އަންގާރަ ދުވަހު ޓީސީ އާއި ބެންގަލޫރު އެފްސީ މާލޭގައި ކުޅޭ އޭއެފްސީ ކަޕް ޕްލޭ އޮފް މެޗު ކުރިއަށް ގެންދިއުމަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަމެއް ފޯރުކޮށްދޭނެކަން ކަށަވަރުކޮށް އެމްއެންޑީއެފްއިން އޭއެފްސީއަށް ސީޓީއެއް ފޮނުވައިފި އެވެ.
ސިފައިން އޭއެފްސީއަށް ދީފައިވާ ޔަގީން ކަމާއެކު އޭއެފްސީއިން މިހާރު ވަނީ ބެންގަލޫރު އެފްސީއަށް މެޗު ކުޅުމަށް ހުރަހެއް ނެތް ކަމަށާއި ކުރިން ތާވަލް ކުރެވިފައިވާ ގޮތަށް މެޗު ކުރިއަށް ދާނެކަން އަންގާފަ އެވެ.
އެމްއެންޑީއެފްއިން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މެޗު ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އަދި އެފްއޭއެމްއަށް ދޭން ޖެހޭ ހުރިހާ އެހީތެރިކަމެއް ދިނުމަށް ސިފައިން ތައްޔާރަށް ތިބި ކަމަށެވެ.
ބެންގަލޫރު އެފްސީއިން ބުނެފައިވަނީ އެޓީމު އާދިއްތަ ދުވަހު މާލެ ދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އެކްލަބުން އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން މެދުވެރިކޮށް އޭއެފްސީ އާއި ވާހަކަ ދައްކާފައިވާ ކަމަށާއި އޭއެފްސީއިން މެޗު ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތް ކަމަށާއި ސެޑިއުލް ކުރެވިފައިވާ ގޮތަށް މެޗު ކުރިއަށް ދާނެ ކަމަށް ބުނެފައިވާ ކަމަށެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވީ ނަމަވެސް މެޗު ކުރިއަށް ދާނެ ކަމަށާއި އެކަން އޭއެފްސީ އާއި ހިއްސާކޮށްފައިވާ ކަމަށެވެ.
2015 ވަނަ އަހަރުވެސް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި އެވެ. އޭރު ހޮންކޮންގް އާއި ދެކޮޅަށް ވޯލްޑްކަޕް ކޮލިފައިންގައި މާލޭގައި ކުޅުނު މެޗު ވަނީ ކުޅެފަ އެވެ. ރޭގަނޑު ކުޅެން ހަމަޖެހިފައިވާ މެޗު ފުލުހުންގެ ލަފާގެ މަތިން މެޗު ކުޅުނީ ހަވީރު އެވެ.
ބެންގަލޫރު އަދި ޓީސީ ބައްދަލުކުރާ މެޗުން ދެލެގުން ކުރި ލިބޭ ޓީމަކަށް އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުން ޖާގަ ލިބިގެން ދާނެ އެވެ. ދެވަނަ ލެގު ބެންގަލޫރުގައި ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 20 ވަނަ ދުވަހު އެވެ.