ހުޅުމާލޭގައި ޕްރިޒަން އޮފިސަރަކަށް ހަމަލާދޭން އުޅުމަށްފަހު ފިލައިގެން އުޅުނު ދެ މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ބުނި ގޮތުގައި ހުޅުމާލޭގައި ޕްރިޒަން އޮފިސަރަކަށް ހަމަލާދޭން އުޅުމަށްފަހު ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފައިވަނީ ރ. އިނގުރައިދޫ، މިރިހިމާގެ އަހްމަދު އިޔާޒް (24އ) އާއި، ގއ. މާމެންދޫ، ގްލޭނޫރަންމާގެ، އަހްމަދު ރަބީއު (26އ) އެވެ.
ރިކޯޑްތަކުން ދައްކާ ގޮތުން މީގެ ތެރެއިން އެކަކީ މީގެ ކުރިންވެސް އެކި ފަހަރު މާރާމާރީތަކުގެ މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެކެވެ.
ފުލުހުން ބުނީ ޕްރިޒަން އޮފިސަރަށް މިދިޔަ ޖޫން މަހު ހަމަލާދޭން އުޅުނީ އޭނާ ހުޅުމާލޭގައި ސައިކަލުގައި ދުއްވާފައި ދަނިކޮށް، އޭނާގެ ފަހަތުން އައި ސައިކަލެއްގައި ތިބި ދެމީހުންގެ ތެރެއިން ސައިކަލު ފަހަތުގައި އިން މީހާގެ އަތުގައި އޮތް މަރުތޭލަކުން އޮފިސަރުގެ ބޮލުގައި ޖަހައިގެން ކަމަށެވެ. އެކަމަކު މި ހާދިސާގައި ޕްރިޒަން އޮފިސަރަށް އެއްވެސް އަނިޔާއެއް ވެފައިނުވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ޖޫން 11 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ މައްސަލަ ހުށަހެޅުމާ ގުޅިގެން ހާދިސާ ހިނގި ސަރަހައްދުގައި ހުރި ޕޮލިސް ކެމެރާ ފުޓޭޖްތަކާއި އިތުރު ކެމެރާ ފުޓޭޖްތައް ނަގައި ބެލި ކަމަށެވެ. އަދި ހުޅުމާލެ ޕްރިޒަން ސަރަހައްދުގައި ސައިކަލެއްގައި ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ހުޅުމާލެ ޕްރިޒަން އިން ނުކުންނަ މުވައްޒަފުންނަށް ފާރަލަމުން ދިޔަކަން ވީޑިއޯތަކުން ފާހަގަކުރެވުނު ކަމަށެވެ. އަދި ޕްރިޒަން އޮފިސަރަށް ހަމަލާ ދޭން މަސައްކަތްކޮށްފައިވަނީ ވީޑިއޯ ފުޓޭޖްތަކުން ފެންނަ ދެ މީހުން ކަން ފުލުހުންގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުން ކަށަވަރުކުރެވުނު ކަމަށްވެސް ފުލުހުން މިރޭ ބުންޏެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ތެރެއިން އިޔާޒް ހައްޔަރުކޮށްފައިވަނީ ފިލައިގެން ގޮސް ހއ. ބާރަށުގައި ހުއްޓާ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި ރަބީއު ހައްޔަރުކޮށްފައިވަނީ މާލޭގެ ގެސްޓް ހައުސްއެއްގައި ފިލައިގެން އުޅެނިކޮށް މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.
މި ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ތަހުގީގު މަރުހަލާ ނިމެންދެން މި ދެ މީހުން ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.