ހަބަރު

ފަނޑިޔާރުންގެ އާއިލާތަކަށް ބިރުދެއްކުން ހުއްޓާލަން ގޮވާލައިފި

ފަނޑިޔާރުންގެ އާއިލާތަކަށް ބިރުދެއްކުމުގެ ގޮތުން ފުލުހުން މެދުވެރިކޮށް ސަރުކާރުން ކުރަމުންދާ ކަންކަން ހުއްޓާލުމަށް އިދިކޮޅު ސިޔާސީ ފަރާތްތްކުން ސަރުކާރަށް ގޮވާލައިފި އެވެ.

އިދިކޮޅު އިއްތިހާދުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުންނާއި އާއިލީ ބައެއް ބޭފުޅުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އެއީ ޝަރުއީ ދާއިރާގައި ނިޔާކަނޑައަޅާ ފަރާތްތަކަށް ބިރުދެއްކުމަށް ފުލުހުން މެދުވެރިކޮށް ސަރުކާރުން ހިންގާފައިވާ އަމަލެއް ކަމަށެވެ. އެކަން އެގޮތަށް ކުރެވިގެން ނުވާނެ ކަމަށާއި ފަނޑިޔާރުންގެ އާއިލާތަކަށް ބިރުދެއްކުން މިހާރުން މިހާރަށް ހުއްޓާލަން އަމީތު ގޮވާލެއްވި އެވެ.

ފުލުހުން ރޭ ދަންވަރުގެ ވަގުތެއްގައި ވަނީ އަލީ ހަމީދު އަނބިކަނބަލުން ދިރިއުޅުއްވާ ގެއަށް ވަދެ އޭނާ އަންހެނުންނާއި އަންހެނުންގެ ދެ ކޮއްކޮއަކާއި އޭޭގެން އެކަކުގެ އަނބިކަނބަލުން ވެސް ހައްޔަރު ކޮށްފަ އެވެ. އޭގެ އިތުރުން އެ މީހުން ދިރިއުޅޭ މ. މިބިނާ ފާސްކޮށް ބައެއް ތަކެތި ވެސް ވަނީ ގެންގޮސްފަ އެވެ.

ފަނޑިޔާރު އަލީ ހަމީދުގެ އާއިލީ ބޭފުޅުން ފުލުހަށް ގެންގޮސްފައިވަނީ ޣައިރު ގާނޫނީ ހަމަޔައަކުން ކަމަށް ވިދާޅުވެ އެފަދަ ކަންކަން ކުރުން ހުއްޓާލުމަށް އޭނާވަނީ ފުލުހުންގެ ކިބައިން އެދިފަ އެވެ.

"މިފަދަ ކަންކަމަކީ ސީދާ ފަނޑިޔާރުންނާއި ޝަރީއަތްކުރާ ފަރާތްތަކަށް ބިރުދައްކައި އެކަމުން ނާޖާއިޒު ފައިދާތަކެއް ހޯދުމަށް ކުރާ ކަންކަން. މިފަދަ ކަންކަން ކުރަމުންދާ ކުރާ މީހުންނާއި ފުލުހުންގެ މުއައްސަސާގައި އިސްކޮށް ތިއްބެވި ބޭފުޅުންނާއި އަމުރުތައް ތަންފީޒުކުރާ އާދައިގެ ފުލުހުންނަށް ވެސް ގޮވާލަނީ ޣައިރު ގާނޫނީ އަމަލު ތަންފީޒު ކުރުމަށް އެއްބާރުލުން ނުދިނުމަށް،" ޣައިރު ގާނޫނީ އަމުރުތަކާ ދެކޮޅަށް ފަރުދީ ގޮތުންވެސް ފުލުހުން ނޫނެކޭ ބުނަންޖެހޭ ކަމަށް އަމީތު ވިދާޅުވި އެވެ.

ބޮޑެތި ތުހުމަތުތަކެއްގައި ފުލުހުންގެ ބަންދުގައި މިހާރު ތިބި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު "ޣައިރު ގާނޫނީ ގޮތުން" ހައްޔަރުކޮށްފައިވާއިރު އެބޭފުޅުންނަށް ގާނޫނީ ގޮތުން ދޭންޖެހޭ ހައްގުތައް ސަރުކާރުން ހިފަހައްޓާފައިވާ ކަމަށް އަމީތު ވިދާޅުވި އެވެ. އަދި ބަންދުގައި މިހާރު ތިއްބެވިއިރު، ގާނޫނީ ގޮތުން އެބޭފުޅުންނަށް ލިބިދޭންޖެހޭ ހައްގުތައް ވެސް ދީފައި ނުވާކަމަށް އޭނާ ވަނީ ތުހުމަތުކުރައްވާފަ އެވެ.

އޭނާ ވަނީ ފަނޑިޔާރުން ހައްޔަރުކުރި ރޭ، ކޯޓުގެ ހުރުމަތް ކަނޑާލުމުގެ ތުހުމަތަށް އުއްތަމަފަނޑިޔާރު ހުކުމްކުރި ފުލުހުންގެ މައްޗަށް އެ އަމުރު ތަންފީޒުކުރުމަށް ވެސް ގޮވާލާފަ އެވެ.

"..ސުޕްރީމް ކޯޓުގެ ހުރުމަތްކަނޑާލައި ޣައިރުގާނޫނީ ގޮތުން އުއްތަމަފަނޑިޔާރު ހައްޔަރުކުރި ފަރާތްތަކަށް ހައްޔަރަށް ވަޑައިގެންނެވުމުގެ ކުރިން ހުކުމް ކުރެއްވި ކަމަށް ވަކީލުންގެ ބަޔާނުގައި ވަނީ ބުނެފައި. އެ ހުކުމް ތައް ވަގުތުން ވަގުތައް ތަންފީޒުކުރުމަށް ގޮވާލަން. ހަމައެއާއެކު އުއްތަމަ ފަނޑިޔާރުގެ ހައްގުތައް ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތަކުން ވަނީ ނިގުޅައިގެންފައި. އަދި ގާނޫނީ ގޮތުން ލިބިދޭންޖެހޭ ހައްގުތައްވެސް ވަނީ ހިފަހައްޓާފައި. އާއިލާއަށް އަންގަންޖެހޭ މައުލޫމާތުތަކެއްވެސް ފޯރުކޮށްދީފަ އެއް ނުވޭ،" އަމީތު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ހައްޔަރުކުރުމާގުޅިގެން އެމަނިކުފާނުގެ ވަކީލުން އިއްޔެ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ރަޔަޓް ގިޔަރުގައި ތިބި ސިފައިންނާއި ފުލުހުން ސުޕްރީމް ކޯޓަށް ވަދެގަތީ ނަހަމަ ގޮތުގައި ބާރުގެ ބޭނުންކޮށްގެން ކަމަށާއި އެއްވެސް ހުއްދައެއް ވެސް ހޯދުމަކާ ނުލާ ކަމަށެވެ. އަދި ދޮރުތައް ހަލާކުކޮށް، އުއްތަމަ ފަނޑިޔާރުގެ ހަށިކޮޅަށް އައްލާފައިވާ ކަމަށާއި، އެހެންވެ އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުގެ ތެރެއަށް ވަދެގަތް ސިފައިންނާއި ފުލުހުންގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވި ކަމަށެވެ.