ކްރިމިނަލް ކޯޓް

މައުމޫން އާއި ނަދީމުގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައިގެންފި

ދޫނިދޫގައި ޖަލުބަންދުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން ކުރީގެ މުހައްމަދު ނަދީމްގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓަށް މިއަދު ހުށަހެޅި ހެބިއަސް ކޯޕަސް މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފި އެވެ.

އެ މައްސަލަ އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ހުށަހަޅަން މަސައްކަތްކޮށްފައިވަނީ އިއްޔެ އެވެ. ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އެވަގުތު އަމަލުކުރަމުން ނުދާ ކަމަށް ބުނެ އެ ކޯޓުން މައްސަލަ ބަލައިގެންފައެއް ނުވެއެވެ.

ރައީސް މައުމޫނާއި ނަދީމުގެ ވަކީލް މައުމޫން ހަމީދު މިއަދު ވިދާޅުވީ، އެ ދެބޭފުޅުންގެ ފަރާތްފުޅުން ވަކިވަކިން ހުށަހެޅި އެދެ މައްސަލަ ކްރިމިނަލް ކޯޓުން މިއަދު ބަލައިގެންފައިވާ ކަމަށެވެ. އަދި ވީހާވެސް އަވަހަށް އެ ދެ ބޭފުޅުންގެ ހައްޔަރަކީ ޣައިރު ގާނޫނީ ހައްޔަރެއް ކަމަށް ކަނޑައަޅައި ދެ ބޭފުޅުން މިނިވަންކޮށްދެއްވުމަށް މައުމޫން ހަމީދު ވަނީ އެދިވަޑައިގަންނަވާފަ އެވެ. -- ހެބިއަސް ކޯޕަސްގެ މައްސަލަތަކަކީ ގާނޫނާ ހިލާފަށް ބަންދު ކޮށްފައިވާ މީހެއް ބަންދުން ދޫކޮށްލުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާ މައްސަލަ އެވެ. މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހުށަހެޅޭ މައްސަލައެކެވެ --

ރައީސް މައުމޫނަށް ފުލުހުން ކުރާ ތުހުމަތުތަކުގެ ތެރޭގައި ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވުމާއި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން އުޅުމާއި ޝަރީއަތަށް ނުފޫޒު ފޯރުވުމާއި ސަލާމާތީ ބާރުތައް ބައިބާ ކުރުމާއި ނުފޫޒު ފޯރުވުން ހިމެނެ އެވެ. އެކަމާ ގުޅޭ ހެކިބަހާއި ހެލި ލިބިފައި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ރައީސް މައުމޫން ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ.

ނަދީމް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ބަހައިގެން ގާނޫނީ ވެރިކަން މަސައްކަތްކުރުމުގެ ތުހުމަތަށެވެ.

ރައީސް މައުމޫނާއި ނަދީމުގެ ފަރާތްޕުޅުން ވަކީލް ކޯޓަށް މިއަދު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ފެބްރުއަރީ ހޯމަ ދުވަހުގެ ރޭ އެ ދެބޭފުޅުން ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސް ޖަލުގައި ބަންދުކޮށްފައިވާއިރު، މިހާތަނަށްވެސް އެ ދެ ބޭފުޅުންގެ ބަންދާމެދު ގޮތެއް ކަނޑަނާޅައި ބަންދުކޮށްގެން އުޅެނީ ގާނޫނުއަސާސީއާ ސުޕްރީމްކޯޓުގެ އުސޫލްތަކާއި ރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފަށް ކަމަށް ކަށަވަރުވާ ކަމަށެވެ.

ގާނޫނު އަސާސީގެ 48 ވަނަ މާއްދާގެ (ރ) ގައި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހާ ބަންދުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް ހައްޔަރުކުރެވުނުތާ ގިނަވެގެން 24 ގަޑިއިރުތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންޖެހެއެވެ.

އެ މައްސަލާގައި އިތުރަށް ބުނެފައިވަނީ ރައީސް މައުމޫނާއި ނަދީމް ހައްޔަރުކުރި އިރު ކުއްލި ނުރައްކަލުގެ ހާލަތުގައި ހަނިކުރެވޭ މާއްދާތަކުގެ ތެރޭގައި 48 ވަނަ މާއްދާ ހިމަނާފައި ނުވުމާއެކު އެ މާއްދާއިން އެ ދެބޭފުޅުންނަށް ލިބިދޭ ހުރިހާ ހައްގެއް އެއްވެސް ހިފެހެއްޓުމަކާނުލައި ލިބިދޭންޖެހޭނެ ކަމަށެވެ.

މައުމޫން އާއި ނަދީމްގެ ބަންދާމެދު ގޮތެއް ކަނޑަނާޅައި 48 ގަޑިއިރު ހަމަވެފައިވާއިރު މައުމޫން ހަމީދު އިއްޔެ ވިދާޅުވެފައިވަނީ ފުރިހަމަ ތަހުގީގެއް "ކުއްލި ނުރައްކަލުގެ ހާލަތުގެ" ނިވަލުގައި ނުހިންގާނެ ކަމަށެވެ. އަދި ކުރާ ތުހުމަތުތަކަކީ ހަގީގީ ތުހުމަތުތަކަށްވާނަމަ ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރަން ފުރުސަތު ނުދީ އެކަމަށް ބިރުން ތިބެގެން ހިންގާ ތަހުގީގެއް ނުހިންގާނެ ކަމަށެވެ. އިންސާފުވެރި ޝަރީއަތްތެއް ދެކެ ވެސް ބިރުން ނޫޅޭނެ ކަމަށެވެ.