މިއަހަރަކީ ރާއްޖޭގެ މަސްރަހުގައި ވާދަވެރި އަހަރަކަށް ވާނެ އެވެ. ރާއްޖޭގެ އެންމެ ބޮޑު އިންތިހާބު ރިޔާސީ އިންތިހާބު މިހާރު އޮންނާނެ އެވެ. ސިޔާސީ ވާދަވެރި ކަމާއި ފޯރީގައި ގިނަ ބަޔަކު ހަރަކާތްތެރިވާނެ އެވެ. އެއީ ކޮންމެ ރިޔާސީ އިންތިހާބު ފެނިގެންދާ މަންޒެރެވެ. ސިޔާސީ މަސްރަހުގެ ތެރެއިން އެކަހެރިވެ ރާއްޖޭގެ ކުޅިވަރު މަސްރަހަށް ބަލާލުމުން މިއަހަރު ކުޅިވަރުގެ ހަރަކާތްތައް ވާދަވެރި ވާނެ ކަމަށް ގަބޫލު ކުރެވޭ މަންޒަރުތައް ފެނެ އެވެ.
ކުޅިވަރު އެސޯސިއޭޝަންތަކުން ނަގަން އޮތް ޗެލެންޖް ބޮޑެވެ. އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާ ކުރުމަށް މިދިޔަ އަހަރު އެޅުނު ފިޔަވަޅުގެ ފައިދާ މި އަހަރު ފެނިގެންދާނެ އެވެ. އެސޯސިއޭޝަންތަކުގެ ހިންގުމަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ ކުޅިވަރު މުއައްސަސާގެ ލޯކަލް ބެލެނިވެރިއެއްގެ ދަށަށް އެސޯސިއޭޝަންތައް ދިއުމެވެ. ސްޕޯޓްސް ކޮމިޝަންގެ ދަށަށް އެސޯސިއޭޝަންތައް ދިއުމަކީ ކުޅިވަރުގެ އެޑްމިނިސްޓްރޭޓިވް ލެވަލުގައި އެޅުނު ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި އެސޯސިއޭޝަންތަކުން ފާހަގަ ކުރި އެވެ.
"ސްޕޯޓްސް ކޮމިޝަންގެ ދަށުން ސީދާ އަންނާނީ ކުޅިވަރާ ގުޅުން ހުރި ޑިމާންޑްތަކެއް، އެސޯސިއޭޝަންތަކަށްވެސް ފަސޭހަ ވެގެންދާނެ ހިންގުން ހަރުދަނާ ވެގެން ދިއުމުން، އަދި މިހާރުވެސް އެބަހުރި އޭޝޯސިއޭޝަންތަކަށް އަންގާފަ ކަންކަން އިސްލާހު ކުރުމަށް،" ކުޅިވަރު އެސޯސިއޭޝަނެއްގެ އިސް ބޭފުޅަކު ވިދާޅުވި އެވެ. " [ކުޅިވަރު] ކޯޓު ތަކުންނާ ދަނޑުތަކުން އަދި މުބާރާތްތަކުންވެސް އެ ބަދަލު ފެންނާނެ، އެސޯސިއޭޝަންތައް ހަރުދަނާ ވާ ވަރަކަށް މުބާރާތްތައް ފޯރި ގަދަ ވާނެ."
ފުޓްބޯޅައަށް ފަހު ރާއްޖޭގެ އެންމެ މަގުބޫލު ދެ ކުޅިވަރަކީ ވޮލީ އާއި ބާސްކެޓް ބޯޅައެވެ. ވީއޭއެމް އާއި އެމްބީއޭގެ ހަރަކާތްތައް މި އަހަރު ހުރީ ވާދަވެރި ވާނެ ގޮތަށެވެ. އާ ޓާގެޓްތަކާއެކު އާ ކަންކަމެއް ފެށުމަށް އޮތީ ތައްޔަރު ވެފަ އެވެ.
އެމްބީއޭގެ އަހަރުގެ ފުރަތަމަ މުބާރާތް، އެމްބީއޭ ޗެމްޕިއަންޝިޕް މިހާރު ދަނީ ކުރި އަށެވެ. މިދިޔަ އަހަރުތަކަށް ވުރެ ގިނަ ޓީމުތައް އެ މުބާރާތުގައި ބައިވެރި ވެފައި އެބަ އޮތެވެ. މިއީ މި އަހަރު ބާސްކެޓްބޯޅައިގައިވެސް ވާދަވެރިކަން އޮތް ކަމުގެ ހެއްކެކެވެ.
"އަޅުގަނޑަކަށް ހީ ނުވޭ މިއިން އެއްވެސް އަހަރަކު މިހާވަރަށް ޓީމުތައް ބާސްކެޓްގެ އެއްވެސް މުބާރާތެއްގައި ވާދަ ކޮށްފައި އޮންނާނެ ހެނެއް،" އެމްބީއޭގެ ޖެނަރަލް ސެކެޓްރީ ވިޝާމް ރަޝީދު ވިދާޅުވި އެވެ. "އަންހެން ޑިވިޝަންގައިވެސް ވާދަވެރި ކަން އެބަފެނޭ، ފިރިހެން ޑިވިޝަންގައި އެއްވެސް ޓީމަކަށް ފަސޭހަ ނުވާނެ، ޓީމުތައް ވަރަށް ވާދަވެރި."
މި އަހަރު އެމްބީއޭގެ އެންމެ ބޮޑު ޓާގެޓަކަށް އޮތީ، ބާސެކެޓްބޯޅައިގެ ޔޫތު ޑިވްލަޕްމެންޓް ޕްރޮގްރާމް ފެށުމެވެ. އާ ކުޅުންތެރިން އުފެއްދުމަށް ރާއްޖޭގެ ބާސްކެޓްބޯޅައިގެ ތާރީހްގައި ފަށާ އެންމެ ބޮޑު ހަރަކާތުގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ގައުމީ ބޭންކުން ވަނީ އެއްބަސްވުން ގާއިމު ކޮށްފަ އެވެ.
ވޮލީބޯޅައިގައި، ގައުމީ ޓީމު ތަމްސީލު ކުރާ މުބާރާތްތައް މިއަހަރު ގިނަ އެވެ. މިހާރުވެސް ގައިމީ ވޮލީ ޓީމު ދަނީ ތައްޔާރީތައް ވަމުންނެވެ. މިދިޔަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބާރާތްތަކުގައި ރާއްޖެއަށް މާބޮޑު ކާމިޔާބެއް ނުލިބެ އެވެ. ނަމަވެސް މިއަހަރު ނަތީޖާތައް ރަނގަޅު ވެގެންދާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފު ވިދާޅުވި އެވެ.
"މި އަހަރު ހަމަގައިމުވެސް ގައުމީ ޓީމުގެ ހާޒިރީ ރަނގަޅު، ގާތްގަނޑަކަށް 97 ނުވަތަ 96 ޕަސަންޓް ބަރަބަރަށް ޕްރެކްޓިހަށް އެޓެންޑްވޭ، މިއީ ރަނގަޅު ބަދަލެއް،" ލަތީ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އުންމީދަކީ ސެންޓްރަލް ޒޯންގެ ޕާފޯމަންސަށްވުރެ މި އަހަރުގެ މުބާރާތްތަކުގައި ޓީމުގެ ޕާފޯމަންސް ރަނގަޅު ވެގެން ދިއުން، މިހާރު ގައުމީ ޓީމު މަސައްކަތް މި ކުރާ ގޮތުން އިރާދަ ކުރެއްވިއްޔާ ރަނގަޅު ނަތީޖާއެއް ގެނެވެނޭ."
ވީއޭއެމްގެ މި އަހަރުގެ ހަރަކާތްތައް އަތޮޅު ތެރެއަށް ފުޅާ ކުރުމުގެ ވިސްނުން ލަތީ ގެންގުޅެ އެވެ. އަތޮޅު ތަކުގައި ވޮލީ ވަރުގަދަ ކުރުން އެއީ އޭނާގެ ވައުދެކެވެ. އަދި ޖޫނިއާ ކުޅުންތެރިން ޑިވްލަޕް ކުރުމަށް އޮތް ޕްރޮގްރާމުވެސް މި އަހަރަށް އެބައޮތެވެ.
ބަހްރެއިންގައި މި އަހަރު ބާއްވާ 20 އަހަރުން ދަށުގެ ބައިނަލްއަގްވާމީ މުބާރާތުގައި ރާއްޖެއިން ވާދަ ކުރާނެ ކަމަށް ލަތީ ވިދާޅުވި އެވެ. އަދި 20 އަހަރުން ދަށުގެ ޓީމު އެކުލަވާލައި އަހަރުތަކަށް ބަހާލައިގެން އެ ކުޅުންތެރިންގެ ކުރިއެރުމަށް މަސައްކަތް ކުރުމަށްވެސް އޮތީ ރޭވިފަ އެވެ. އެއީ ސީނިއާ ޓީމަށް އެ ކުޅުންތެރިން ދާންވާއިރު އެންމެ ޓޮޕް ކޮލިޓީގެ ކުޅުންތެރިންނަށް ހެދުމަށް އެޅޭ ރަނގަޅު ފިޔަވަޅަކަށް ވާނެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު، ފުޓްބޯޅައިން މި އަހަރު ބަދަލުތަކެއް ފެންނާނެ އެވެ. އަތޮޅު ތެރޭގެ ސީދާ ބައިވެރިވުން ނެތި ރާއްޖޭގެ އެންމެ މަތީ ޑިވިޝަންގައި އޮތް އޮތުން މިދިޔަ އަހަރު ގެނެވުނު ބަދަލުން އޮތީ ފޫބެދިފަ އެވެ.
މިހާރަށް ވުރެވެސް ބޮޑަށް އަތޮޅު ތެރޭގެ ގުޅުން ފުޓްބޯޅައާ ޝާމިލު ކުރުމަށް އެފްއޭއެމުން ވަނީ ގައުމީ ޓީމުގެ ޓްއާތަކެއް އަތޮޅު ތެރޭގައި ބޭއްވުމަށް ނިންމާފަ އެވެ. މި އަހަރު ސީނިއާ ގައުމީ ޓީމުން އަތޮޅުތެރެއަށް ދަތުރުކޮށް، އަތޮޅު ތަކުގެ ޓީމުތަކާ ދެކޮޅަށް މެޗުތައް ކުޅޭނެ ކަމަށް އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފަ އެވެ.
"އިރާދަ ކުރެއްވިއްޔާ (މި އަހަރުން) ފެށިގެން ކޮންމެ އަހަރަކު، ގައުމީ ޓީމުން އަތޮޅު ތެރެއަށް ދަތުރުކޮށް، އަހަރަކު މަދުވެގެން ހަ މެޗު އަތޮޅު ތެރޭގެ ޓީމު ތަކާ ދެކޮޅަށް ކުޅޭނެ." ގައުމީ ޓީމުގެ ސްޕޮންސަރަކަށް ގައުމީ ބޭންކު ހަމަޖެއްސުމަށް މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތުގައި ބައްސާމް ވިދާޅުވެފައި ވެއެވެ.
މި ހަރަކާތުން ރަށްރަށުގެ ބައިވެރިވުން ސީދާ ކޮށް ގައުމީ ޓީމުގައި އޮންނާނެ އެވެ. މިހާރުވެސް ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންނަކީ އަތޮޅު ތެރެއަށް ނިސްބަތްވާ ކުޅުންތެރިންނެވެ. ސިޔާސީ ހަލަބޮލި މި އަހަރުގައިވެސް ގައުމީ ކަންކަމުގައި އަތޮޅު ތެރޭގެ ރައްޔިތުން ޝާމިލު ވާނެ ކަމަކަށް މިކަން ވެގެންދާނެ އެވެ.
"ޓެކްނިކަލް ސައިޑުން އެކަންޏެއް ނޫން މީގެ ފައިދާ ކުރާނީ، ފުޓްބޯޅަ އިތުރަށް ފޯރިގަދަ ވެގެންދާނެ ސަބަބެއް މިއީ އަތޮޅު ތެރެއަށް ގައުމީ ޓީމު ދަތުރުކޮށް މެޗުތައް ކުޅެން ފެށުމުން." ކުރިން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައިވެސް މަސައްކަތް ކުރި އެފްއޭއެމްގެ މިހާރުގެ ޑެޕިއުޓީ ޓެކްނިކަލް ޑައިރެކްޓާ އިހްސާން އަބްދުލް ގަނީ (ސާންތީ) މިދިޔަ އަހަރު ބުނެފައި ވެއެވެ.
މީގެ އިތުރުން، މި އަހަރު ފުޓްބޯޅަ ކަލަންޑަރަށް ގެނެވުނު ބަދަލުގެ ސަބަބުންވެސް ފޯރި އިތުރަށް ގަދަ ވެގެންދާނެ އެވެ. ދިވެހި ޕްރިމިއާ ލީގްގައި 10 ޓީމެވެ. އަތޮޅު ތެރެއިން ހަތަރު ޓީމެވެ. އަދި މި އަހަރު ސީޒަނަށް ޓީމުތަކުގެ ތައްޔާރީތައް ފެންނަމުންދާ މަންޒަރުން ބުނެދޭ ވާހަކަ އަކީ މިދިޔަ އަހަރަށް ވުރެ މި އަހަރު ވާދަވެރި ވާނެ ވާހަކަ އެވެ. މިދިޔަ އަހަރު ގަދަ ހަތަރަކުން ޖާގަ ނުލިބުނު ޓީމުތައް މި އަހަރު އާ ރޫހެއްގައި ތިބީ ނިކުމެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ކުލަބު ނިއުރޭޑިއަންޓުން، އޭއެފްސީ ކަޕަށް އޮތް ބޮޑު ޕެލޭންއަކީވެސް ދިވެހިންގެ އުންމީދާ ގުޅިފައި އޮތް ކަމެކެވެ. ރާއްޖޭގެ ކުލަބެއް އޭއެފްސީ ކަޕު ފައިނަލުގައި ކުޅުމަކީ ހުރިހާ ދިވެހިންގެ އުންމީދެވެ. އަދި ޓީސީ މިހާރު އޮތް ރަނގަޅު ފޯމުގެ ސަބަބުން އެ ޓީމާ މެދު ކުރެވޭ އިންމީދުވެސް ބޮޑެވެ.
މި ކުލަތަކާއެކު ސިޔާސީ މަސްރަހުގެ ތެރެއިން އައިސް ކުޅިވަރު ދަނޑުތަކާ ދިމާލަށް ބަލާލަން ޖެހޭ ސަބަބަކަށް މިކަންކަން ވެގެންދާނެ އެވެ. ޕާޓީ ވާދެރިކަމަށް ވުރެ ކުޅިވަރު ދަނޑުތަކުގައި އޮތް ވާދަވެރިކަންވެސް ވަކި ކުޑަ އެއް ނޫނެވެ.