ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫނު މާފުށީ ޖަލަށް ބަދަލުކޮށްފި

ސަރުކާރު ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ނިޝާން ޣާޒީގެ އިތްޒަތްތެރި ވެރިޔާ، ސަރުކާރުގެ ތަހުގީގު ޖަލު، ދޫނިދޫ އިން މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.

ރައީސް މައުމޫންގެ ވަކީލުންގެ ޓީމްގައި ހިމެނި ވަޑައިގަންނަވާ މައުމޫން ހަމީދު ވިދާޅުވީ ޝަރީއަތުގެ މަރުހަލާގައި ބަންދުކޮށްފައިވާ މީހަކު ބަހައްޓަން ޖެހޭނީ ކަސްޓޯޑިއަލް ޖަލެއްގައިކަން ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. މިރޭ މާފުށީ ޖަލަށް މައުމޫން ބަދަލުކޮށްފައިވާއިރު މާފުށީ ޖަލަކީ ކަސްޓޯޑިއަލް ޖަލެއް ނޫން ކަމަށެވެ.

"ހަގީގަތުގައި ރާއްޖޭގައި ގާނޫނުގައި ބަޔާންކޮށްފައިވާ ކަސްޓޯޑިއަލް ޖަލެއް ނެތް،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ހައްޔަރު ކޮށްފައި ވަނީ މިދިއަ ހޯމަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާން ކުރުމަށްފަހު ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވުމާއި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން އުޅުމާއި ޝަރީއަތަށް ނުފޫޒު ފޯރުވުމާއި ސަލާމާތީ ބާރުތައް ބައިބާ ކުރުމާއި ނުފޫޒު ފޯރުވުމުގެ ތުހުމަތުތައް ކުރުމަށްފަހު އެވެ.

މައުމޫން މާފުށީ ޖަލަށް މިރޭ ބަދަލުކޮށްފައިވާ އިރު މައުމޫން ވަނީ އެމަނިކުފާނުގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކުރައްވާފަ އެވެ. އަދި ބަންދުން މިނިވަންކޮށްދެއްވުމަށް އެދި އެމަނިކުފާނުގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހެބިއަސް ކޯޕަސް މައްސަލަ އެ ކޯޓުން މިއަދު ވަނީ ބަލައިގެންފަ އެވެ.

މައުމޫނު މާފުށީ ޖަލަށް ބަދަލުކޮށްފައިވާ އިރު، އެހެންތަނަކަށް ބަދަލު ކުރަން އުޅޭކަން ފުލުހުން ވަކީލުންނަށް މީގެ ކުރިންވެސް އަންގާފައިވާ ކަމަށް މައުމޫންގެ ވަކީލުން މީގެ ކުރިން ވެސް ވިދާޅުވި އެވެ.