ހަބަރު

މައުމޫން ކޯޓުގައި އިންނަވާތާ ހަތް ގަޑިއިރު ފަހުން ޝަރީއަތް ކެންސަލްކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލުކުރުމަށްފަހު އެ އަޑުއެހުން ކެންސަލްކޮށްފި އެވެ. އަޑުއެހުން ކެންސަލްކުރީ ރައީސް މައުމޫން ކޯޓަށް ހާޒިރުކޮށް އެ ކޯޓުގައި ހަ ގަޑިއިރަށްވުރެ ގިނައިރު އިންނެވި ފަހުންނެވެ.

މިކަމާ ގުޅިގެން އެމަނިކުފާނުގެ ވަކީލުންނާއި އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ރައީސް މައުމޫން ކޯޓަށް ހާޒިރުކުރި ފަހުން ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރައީސް މައުމޫންގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފަ އެވެ.

އެގޮތުން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ރައީސް މައުމޫންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އެވެ. އޭގެއިތުރުން އަދުލް އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ. އެ ދައުވާ ރައީސް މައުމޫންގެ މައްޗަށް ކޮށްފައިވަނީ އެ ބޭފުޅުން ފޯނު ފުލުހުންނަށް ދީފައިނުވާތީ އާއި ފޯނު އޮތް ތަނެއް ބުނެ ނުދިން ކަމަށް ބުނެ އެވެ. އެއިން އެއްވެސް ދައުވާއެއްގެ ޝަރީއަތް އަދި ފަށާފައެއް ނުވެ އެވެ.

އުމުރުފުޅުން 80 އަހަރުވެފައިވާ ރައީސް މައުމޫން ކޯޓުގައި ހަ ގަޑިއިރަށްވުރެ ގިނައިރު އިންނެވިއިރު އެމަނިކުފާނު ކޯޓަށް ހާޒިރުކުރީ ޝަރީއަތުގެ އަޑުއެހުމަކަށް ކަމެއް ނުވަތަ ބަންދު މަޖިލީހަކަށް ކަމެއް ސާފެއް ނުވެ އެވެ.

ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. އަންނަ ބުރާސްފަތި ދުވަހު ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވާނެ އެވެ. އޭގެ ކުރިން އެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ބޭފުޅުންގެ ބަންދު ދަނީ އިތުކުރަމުންނެވެ.

އެގޮތުން ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ޝަރީއަތް ނިމެންދެން މިއަދު ބަންދުކޮށްފަ އެވެ. އޭގެއިތުރުން މަޖިލިސް މެންބަރުން ކަމަށްވާ އިލްހާމް އަހުމަދާއި އަބްދުﷲ ސިނާން އަދި އަހުމަދު މަހުލޫފާއި އަލީ އާޒިމާއި އިބްރާހިމް މުހައްމަދު ސޯލިހުގެ ބަންދު މީގެކުރިން ވަނީ އިތުރުކޮށްފަ އެވެ. މިއަދު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ބަންދު މަޖިލިސް އޮންނާނެކަން ވެސް ވަނީ އަންގާފަ އެވެ.