ހަބަރު

ޝަރީއަތް ނިމެންދެން ރައީސް މައުމޫން ބަންދުކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. ކުރިމިނަލް ކޯޓުން އެގޮތަށް އަމުރުކުރީ މިއަދު ބަންދުގެ މަޖިލީހަށް އެމަނިކުފާނު ހާޒިރުކުރުމުން އެގޮތަށް ދައުލަތުން އެދިފައިވާތީ އެވެ. ރައީސް މައުމޫންގެ މައްޗަށް މި އަމުރު ނެރުއްވީ ގާޒީ އަހުމަދު ހައިލަމެވެ.

ރައީސް މައުމޫންގެ ބަންދު މަޖިލީހަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވަކީލް މައުމޫން ހަމީދު ވިދާޅުވީ މިއަދު ކުރިމިނަލް ކޯޓުން ނިންމި ނިންމުންތަކުގައި ގާނޫނީ މައްސަލަތައް އެބަހުރި ކަމަށާއި އެކަންކަން ހައިކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށެވެ.

މައުމޫން ހަމީދު ވިދާޅުވީ މިއަދާ ހަމައަށް ވެސް ރައީސް މައުމޫން ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގަ ކަމަށާއި މިއަދުން ފެށިގެން ވެސް އެމަނިކުފާނު ހުންނަވާނީ ގާނޫނާ ހިލާފު ބަންދެއްގަ ކަމަށެވެ. އެމަނިކުފާނު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެންގީ ރިމާންޑް ޖަލެއްގަ އެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރައީސް މައުމޫންގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފަ އެވެ.

އެގޮތުން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ރައީސް މައުމޫންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އެވެ. އޭގެއިތުރުން އަދުލް އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ. އެ ދައުވާ ރައީސް މައުމޫންގެ މައްޗަށް ކޮށްފައިވަނީ އެ ބޭފުޅުން ފޯނު ފުލުހުންނަށް ދީފައިނުވާތީ އާއި ފޯނު އޮތް ތަނެއް ބުނެ ނުދިން ކަމަށް ބުނެ އެވެ. އެއިން އެއްވެސް ދައުވާއެއްގެ ޝަރީއަތް އަދި ފަށާފައެއް ނުވެ އެވެ.

އުމުރުފުޅުން 80 އަހަރުވެފައިވާ ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. އަންނަ ބުރާސްފަތި ދުވަހު ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވާނެ އެވެ. އޭގެ ކުރިން އެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ބޭފުޅުންގެ ބަންދު ދަނީ އިތުކުރަމުންނެވެ.

އެގޮތުން ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ޝަރީއަތް ނިމެންދެން އިއްޔެ ބަންދުކޮށްފަ އެވެ. އޭގެއިތުރުން މަޖިލިސް މެންބަރުން ކަމަށްވާ އިލްހާމް އަހުމަދާއި އަބްދުﷲ ސިނާން އަދި އަހުމަދު މަހުލޫފާއި އަލީ އާޒިމާއި އިބްރާހިމް މުހައްމަދު ސޯލިހުގެ ބަންދު މީގެކުރިން ވަނީ އިތުރުކޮށްފަ އެވެ. މިއަދު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ބަންދު މަޖިލިސް އޮންނާނެކަން ވެސް ވަނީ އަންގާފަ އެވެ.