ހައިކޯޓް

ގެންގުޅޭ ފޯނު ދެވެން ނެތުމަކީ ކުށެއް ނޫން: ހައިކޯޓު

މީހަކު ގެންގުޅޭ ފޯނު ދެވެން ނެތް ހާލަތެއްގައި ފުލުހުން އެދުނަސް ފޯނު ނުދިނުމަކީ ކުށެއް ކަމަށް ނުބެލެވޭނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

މިގޮތަށް ކަނޑައެޅީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތަހުގީގަށް ފޯނު ނުދެއްވި ކަމަށް ބުނެ އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް އިއްވުމުން އެ މައްސަލާގައި ހިންގި އިސްތިއުނާފު ޝަރީއަތުގެ ހުކުމްގަ އެވެ.

ހައިކޯޓުގެ ފަނޑިޔާރުން ކަމަށްވާ ހަސަން އަލީ އާއި އަލީ ސަމީރާއި އަބްދުﷲ ހަމީދު ބެއްލެވި މައްސަލާގެ ހުކުމްގައިވާ ގޮތުން މީހަކު ފޯނެއް ގެންގުޅުމަކީ އެކަމުގެ ޒާތުގައި ކުށެއް ނޫނެވެ. އެގޮތުން ފޯނަކީ ފޯނުގެ ބޭނުންކޮށްގެން އަނެކުންނާއި ޒާތީ މުއާސަލާތުކުރުމަށް ބޭނުންކުރާ ވަސީލަތަކަށްވާއިރު އަނެކުންނާކުރާ ޒާތީ މުއާސަލާތުތަކަކީ ހުރުމަތްތެރިވެގެންވާ ހައްގެއްކަން ގާނޫނު އަސާސީއިން އެނގެން އެބަ އޮތެވެ.

އެމީހަކާއި ދެކޮޅަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އެމީހަކާއި ދެކޮޅަށް ހުރިހެކި އެމީހަކު ދެއްކުން މަޖުބޫރު ނުކުރެވޭނެ ކަމަށް ބަޔާންކުރާ އަސާސްއަށް ބެލުމުން މީހަކު ގެންގުޅޭ ފޯނެއް ގެއްލިގެން ނުވަތަ ފެންނަން ނެތިގެން ނުވަތަ އެނޫން ވެސް ސަބަބެއް މެދުވެރިވެގެން އެމީހަކު ގެންގުޅޭ ފޯނެއް ދެވެންނެތުމަކީ ހަމައެކަނި އެސަބަބަށްޓަކައި ގާނޫނުލްއުގޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަންބަރަށް ރިއާޔަތްކޮށް ކުށެއްކަމުގައި ނުބެލެވޭނެ ކަމަށް ފަނޑިޔާރު ސަމީރު ރިޔާސަތުގައި އިންނެވި މައްސަލާގެ ހުކުމްގައިވެ އެވެ.

ގާނޫނުލްއުގޫބާތުގެ 530 ވަނަ މާއްދާގެ (ހ)ގެ ދެވަނަ މާއްދާގައި ބުނެފައިވަނީ ޝަރީއަތަށް ހުށަހެޅިދާނެ ހެއްކެއް ކަމުގައި ވިޔަސް އަދި ނުވިޔަސް މައްސަލައަކާ ގުޅުން ހުރި މާއްދީ ހެކި ނެތިކޮށްލުމާއި، ބަދަލުކުރުމާއި، ފޮރުވުމާއި، ފާހަގަނުވާނެ ގޮތް ހެދުމާއި، ދޮގު ހެކި ބެހެއްޓުމާއި، ދޮގު މައުލޫމާތު ދިނުން ކަމަށެވެ.

ކުރިމިނަލް ކޯޓުން ރައީސް މައުމޫންގެ މައްޗަށް އިއްވި ހުކުމްގައި ބުނެފައިވަނީ، މ.އެންދެރިމާގޭގެ ރައީސް މައުނޫން ހުންނަވަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް މައުމޫން ގެންދިއުމުން މައުމޫން ފޯނު އޮތްތަނެއް ބުނެދީފައިނުވާކަން އަދި އޭގެ ފަހުންވެސް ފުލުހުންނަށް ފޯނު ފޯރުވައިދީފައިނުވާކަން ހެކިންގެ ހެކިބަހުން އެނގޭ ކަމަށާއި، މިހެންކަމުން ބުނެވުނު ހެކިބަސްތަކުގެ މައްޗަށް ބެލުމުން މައުމޫންގެ ފޯނުގައި މައްސަލައާ ގުޅޭ ހެކި ހުންނާނެކަމަށް ޝަރީއަތަށް ބުރަވެވޭ ކަމަށެވެ.

ނަމަވެސް ހައިކޯޓުން ވަނީ އެއީ އެއްވެސް އަސާސެއް ނެތް ނިންމުމެއް ކަމަށް މިއަދު ކަނޑައަޅާފަ އެވެ. ހައިކޯޓުގެ ހުކުމްގައި ބުނީ، ރައީސް މައުނޫން ގެންގުޅުނު ފޯނެއްގައި އެފަދަ ހެކި ހުރި ކަމަށް ބުރަވެވުނީ ކޮންކޮން ސަބަބުތަކެއް ހުރެގެންކަން މައްސަލައިގައި ފާހަގަކޮށްފައިނުވާ ކަމަށެވެ. އެކަމުގެ މައްޗަށް ބުރަވެވޭ އިތުރު އެއްވެސް ހެއްކެއް އަދި ގަރީނާއެއް ވިޔަސް ނެތް ކަމަށެވެ.

މައްސަލާގައި ދީފައިވާ ހެކިބަސްތަކަށް ބެލުމުން އެ ހެކިބަސްތަކުން ހަމައެކަނި ދެނެގަނެވެން އޮތީ މައުމޫންގެ އަތުގައި އޮތް ކަމަށް ބުނާ ފޯނެއް ވީތަނެއް ބުނެދެވިފައިނުވާކަން އެކަނިކަމާއި، އެމިންވަރަކީ، ގާނޫނުލްއުގޫބާތުގެ 530 ވަނަ މާއްދާގެ (ހ)ގެ ދެވަނަ މާއްދާއަށް ރިއާޔަތްކޮށް މައުމޫން ގެންގުޅުނު ކަމަށް ބުނާ ފޯނެއްގައި ހުރި ކަމަށް ބުނާ، ފުލުހުން ތަހްގީގު ކުރަމުންދާ މައްސަލައެއްގެ މާއްދީ ހެކި ނައްތާލީކަން ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެއްނެތް މިންގަނޑުން ސާބިތުވާ މިންވަރުގެ ހެކި ކަމުގައި ނުބެލޭނެ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައިވެ އެވެ.