ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވުމުން، އޭއެފްސީ ކަޕް ޕްލޭއޮފްގައި ރައްޖޭގެ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗު ކުރިއަށް ގެންދެވޭނެތޯ ސުވާލު އުފެދިފައި ވަނިކޮށް، އެމްއެންޑީއެފުން ޔަގީންކަން ދިނުމުން އިންޑިއާގެ ބެންގަލޫރު އެފްސީ މާލެ އަންނަން ތައްޔާރު ވެއްޖެ އެވެ.
ބެންގަލޫރު އެފްސީގެ އެންމެ އިސް ޓެކްނިކަލް އޮފިސާ މަންދަރު ޓަމްހޭން ބުނީ ރާއްޖޭގެ ހާލަތު އޮތް ގޮތުން މާލޭގައި މެޗު ކުރިއަށް ގެންދެވިދާނެތޯ ބެލުމަށް އޭއެފްސީ އާއި އިންޑިއާގެ ފުޓްބޯޅަ ފެޑްރޭޝަން މެދުވެރިކޮށް އެ ޓީމުން އެ ދިފައިވާނެ ކަމަށެވެ.
"އަހަރެމެން އެދުނީ އެ ހާލަތު އޮތްގޮތުން މެޗު ކުރިއަށް ގެންދެވޭނެތޯ އަދި އަހަރެމެންގެ މުޅި ޓީމަށް ރައްކާތެރިކަން އެބައޮތްތޯ،" ޓަމްހޭން ބުންޏެވެ. "އޭއެފްސީ ވަނީ އަހަރެމެންނަށް އަންގާފަ މެޗު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް، އެހެންވެ އަހަރެމެން އާދިއްތަ ދުވަހު [މާދަމާ] ރާއްޖެއަށް ދާނަން."
އެމްއެންޑީއެފް ޑައިރެކްޓަރޭޓް އޮފް އެޑްމިނިސްޓްރޭޝަން އަދި ޕާސަނަލް ސާވިސްގެ ޕްރިންސިޕަލް ޑިރެކްޓާ ކާނަލް އަހަމްދު ތާހީރު އާ ހަވާލަދީ އިންޑިއަން އެކްސްޕްރެސްއިން ބުނެފައި ވަނީ އަންނަ އަންގާރަ ދުވަހު ކުޅެން ހަމަޖެހިފައިވާ މެޗު ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ކަމާ ގުޅުން ހުރި ދާއިރާތަކަށް އެމްއެންޑީއެފުން ދިފައިވާ ކަމަށެވެ.
އެގޮތުން ޔޫތު މިނިސްޓްރީ އާއި އެފްއޭއޭއެމް އަށް އެމްއެންޑީއެފްގެ ފަރާތުން އެ ޔަގީންކަން ދީފައިވާ ކަމަށެވެ. އަދި މެޗުގައި ސަލާމަތީ ބާރުތަކުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް ބެންގަލޫރު އެފްސީއަށްވެސް އޭއެފްސީ މެދުވެރިކޮށް މިހާރު ވަނީ އަންގާފަ އެވެ.
ޓީސީ އާއި ބެންގަލޫރު އެފްސީ ކުޅޭ ފުރަތަމަ ލެގް މެޗު މެޗު އޮންނާނީ އަންގާރަ ދުވަހު ރޭ 9:00 ގަ އެވެ. ދެ ވަނަ ލެގް މެޗު އޮންނާނީ މިމަހުގެ 20 ވަނަ ދުވަހު ބެންގަލޫރުގަ އެވެ.
ދެހާސް ފަނަރަ ވަނަ އަހަރުވެސް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި އެވެ. އޭރު ހޮންކޮންގް އާ ދެކޮޅަށް ވޯލްޑްކަޕް ކޮލިފައިންގައި މާލޭގައި ކުޅުނު މެޗު ވަނީ ކުޅެފަ އެވެ. ރޭގަނޑު ކުޅެން ހަމަޖެހިފައިވާ މެޗު ފުލުހުންގެ ލަފާގެ މަތިން މެޗު ކުޅުނީ ހަވީރު އެވެ.