މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

އަސްއަދު ހުރީ ހުޅުމާލެ ޖަލުގައި

Feb 22, 2022
2

ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) ހުކުމް ތަންފީޒު ކުރަމުންދަނީ ހުޅުމާލެ ޖަލުގައި ކަމަށް އެނގިއްޖެ އެވެ.

އަވަސް އަށް އެކަން އެނގިގެން ސުވާލުކުރި ނަމަވެސް ކަރެކްޝަނުން އެ މައުލޫމާތު ހިއްސާއެއް ނުކުރި އެވެ. އަސްއަދުގެ ރަހްމަތްތެރިޔަކު އަވަސް އަށް ޔަގީންކޮށްދިން ގޮތުގައި އޭނާ ހުރީ ހުޅުމާލެ ޖަލުގަ އެވެ.

އަސްއަދު 15 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ހުކުމް ކުރީ މި މަހުގެ ދެވަނަ ދުވަހު އެވެ. އަސްއަދަށް ހުކުމް ކުރުމާ އެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ހަމަ އެ ދުވަހު އަސްއަދު މަގާމުން ވަކިކޮށްފަ އެވެ.

އައްސަދު ޖަލަށް ލުމަށް މިމަހުގެ ދެވަނަ ދުވަހު ހުކުމްކުރީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ދައުވާކޮށްފައި ވަނިކޮށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޖާމިނުވުމަށްފަހު އަލީ ރާއްޖެ ގެނެސްދޭނެ ކަމަށް ވެފައިވާ އިގުރާރާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުމުންނެވެ. ކޯޓަށް ހާޒިރުވުމަށް އަސްއަދަށް ޗިޓު ރައްދުކުރެވިފައިވީ ނަމަވެސް އޭނާ ކޯޓަށް ހާޒިރުވެފައި ނުވާތީ ހުކުމް ކުރީ އޭނާގެ ޣައިރު ހާޒިރުގަ އެވެ.

ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނިކޮށް އޭނާ ރާއްޖެ އައިސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ އަމިއްލައަށް ހަވާލުވީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އަޑުއެހުމެއް ބާއްވައި، 72 ގަޑިއިރުތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދިނުމަށް ކޯޓުން އަސްއަދަށް އަމުރު ވެސް ކުރި އެވެ. އެކަމަކު އެ މުއްދަތުގެ ތެރޭގައި އަސްއަދަށް، އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދެވިފައެއް ނުވެ އެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަލީ ކޯޓަށް ހާޒިރުކޮށްދީފައިވާނެ ކަމަށް އަސްއަދު ކޯޓުގައި ވިދާޅުވި އެވެ. އެކަމަކު އެއީ ކޯޓަށް ހާޒިރު ކޮށްދިނުން ކަމަށް މައްސަލަ ބައްލަވާ ގާޒީ ގަބޫލެއް ނުކުރައްވަ އެވެ.

ގާޒީ ހަސަން ސައީދު ވިދާޅުވީ އަލީ ވަހީދު ފުރުން މަނާކޮށްފައި ވަނިކޮށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދީފައިވަނީ ހަތަރު މަސް ދުވަހުގެ ތެރޭގައި އޭނާ ހާޒިރުކޮށްދޭނެ ކަމަށް އައްސަދު ކޯޓުގައި އިގުރާރުވެ ލިޔުމެއްގައި ސޮއިކުރުމުން ކަމަށެވެ.

ގާޒީ ވިދާޅުވީ، އައްސަދު ވެފައިވާ އިގުރާރާ އޭނާ ހިލާފުވުމުން އަލީގެ ޝަރީއަތްތައް ކުރިއަށް ގެންދަން ހުރަސް އެޅިފައިވާ ކަމަށެވެ. އޭނާގެ އެ އަމަލުން ކޯޓަށާއި ޝަރީއަތަށް ވެސް ނުބައި ތަސައްވުރެއް ލިބިފައިވާ ކަމަށާއި އެހެންކަމުން އޭނާގެ މައްޗަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. ޖާމިނުވި އިގުރާރާ އަސްއަދު ހިލާފުވުމުން އޭނާ އެއް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްދިނުމަށް ދައުލަތުން ވެސް އެދިފައިވެ އެވެ. އެކަމަކު އަދި އެ ހުކުމް ކޮށްފައެއް ނުވެ އެވެ.