ހަބަރު

މައުމޫންގެ ޖަލު ހުކުމާމެދު މާދަމާ ހައިކޯޓުން ގޮތް ނިންމަނީ

Oct 17, 2018
2

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލާގައި ގޮތް ނިންމުން ހައިކޯޓުން މާދަމާއަށް ތާވަލުކޮށްފި އެވެ.

ތަހުގީގަށް ފޯނު ނުދިން މައްސަލައިގަ ރައީސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ކުރިމިނަލް ކޯޓުން ރައީސް މައުމޫންގެ މައްޗަށް އިއްވީ އެއް އަހަރާއި ހަތް މަހާއި ހަދުވަހުގެ ޖަލު ހުކުމެކެވެ.

އެ ހުކުމް ރައީސް މައުމޫން ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް ކަފާލާތުގެ ދަށުން އެމަނިކުފާނު ވަނީ ހައިކޯޓުގެ އަމުރަކުން މިނިވަންކޮށްފަ އެވެ. ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަންކުރީ އިސްތިއުނާފު މައްސަލާގައި ހައިކޯޓަށް ގޮތެއް ކަނޑައެޅެންދެނެވެ.

އިސްތިއުނާފު މައްސަލާގެ އަޑުއެހުމެއް މީގެކުރިން ބޭއްވިިއިރު އެ އަޑުއެހުމުގައި ކުރިމިނަލް ކޯޓުން ޝަރީއަތް ހިންގުމުގައި އަމަލުކުރި އިިޖްރާއާތެއް ރަނގަޅު ނޫން ކަމަށް ކަމަށް ދައުލަތުން ބުނެފައިވެ އެވެ. އެ ދުވަހު މައްސަލާގެ އަޑުއެހުންތައް ނިންމާލި އެވެ. އަދި އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ބުނެފައިވެ އެވެ.

މި މައްސަލާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ ވެސް ރައީސް މައުމޫނަށް ކުރެ އެވެ. ނަމަވެސް އެ މައްސަލާގެ ޝަރީއަތް އަދި ދަށު ކޯޓުގައި ވެސް ނުފެށެ އެވެ. ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ.

ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް އެމަނިކުފާނާއެކު ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ. ހައިކޯޓުގައި ފާރިސްގެ ޖަލު ހުކުމް އިސްތިއުނާފު އަޑުއެހުންތައް ވެސް މިހާރު ވަނީ ނިމިފަ އެވެ. ދެން އޮންނާނީ ހުކުމެވެ.