ހަބަރު

މައުމޫނާއި ދެ ފަނޑިޔާރުންގެ ހާލު އެބަ ބަލަން: އެޗްއާރްސީއެމް

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ހާލު ގާތުން ބަލަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދޫނިދޫ ކަސްޓޯޑިއަލް އަށް އިއްޔެ ޒިޔާރަތްކޮށް ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރުގެ ހާލު ބައްލަވާފައިވާ ކަމަށާއި އެދެބޭފުޅުން ބައިތިއްބާފައި ތިބި ތަނުގެ ހާލުވެސް ރަނގަޅު ކަމަށެވެ.

އެޗްއާރްސީއެމުން ބުނީ، ހާލުކޮޅު ސީރިއަސްވެ، އައިޖީއެމްއެޗްގައި އެޑްމިޓް ކޮށް ފަރުވާދެމުންދާ އަލީ ހަމީދުގެ ހާލުވެސް އެކޮމިޝަނުން ބައްލަވާފައިވާ ކަމަށާއި އަލީ ހަމީދުގެ ސިއްހީ ކަންކަން ވެސް ކުރިއަށްދާ ކަމަށެވެ.

އަލީ ހަމީދުގެ ހާލުކޮޅު ސީރިއަސްވެ އައިޖީއެމްއެޗްގައި ފަރުވާދޭން ފަށާފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރެޔެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހައްޔަރު ކުރި، ރައީސް މައުމޫނަށް ކުރި ތުހުމަތު ތަކަކީ ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވުމާއި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން އުޅުމާއި ޝަރީއަތަށް ނުފޫޒު ފޯރުވުމާއި ސަލާމާތީ ބާރުތައް ބައިބާ ކުރުމާއި ނުފޫޒު ފޯރުވުމެވެ.

ފަނޑިޔާރު އަލީ ހަމީދަށް ކޮށްފައިވާ ތުހުމަތުތަކަކީ ރިޝްވަތު ހިފުމާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގަން ދަތި ކުރުމާއި ދައުލަތް ހިންގުމަށް ދަތި ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ވަނީ އަލީ ހަމީދުގެ މައްޗަށް ހިޔާނާތާއި ރިޝްވަތާއި ސަރުކާރު ވައްޓާލަން އުޅުއްވުމުގެ ހެކި ލިބިފައިވާތީ މަގާމުން ސަސްޕެންޑްވެސް ކޮށްފަ އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ރިޝްވަތުގައި ފައިސާ ހިފުމާއެކު ވަކި ގޮތަކަށް ހުކުމްތައް ނެރުމާއި ގާނޫނީ ވަރިކަން ބަދަލު ކުރުމަށް މަސައްކަތް ކުރުމާއި ދައުލަތާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގަން ހުރަސް އެޅުން ފަދަ ކަންކަން ހިމެނެ އެވެ.