މޯލްޑިވްސް ޕޮލިސް ސާވިސް

އަޑުބަރޭ ރާއްޖޭގައި ނެތް ކަމަށް އަންގައިފި

Feb 17, 2022
1

ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ ރާއްޖޭގައި ނެތް ކަމަށް ފުލުހުންގެ އިދާރާއިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް އަންގައިފި އެވެ.

ފުލުހުން އެގޮތަށް އަންގާފައި މިވަނީ އަސްއަދު 15 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ތަންފީޒުކުރަން ފުލުހުންގެ އެހީތެރިކަމަށް އެދުމުންނެވެ.

ކަރެކްޝަނުން ފުލުހުންގެ އެހީތެރިކަމަށް އެދުނީ ހުކުމް ތަންފީޒު ކުރަން ބެލިއިރު އަސްއަދު ހުރި ތަނެއް އެ އިދާރާ އަށް ނޭނގުމުންނެވެ.

ފުލުހުން މިއަދު ބުނީ އަސްއަދު ރާއްޖޭގައި ނެތް ކަމަށް ކަރެކްޝަނަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

އައްސަދު ޖަލަށް ލުމަށް މިމަހުގެ ދެވަނަ ދުވަހު ހުކުމްކުރީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ދައުވާކޮށްފައި ވަނިކޮށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޖާމިނުވުމަށްފަހު އަލީ ރާއްޖެ ގެނެސްދޭނެ ކަމަށް ވެފައިވާ އިގުރާރާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުމުންނެވެ. ކޯޓަށް ހާޒިރުވުމަށް އަސްއަދަށް ޗިޓު ރައްދުކުރެވިފައިވީ ނަމަވެސް އޭނާ ކޯޓަށް ހާޒިރުވެފައި ނުވާތީ ހުކުމް ކުރީ އޭނާގެ ޣައިރު ހާޒިރުގަ އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އަޑުއެހުމެއް ބާއްވައި، 72 ގަޑިއިރުތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދިނުމަށް ކޯޓުން އަސްއަދަށް އަމުރު ވެސް ކުރި އެވެ. އެކަމަކު އެ މުއްދަތުގެ ތެރޭގައި އަސްއަދަށް، އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދެވިފައެއް ނުވެ އެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަލީ ކޯޓަށް ހާޒިރުކޮށްދީފައިވާނެ ކަމަށް އަސްއަދު ކޯޓުގައި ވިދާޅުވި އެވެ. އެކަމަކު އެއީ ކޯޓަށް ހާޒިރު ކޮށްދިނުން ކަމަށް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ގަބޫލެއް ނުކުރައްވަ އެވެ.

ގާޒީ ހަސަން ސައީދު ވިދާޅުވީ އަލީ ވަހީދު ފުރުން މަނާކޮށްފައި ވަނިކޮށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދީފައިވަނީ ހަތަރު މަސް ދުވަހުގެ ތެރޭގައި އޭނާ ހާޒިރުކޮށްދޭނެ ކަމަށް އައްސަދު ކޯޓުގައި އިގުރާރުވެ ލިޔުމެއްގައި ސޮއިކުރުމުން ކަމަށެވެ.

ގާޒީ ވިދާޅުވީ، އައްސަދު ވެފައިވާ އިގުރާރާ އޭނާ ހިލާފުވުމުން އަލީގެ ޝަރީއަތްތައް ކުރިއަށް ގެންދަން ހުރަސް އެޅިފައިވާ ކަމަށެވެ. އޭނާގެ އެ އަމަލުން ކޯޓަށާއި ޝަރީއަތަށް ވެސް ނުބައި ތަސައްވުރެއް ލިބިފައިވާ ކަމަށާއި އެހެންކަމުން އޭނާގެ މައްޗަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

އަސްއަދު ޖަލަށް ލުމާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ސްޓޭޓް މިނިސްޓަރު ކަމުން އަސްއަދު ވަކިކުރައްވާފަ އެވެ.