ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން އަދި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) ގެ ފައުންޑާ ނަސްރީނާ އިބްރާހިމް ސިޔާސީ ކަންކަމާ ގުޅޭ ގޮތުން އާންމުންގެ ތެރެއަށް ނުކުމެ ވަޑައިގެން މީޑިއާގައި ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވައިފި އެވެ. ކުރީގެ ފަސްޓްލޭޑީ ނަސްރީނާ އިބްރާހީމް، މެޑަމް ނަސްރީނާއަކީ އެއްވެސް އިރެއްގައި މީޑިއާއާ ވާހަކަފުޅު ދައްކަވާ އުޅުއްވި ބޭފުޅަކަށް ނުވުމުގެ އިތުރު އެކަމަނާއަކީ ވަރަށް މަޑުމައިތިރި ބޭފުޅެކެވެ.
އެހެން ނަމަވެސް އެކަމަނާއަކީ މިސްރުގައި ކިޔަވާ ވިދާޅުވި އިރު އެކަމަނާގެ ހިޔާލުފުޅުތައް ކޮލަމެއްގެ ޒަރީއާއިން ފާޅު ކުރެއްވި ކޮލަމިސްޓެކެވެ.
މެޑަމް ނަސްރީނާއި މިއަދު އާންމުންގެ ތެރެއަށް ނުކުމެ ވަޑައިގެން މީޑިއާއާ ކުރިމަތިލައްވާ ވާހަކަފުޅު ދެއްކެވި އިރު އެކަމަނާގެ ފިރިކަލުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހުންނެވީ ހައްޔަރު ކޮށްފައެވެ. ދަރިކަލުން ފާރިސް މައުމޫނާއި އަންހެން ދެބޭފުޅުންގެ ތެރެއިން ޔުމްނާ މައުމޫންގެ ފިރިކަލުން ވެސް ހުންނެވީ ހައްޔަރުކޮށްފައެވެ.
މެޑަމް ނަސްރީނަށް މިއަދު އާންމުންގެ ތެރެއަށް ނުކުމެ ވަޑައިގެންނެވީ ފިރިކަލުން، ރައީސް މައުމޫންގެ ބަންދާމެދު ގޮތެއް ނިންމެވުމަށް ކުރިމިނަލް ކޯޓަށް އެ މަނިކުފާނު ހާޒިރު ކުރެއްވުމުންނެވެ. އެކަމަނާ ކްރިމިނަލް ކޯޓު ކައިރިއަށް ވަޑައިގެން މިއަދު ވަނީ ހިތްޕުޅުގެ އުދާސްތައް މީޑިއާއާ ހިއްސާ ކުރައްވާފަ އެވެ.
ނަސްރީނާ އެންމެ ފުރަތަމަ ވެސް ވިދާޅުވީ "ހައްގަށް ނަސްރު ދެއްވާނެ" ކަމަށެވެ. ދެން ވިދާޅުވީ ނަސޭހަތަކަށް ފުދޭފަދަ ބަސްކޮޅެކެވެ. އެގޮތުން ކޮންމެ މީހަކު ވެސް އެމީހަކު ހިނގާ ނުވަތަ ކުރިއަށްދާ މަގަކީ ހައްގުގެ މަގަށްވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"ހައްގަށް ނަސްރު ދެއްވާނެ، ވަކި ހިސާބަކަށް ދެވުމެއް ނޫން، މީހާ ދަތުރުކުރާ މަގަކީ ވަރަށް މުހިންމު އެއްޗެއް، އެމީހަކު ހައްގުގަ ހުރެގެން ދަތުރުކުރާ ކަމަށްވާ ނަމަ އުފަލުގަ ހުންނާނެ،" އަބަދުވެސް ހިނިތުންވެ ވަޑައިގެން ހުންނަވާ ނަސްރީނާ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެނަށް ނަސްރާ ހަމައަށް ދާނެ، ވަރަށް އަވަހަށް ކާމިޔާބު ވެސް ވާނެ،" އެކަމަނާ ވިދާޅުވި އެވެ.
މިހާރު ބަންދުގައި ތިއްބެވި ހުރިހާ ބޭފުޅުންނަށް ވެސް މެޑަމް ނަސްރީނާ މިއަދު ވަނީ ހިތްވަރު ދެއްވާފަ އެވެ.
ދަރިކަނބަލުން ޔުމްނާ މައުމޫންއާއެކު ނަސްރީނާ ކްރިމިނަލް ކޯޓް ކައިރިއަށް ވަޑައިގެން ހުންނެވީ ދަތުރުވެރިންގެ މާރުކޭޓް ކުރިމަތީގަ އެވެ. އެކަމަނާ މިއަދު ވަނީ އެ ސަރަހައްދުގައި ތިބި ބައެއް އާންމުންނާ ބައްދަލު ކުރައްވާ ސަލާމް ކުރައްވާފައެވެ.
ރައީސް މައުމޫންގެ ބަންދު މަޖިލިސް ކުރިއަށްދާއިރު މެޑަމް ނަސްރީނާގެ ދޮށީ ދަރިކަލުން، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ބަންދާމެދު ވެސް ގޮތެއް ނިންމަން ކޯޓަށް މިއަދު ހާޒިރުކުރާނެ އެވެ.
މީގެ ކުރިން މެޑަމް ނަސްރީނާ ފާރިސްގެ މައްސަލައެއްގެ އަޑުއައްސަވަން ހައިކޯޓަށް ވަޑައިގެންފައިވެ އެވެ. ރައީސް މައުމޫން ދޫކޮށްލަން ގޮވާލައި ޕޯސްޓަރުތައް ހިފައިގެން ސަޕޯޓަރުން ކުރިމިނަލް ކޯޓު ސަރަހައްދުގައި ތިބިއިރު މިފަދަ މަގުމަތީ ހަރަކާތެއްގައި މެޑަމް ނަސްރީނާ ބައިވެރިވަޑައިގަންނަވާ މިއީ ފުރަތަމަ ފަހަރެވެ.