އަށްސަތޭކަ ވަޒީފާއާއެކު 88 ސްޓޯލް ހިމެނޭ "ޔޫތް ޗެލެންޖް" މިރޭ ދަރުބާރުގޭގައި ފަށައިފި އެވެ. ރަސްމިއްޔާތު އިފްތިތާހު ކޮށްދެއްވީ ޒުވާނުންގެ މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.
މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޔޫތު ޗެލެންޖްގެ ގޮތުގައި މިރޭ ފެށި ޔޫތު ޗެލެންޖް ސިފަ ކުރައްވަމުން އިރުތިޝާމް ވިދާޅުވީ، ރާއްޖޭގައި ދުވަހަކު ވެސް އިސްކަން ނުދޭވަރަށް މި ސަރުކާރުން ޒުވާނުންނަށް އިސްކަންދޭ ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަނީ ޒުވާނުންނަކީ މުޖުތަމުގައި ކުރާނެ މަސައްކަތެއް ނެތް ބޭކާރު ބަޔަކަށް ވުމުން ސަލާމަތްކުރަން ކަމަށާއި އެގޮތުން މިރޭ ފެށި ޔޫތު ޗެލެންޖުންވެސް ޒުވާނުންނަށް 800 ވަޒީފާ ލިބިގެންދާނެ ކަމަށެވެ.
އެކަމަނާ ވިދާޅުވީ ޒުވާނުންނަށްޓަކައި މި ސަރުކާރުން ގިނަ ކަންތައްތަކެއް ކުރަމުން އަންނައިރު ޒުވާނުންނަށްޓަކައި ކަނޑައެޅި ކަންކަމުގެ 80 ޕަސެންޓް ހާސިލްވެފައިވާ ކަމަށެވެ.
"މިރޭ މި ފަށާ ޔޫތު ޗެލެންޖުން 800 ވަޒީފާ ލިބޭނެ. އިންޓާންޝިޕް ފުރުސަތާއެކު މި އަދަދު 900 އަށް އަރާ،" އިރުތިޝާމް ވިދާޅުވި އެވެ.
މިރޭ ފެށި ޔޫތު ޗެލެންޖުގައި 112 ފަރާތަކުން ވަޒީފާގެ ފުރުސަތަށް ހުޅުވާލާފައިވެ އެވެ.
ސުޕްރީމްކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މާލޭގައި ހިނގައިދިޔަ "ހަމަނުޖެހުން ތަކުގައި" ޒުވާނުން ބައިވެރި ވެފައި ނުވާ ކަމަށް ބުނެ މިނިސްޓަރު ވަނީ ޒުވާނުންނަށް ޝުކުރު ދަންނަވާފަ އެވެ.
ޔޫތު ޗެލެންޖް ކުރިއަށްދާނީ މިމަހުގެ 10ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.