ގައުމުގެ އަންހެން ދަރީން ތިބި ގޮތެވެ. ބޮޑުވެ ފުރާވަރަށް އަރާ އަންހެން ކުއްޖާގެ އައުރަ ނިވައުކޮށް އޭނާ ހެދުން ލެއްވުމަކީ ދިވެހިންގެ އޭރުގެ އަގީދާގައި މާ ބޮޑު ސަމާލުކަމެއް ނުވަތަ މުހިންމުކަމެއް ދެވިފައި އޮތް ކަމެއް ނޫނެވެ. އެހެންވީމަ އުމުރުން 15-16 އަހަރު ފުރޭއިރު ވެސް ބައެއް އަންހެން ދަރީން ތިބެނީ ފޫޅުން މަތި ނިވާ ނުކޮށެވެ.

ނަމަވެސް "ލިބާސް ލެއްވުމޭ" ކިޔުނު ނިކަން ފޯރިގަދަ ސަގާފަތެއް އޭރުގެ ދިވެހިންގެ މެދުގައި އޮތެވެ. މިއީ ދިވެހިންގެ ހެދުން އެޅުމުގެ ވައްޓަފާޅި ބުނެދޭން އޮތް އެންމެ ދޮށީ "ސްޓައިލޭ" ބުނެވިދާނެ އެވެ. އޭރު ރޯ އޮރިޔާމާ ހުންނަ ފުރާވަރުގެ އަންހެން ކުއްޖާ ހެދުން ލައްވާނީ ސަލަވާތް ކިޔަވައި، މީރު ހުވަނދުން ދުން ބުރުވުމަށް ފަހު އެދުރު މީހާ އެވެ.

އަންހެން ކުއްޖާގެ ބޮލުން ހެދުން މަހާލުމަށް ފަހު ދެން އޮންނާނީ މަތި މައްޗަށް ހެދުން ލެއްވުމެވެ. ބަރަކާތުގެ ފެންފޮދެއް ވެސް ބޮލަށް އަޅަ އެވެ.

މިއީ ދިވެހި އަންހެން ކުދިން ހެދުންލައި "އަންހެނުންނަށް" ބަދަލުވެގެންދާ މަރުހަލާ އެވެ.

ބޯވަޅު އެޅި އަދާރަސަމް ލިބާހާއި ފޭއްޔަކީ ދިވެހި އަންހެނާގެ ރީތިކަމާއި ފަރިކަން އެންމެ ފުރިހަމަ އަށް ދައްކުވައިދިން ހެދުމޭ ބުނެވިދާނެ އެވެ. އޭރަށް އެންމެ ނަލަ އަދި އެންމެ ހޮޓް ފެޝަން ޓްރެންޑަކީ ވެސް އެއީ އެވެ.

މި ޓްރެންޑަކަށް ނިމުން ގެނައީ ދެ ވަނަ ބޮޑު ހަނގުރާމައާ އެކު ދިވެހިންގެ ތެރެއަށް ތައާރަފްކުރި "ފާސްކުރި ހެދުން" ނުވަތަ "ނަމްބަރު ހެދުމާ" އެކުގަ އެވެ. މި ހެދުންވީ އަންހެނާގެ ވަނާތައް ނިކަން ރީއްޗަށް ހާމަކޮށްދިން ހެދުމަކަށެވެ. ބުނެވޭ ގޮތުގައި އަދިވެސް ދިވެހި އަންހެނުންގެ އެންމެ "ސެކްސީ" ހެދުމަކީ މިއީ އެވެ.

މިހައި ހިސާބަށް މިކިޔައި ދެވުނީ މީގެ 700 އަހަރު ކުރިން ފެށިގެން ދިވެހި އަންހެންވެރިންގެ ހެދުން އެޅުމުގެ ވައްޓަފާޅި ހުރި ގޮތުގެ ވާހަކަ އެވެ. މި ޒަމާނުގެ ކުލަތައް އެމީހުންގެ ހެދުންތަކަށް ފޭދެން ފެށީ 1960ގެ ފަހުކޮޅު އެވެ.

ފާހަގަކޮށްލަން ޖެހެނީ ކޮން ކަމެއް ހެއްޔެވެ؟ ދިވެހި އަންހެނުން "ޓޮޕްލެސްކޮށް" އުޅުނު ޒަމާނުން ފެށިގެން ފާސްކުރި ހެދުން ލައި ބޮލުފޮތި އެޅިޔަސް ވަރަށް ފަހުން ނޫނީ "ބުރުގާއެއް" މިބައި މީހުންގެ ފެޝަން ވައްބުރުގެ ތެރެއަށް ވަދެފައިނުވާކަމެވެ. އަދި ދިވެހި އަންހެންވެރިންނަކީ އެމީހުންގެ ވަނާތައް ފާޅުވާ ގޮތަށް ހެދުން އަމިއްލަ އަށް ޑިޒައިންކޮށް ލައި އުޅުނު ބައެއް ކަމެވެ.

ބުރުގާ އަކީ ފެޝަނެއް، ބޮޑު ވިޔަފާރިއެއް!

މީގެ ތިރީހަކަށް އަހަރު ކުރިން ދިވެހި އަންހެންވެރިންގެ ތެރެއިން ބަޔަކު "ބުރުގާ" ގެ ވައްތަރެއް އެޅިޔަސް އޭރު އެކަމެއް ކުރި ގިނަ މީހުން އެކަން ކުރީ އެއްގޮތަކަށް ވެސް ދީނީގޮތުން އެކަމަކަށް ދެވިފައިއޮތް އަހައްމިއްޔަތުކަމެއް އެނގިގެނެއް ނޫނެވެ. ބުރުގާ ނާޅާ ނުވަތަ ޢައުރަ ނިވައުނުކުރާ އަންހެނާ އަށް އާޚިރަތުގައި ލިބެން އޮތް އަޒާބެއްގެ ވާހަކަ ވެސް އޭރަކު އާންމެއް ނޫނެވެ.

އޭރު ބުރުގާ އެޅި މަދު ބަޔަކު ބުރުގާ އަޅައި އުޅުނީ މުސްކުޅި އުމުރަށް ދިޔައީމަ އެވެ. ފަހަރެއްގައި ބޮލުގައި ޖެހި ނުރަ އާއި ހުތުރުވި ސިފަ ފޮރުވުމަށެވެ.

އެހެން ނަމަވެސް ފާއިތުވި 10 ވަރަކަށް އަހަރު ތެރޭގައި ބުރުގާގެ ފޯރިއެއް ދިވެހިންގެ މެދުގައި ހިފައި، ޖިލްބާބަކަށް ފަހު ޖިލްބާބެއް ހުޅުވި، ވައްތަރަކަށް ފަހު ވައްތަރަކަށް ބުރުގާ އެޅުމާއި ބުރުގާ އަޅައި ދިނުން ވެސް މިއަދު މި އޮތީ އާންމުވެފަ އެވެ. ބަޔަކު މީހުން ދިރާސާއެއްކޮށްފި ނަމަ ޔަގީނަށް ވެސް މަސްތުވާތަކެއްޗަށް ފަހު އެންމެ ބޮޑު ވިޔަފާރި މާކެޓެއް މި ރާއްޖޭގައި މިހާރު އޮތީ ބުރުގާއަށްކަން އެނގިގެންދާނެ އެވެ.

މިސާލަކަށް މަޝްހޫރު "ޖިލްބާބް" ފިހާރަތަކުން ވެސް ބުރުގާއާ ގުޅޭ ނުވަތަ އެ އެއްޗެހިތަކަކާ ނުލައި ބުރުގާ ފުރިހަމަނުކުރެވޭ އެތައް ސަތޭކަ އިތުރު ސާމާނުތަކެއް އެބަ ވިއްކަ އެވެ. އަނެއްކޮޅުން ހަފުލާތަކަށް ދާ މީހާ އަށް އަގުބޮޑުކޮށް ބުރުގާ އަޅައިދޭން މީހުން ތިބިއިރު ކައިވެންޏަކަށް ތައްޔާރުވާ އަންހެން ކުއްޖާ އަށް މި ޖެހެނީ އެތައް ހާސް ރުފިޔާއެއް ހޭދަކޮށްގެން ބުރުގާއެއް ޖަރީކުރާށެވެ. މި ކަންކަމަށް ހާއްސަ ތަޖުރިބާކާރުންގެ އެކި ކަހަލަ ގްރޫޕްތައް ފޭސްބުކް ފަދަ ސޯޝަލް މީޑިއަންތަކުގައި ވަރަށް އާންމު ވެސްމެ އެވެ.

ކުރުކޮށް ބުނާ ނަމަ ބުރުގާ އަކީ ދިވެހި އަންހެނުންގެ ބަދަލުވަމުން އައި ފެޝަން ނުވަތަ ހެދުން އެޅުމުގެ ވައްޓަފާޅި އަށް އެންމެ ބޮޑު އިންގިލާބެއް ގެނައި "ފޮތިކޮޅެވެ". ބުރުގާ އެޅުން މިއަދު މި ވަނީ ބޮޑު ފެޝަނަކަށް ބަދަލުވެ އަދި އެހައިމެ ބޮޑު ވިޔަފާރިއަކަށް ވެސް ބަދަލުވެފަ އެވެ.

މުޖުތަމައުގެ ހާލަތު މިވަރަށް ބަދަލުވެފައި އޮތުމުން ކުރިން ބުރުގާ އަޅަން ބޭނުންނުވި އަންހެން ކުދިން ވެސް ފަހުން ބުރުގާ އަޅައިގެން އުޅޭ މަންޒަރު ފެނެ އެވެ. ބުރުގާއާ ނުލައި ދިވެހިންގެ އެންމެ ފަހުގެ ފެޝަން ޓްރެންޑްތަކަށް ފޮލޯނުކުރެވޭނެތީ އެވެ.

އެކަމަކު ދީނުގައި އޮތް ބުރުގާގެ ޓްރެންޑް ބަދަލެއް ނުވޭ!

ބަދަލުވީ ބައެއް ދިވެހިންގެ ހިތެވެ.

މީގެ ދިހަ ވަރަކަށް އަހަރު ކުރިން މުޅި ރާއްޖޭގައި ބުރުގާ އެޅުން އާންމުވި އެންމެ ބޮޑު ސަބަބަކީ ދިވެހިންގެ ހިތްތަކަށް ގިޔާމަތުގެ ބިރުވެރިކަން ވައްދައިދިން ސިލްސިލާ ދީނީ ދަރުސްތަކެވެ. މި ދަރުސްތަކެއް މުޅި ރާއްޖޭގައި އާންމުވެގެންދިޔަ އިރު އޭރު އެރި ސުނާމީއެއްގެ ބިރުވެރިކަމަކުން ވެސް ވަރަށް ގިނަ ދިވެހިން ތިބީ އަރައިނުގަނެވިފަ އެވެ.

އެހެންކަމުން ވަރަށް ގިނަ ބަޔަކު އިސްލާހުގެ މަގު ހިޔާރުކޮށް ހެޔޮނިޔަތުގައި ދިރިއުޅުން ބާއްޖަވެރިކުރުމަށް ހިފި އެވެ. އެގޮތުން ދީނީ ގޮތުން އަހުލާގީ ބޮޑެތި ބަދަލުތަކެއް މީހުންގެ ދިރިއުޅުމަށް ގެނައެވެ.

ނަމަވެސް ޒަމާނުގެ އޮއިވަރުގައި ޖެހި ހިތާއި ހިޔާލު ކިލަނބުވެ، އަޅައިގެން ތިބި ބުރުގާ ވެސް ކިލާވެގެން ދިޔައީ އެވެ. އެހެން ނަމަވެސް ދީނުގައި ބުރުގާ އަށް އޮތް މަގާމާއި އަންހެނާގެ އައުރަ ނިވައުކުރުމަށް ކުރަން ޖެހޭ ކަންކަމަށް ބަދަލެއް އައިސްފައެއް ނެތެވެ.

ބުރުގާއެޅުމުގައި، ނުވަތަ އަންހެނާގެ އައުރަ ނިވާކުރުމުގައި ޝަރުތުތަކެއް ކަނޑައަޅުއްވާފައި އެބަހުއްޓެވެ. މިގޮތުން، އަޅާހެދުމަކީ ހަށިގަނޑުގެ ގުނަވަންތައް ފާޅުނުވާ ވަރުގެ ބޯ ހެދުމަކަށް ވާންޖެހޭނެއެވެ. ވަނާތައް ނޭނގޭވަރުގެ ދޫ ހެދުންތަކަކަށް ވާން ޖެހެ އެވެ.

ހަށިގަނޑުގެ ގުނަވަންތަށް ފެންނަ ގޮތަށް ހުންނަ ހެދުން އެޅުމުން އަންހެނާގެ އައުރަ ނިވައެއް ނުކުރެވެ އެވެ. އެހެން ނަމަވެސް ބުރުގާގެ ފެޝަންތަކާ އެކު ގިނަ ފަހަރަށް އަންހެން މީހާގެ ނިވައުވެފައި އޮންނަނީ ހަމައެކަނި ބޮލުގެ އިސްތަށިގަނޑެވެ.

އައުރަ ނިވައު ކުރުމަށް ކީރިތި ގުރުއާނާއި، މާތް ނަބިއްޔާ ސައްލަﷲ އަލައިހިވަސައްލަމްގެ ހަދީސްފުޅުތަކުން މުސްލިމު އަންހެނުންނަށް ވަނީ އަމުރުކުރެވިފަ އެވެ. އަދި އައުރަ ނިވާނުކުރާ އަންހެނުންނަށް ހުރި ގަދަފަދަ އަޒާބުގެ ވާހަކަ ވެސް ބަޔާންވެގެން ވެއެވެ.

މިސާލަކަށް، އަހުޒާބު ސޫރަތުގެ 59 ވަނަ އާޔަތުގެ މާނަ އެވެ.

"އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނަށާއި، މުއުމިނު އަންހެނުން އެކަނބަލުންގެ ފޭރާނަތަކުން ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ".

ހުރި އަޒާބެއްގެ ބޮޑުކަމާ އެވެ!

ޢައުރަ ނިވައުނުކޮށް ނުވަތަ ހެދުން އަޅައިގެންނޭ ކިޔާފައި "އޮރިޔާމުން" ތިބޭ އަންހެނުންގެ ވާހަކަ ހަދީސްފުޅުތަކުގައި އައިސްފައިވެ އެވެ. އެކަނބަލުންނަށް ސުވަރުގެ ނުވަދެވޭނެކަމާއި، ސުވަރުގޭގެ ވަސްވެސް ނުލިބޭނެ ވާހަކަ ބަޔާންވެގެން އައިސްފައިވެ އެވެ.

އެހެންވީމަ އަންހެނާ އޭނާގެ އައުރަ އިސްލާމީ ރިވެތި އަހުލާގުން ނިވައުކުރާނީ ކިހިނެތް ހެއްޔެވެ؟

އަޅާ ހެދުން ވާން ޖެހޭނީ މޫނާއި ދެ އަތްތިލަ ފިޔަވައި ހަށިގަނޑުގެ އެހެން ހުރިހާ ގުނަވަނެއް، ތަނެއް ފޮރުވޭ ފަދަ ހެދުމަކަށެވެ. މިއީ ދީނުގައި މިކަން އޮތް ގޮތް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިން ބުނެ އެވެ. ބައެއް އިލްމުވެރިން ވިދާޅުވާގޮތުގައި މޫނާއި ދެ އަތްތިލަވެސް ނިވާކުރަން ޖެހޭނެއެވެ. ޚާއްސަކޮށް ފިތުނަވެރި މުޖުތަމައުތަކުގައެވެ.