- ރާއްޖޭގެ މައްސަލަ އޮތީ އދ ގެ ސަލާމަތީ މަޖިލީހުގައި
- ރައީސްގެ ހާއްސަ މަންދޫބެއް ވަނީ ޗައިނާއަށް ވަޑައިގެންފައި
- މަޝްވަރާ ކުރުމުގައި ޗައިނާއިން އޮތީ އެހީވާން ތައްޔާރަށް
ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު އުފެދިފައިވާ މައްސަލަތަކުގެ ތެރެއަށް އދ އިން ވަނުމަށް ޗައިނާ ދެކޮޅު ކަމަށް އެގައުމުން ބުނެފި އެވެ.
ރާއްޖޭގެ މަސްރަހުގައި މިހާރު އުފެދިފައިވާ މައްސަލަތައް ސުލްހަކުރުމަށް އދ އިން ކުރާ މަސައްކަތުގައި ޗައިނާގެ ދައުރާ ބެހޭގޮތުން އިންޑިއާގެ "ދަ ހިންދޫ" ނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ގެން ޝުއަންގް ވިދާޅުވީ، ރާއްޖޭގައި މިހާރު ހުރި މައްސަލަތަކަކީ ރާއްޖޭގެ ޚާރިޖީ މައްސަލަތަކެއް ކަމަށާއި އެ މައްސަލަތަކާ ގުޅުންހުރި ފަރާތްތަކުން މަޝްވަރާކޮށްގެން ކަންކަން ފުރިހަމައަށް ހައްލުކުރެވޭނެ ކަމަށް ޗައިނާ އިން ގަބޫލުކުރާ ކަމަށެވެ. އަދި ބައިނަލް އަގުވާމީ މުޖުތަމައުން ރާއްޖޭގެ ހާރިޖީ ސިޔާސަތުތަކަށް އިހުތިރާމްކުރަންޖެހޭނެ ކަމަށާއި ރާއްޖޭގައި ހުރި މައްސަލަތަކާމެދު ކަމާގުޅުންހުރި ފަރާތްތަކަށް މަޝްވަރާކޮށްގެން ކަންކަން ހައްލުކުރުމުގެ ފުރުސަތު ދޭންޖެހޭކަމަށް ޗައިނާއިން ދެކޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
"ބައިނަލް އަގުވާމީ ފަރާތްތަކުން މަޝްވަރާތަކަށް ތާއީދުކުރަންޖެހޭ، އަދި މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ރާއްޖެއަށްދީ، އެކަމުގައި ޒިންމާދާރު ރޯލެއް އަދާކުރަންޖެހޭ " ގެން ޝުއަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު ކުރިއަށްދާ މައްސަލަތައް ޗައިނާއިން ގާތުން ބަލަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ކަންކަން ހަމަ މަގަށް އަޅުވަން ރާއްޖޭގެ ހުރިހާ ފަރާތްތަކަށް ވެސް އެހީތެރިވެ، އެއްބާރުލުމަށް ޗައިނާއިން އޮތީ ތައްޔާރަށް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ޗައިނާއިން މިހެން ބުނެފައިވާއިރު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް އަމަލު ނުކުރުމަށް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓްގެ އެހެން ފަނޑިޔާރަކާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރު ކުރުމުން، އދ ގެ ސަލާމަތީ މަޖިލީހުގައި މިއަދު ރާއްޖެއާ ބެހޭ ގޮތުން މަޝްވަރާ ކުރަން ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގައި މިހާރު އުފެދިގެން އުޅޭ މައްސަލަތަކާމެދު ދިނުމަށް ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ޗައިނާއަށް ފުރާވަޑައިގަންނަވާފަ އެވެ. އދ އިން ވެސް ރާއްޖޭގެ މައްސަލަތައް ހައްލު ކުރުމަށް މަޝްވަރާތައް ބޭއްވުމަށް މެދުވެރިއެއްގެ ރޯލު އަދާ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.