ހަބަރު

މައުމޫންގެ ބޭސްފަރުވާއަށް އިހުމާލުވި މައްސަލާގައި ދައުވާކުރަން ފޮނުވައިފި

Feb 12, 2019
10
ކުރީގެ ރައީސް މައުމޫން: ބޭސްފަރުވާއަށް އިހުމާލުވި މައްސަލާގައި ދައުވާކުރަން ވަނީ ފޮނުވާފަ - އަހުމަދު ޝުރާއު | އަވަސް
0%
0%
0%

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލުގައި ހައްޔަރުކޮށްފައި ހުންނެވި ދުވަސްވަރު ބޭސްފަރުވާއަށް އިހުމާލުވި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރްސީއެމްއިން ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.

ކަރެކްޝަނަލް ސާވިސްއިން އެމަނިކުފާނުގެ ބޭސްފަރުވާއަށް އިހުމާލުވެފައިވާ ކަމަށް ވިދާޅުވެ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހެޅުއްވީ އެމަނިކުފާނު ޖަލުގައި ހުންނެވިއިރު އެވެ. އެކި ފަހަރު މަތިން އެޗްއާރްސީއެމްގެ ސަމާލުކަމަށް އެ މައްސަލަ ރައީސް މައުމޫންގެ ފަރާތުން ގެންނެވި އެވެ.

މިއަދު އެޗްއާރްސީއެމްއިން ބުނީ އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާކޮށްދިނުމަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ދައުވާކުރުމަށް އެދުނީ ކޮން ބަޔަކާ ދެކޮޅަށް ކޮން ދައުވާއެއް ކަމެއް ނުބުނެ އެވެ. މީގެ ދުވަސްކޮޅެއް ކުރިން ޖަލުގައި ގައިދީއަކު މަރުވި މައްސަލާގައި ދައުވާކޮށް ދިނުމަށް ވެސް އެޗްއާރްސީއެމްއިން އެދިފައިވެ އެވެ.

މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ރައީސް މައުމޫން ހައްޔަރުކޮށް ޖަލުގައި ގެންގުޅުނު އަށް މަސް ދުވަހުގެ ތެރޭގައި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވި އެވެ. ސިއްހީ ހާލުކޮޅުގެ ސަބަބުން އެކި ފަހަރު މަތިން ހޮސްޕިޓަލަށް ވެސް ގެންދެވި އެވެ. އަދި ޖަލަށް ވެސް ޑޮކްޓަރުން ގެންގޮސްފައިވެ އެވެ.

އެކި ފަހަރު މަތިން ޝަރީއަތުގެ އަޑުއެހުންތައް ވެސް ކެންސަލް ކުރަން ޖެހުނެވެ. އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ގެއަށް ބަދަލުކޮށް ދެއްވަން ވެސް ޝަރީއަތުގައި ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ. ނަމަވެސް އޭރު އެފަދަ އަމުރެއް ނުނެރުއްވަ އެވެ.

ޖަލުގައި ރައީސް މައުމޫން ހުންނެވިއިރު ވެއްޓިވަޑައިގަތުމުގެ އަލާސްކަންފުޅާ ކުރިމަތިވި އެވެ. އެމަނިކުފާނުގެ އާއިލާއިން ދީފައިވާ މައުލޫމާތަށް ބަލާއިރު ހަ ފަހަރެއްގެ މަތިން އެމަނިކުފާނަށް އެޓޭކް އައެވެ. އަދި ވެއްޓިވަޑައިގެން ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރު އޮތެވެ. އޭރު އެމަނިކުފާނު ހުންނެވީ ވެސް ގޮޅީގައި ގިނިކަންޏާ އެވެ.

ރައީސް މައުމޫންގެ މައްޗަށް އިއްވި ޖަލު ހުކުމް ބާތިލްކޮށްފައިވާއިރު ހައްޔަރުކުރި ތުހުމަތުގައި ކުރި ދައުވާ ވަނީ ޕީޖީއިން ވަނީ އަނބުރާ ނަގާފަ އެވެ. އެއީ އެކެއް ފެބުރުއަރީގެ އަމުރު ނެރެ ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ އުފުލި ޓެރަރިޒަމްގެ ދައުވާ އެވެ.

އެމަނިކުފާނު ވަނީ ހައްޔަރުކޮށް އިހުމާލުވެ ނުހައްގުން އަނިޔާ ދިން ފަރާތްތައް ޖަވާބުދާރީކުރުވަން މަސައްކަތް ކުރައްވާނެ ކަމަށާއި އެއީ ކޮންމެ ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

10 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910