ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިފާ ހައްޔަރު ކޮށްގެން ގެނެވުނު ގޮތަކަށް ގެނައުމަަށް ޕީޕީއެމްގެ ނައިބް ރައީސް އަބުދުއް ރަހީމް އަބުދުﷲ (އަދުރޭ) ގޮވާލައިފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މީގެ ކުޑައިރުކޮޅެއް ކުރިން ބޭއްވި ޕްރެސް އެއްގައި އަދުރޭ ވިދާޅުވީ، ރާއްޖެއިން ބޭރުގައި ހުންނަވައިގެން ދިވެހި ރާއްޖޭގެ އެކުވެރިކަމާއި އެއްބައިވަންތަކަން ނަގާލައި ސިފައިންނާއި ފުލުހުންގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ކުރަމުންދާކަމީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ، ވީ އެންމެ އަވަހަކަށް އިންޓަޕޯލް މެދުވެރިކޮށްގެން ނަމަވެސް ސަރުކާރުން ރައީސް ނަޝީދު ހައްޔަރުކޮށްގެން ރާއްޖެ ގެންނަން ޖެހޭ ކަމަށެވެ.
"އިމިގްރޭޝަނާއި ދިވެހި ސިފައިންނާއި ކަސްޓަމާއި ފުލުހުންގެ ތެރޭގައި އައިއެސްއައި އަށް ހަނގުރާމައަށް ގޮސް އައިސްތިބި މީހުން ތިބި ކަމަށް އެބަ ވިދާޅުވޭ، މިހާ ބޮޑަށް ކަންކަން އޮޅުވާލައި ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފައްދަން އުޅޭ މީހަކު ހުރުން އެއީ ހިތާމަ ކޮށް ލަދުގަންނަ ކަމެއް، ހައްޔަރު ކޮށްގެން ގެނެވުނު ގޮތަށް އަންނި ގެނެސް އެބަ ޖެހޭ ޖަލަށްލާ ބާއްވަން،" އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަސްލު ސިފަ މިހާރު ފެންނަމުންދާ ކަމަށާއި އެއީ ދެއިރު ދެގޮތަކަށް ވާހަކަދެއްކުން ކަމަށެވެ. އެގޮތުން ދިވެހި ގައުމުގެ ސަލާމަތާއި އިސްތިގުލާލަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ކުރުމަށް ތާއީދު ނުކުރާ ކަމަށާއި ނަމަވެސް އިއްޔެ ވަނީ ބޭރުގެ ގައުމުތަކުގެ އެހީއަށް އެދި ޓްވީޓްކޮށްފައި ކަމަށް އަބުދުއްރަހީމް ވިދާޅުވި އެވެ.
"ދިވެހި ގައުމުގެ އިސްތިގުލާލަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ކުރާކަށް ތާއީދެއް ނުކުރަމޭ، އެއީ ތިމަންނަ އަށް މަޝްވަރާ ނުކޮށް ކުރި ކަމެކޭ، އިއްޔެގަ ކޮންމެވެސް މީހަކު އިނގިރޭސިން ލިޔެފަ ފޮނުވީމަ އެބައިން ޓްވީޓެއްކޮށްފަ ޕޯސްޓް ކޮށްފަ، މިއީ އަސްލު ގާސިމްގެ އޮރިޖިނަލް ސިފަ އަކީ، އެއްގޮތަކަށް ނުހުރެވޭނެ، އެކަހަލަ މީހުން ރާއްޖޭގެ ވެރިކަމާ ތޮޅެން މިއުޅެނީ، އަތަށް ފައިސާ ފޮއްޗެއް އަރާ ކޮންމެ މީހަކު ވެރިކަމާ ދިމާ ކުރީމަ ކިހިނެއްތޯ މިގައުމުގެ ވެރިކަން ކުރާނީ،" އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ، މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް، ރައީސް ޔާމީން ހިތް ނުފުރޭ ކަމަށް ވިދާޅުވި ކަމަށާއި ހިތް ނުފުރެނީ ކާކުކަން ބުނެދޭން ވަރަށް ސާފު ކަމަށެވެ. ނަމަވެސް އެމީހުންނަކީ ސިޔާސީ ގޮތުން ތަައްރަފު ފުދޭ ބައެއް ނޫން ކަމަށާއި ޕީޕއެމް ކަހަލަ ބޮޑު ޕާޓީ އަކުން އެވާހަކަ ތަކަށް ރައްދުދީ ވަގުތު ބޭކާރު ކޮށްލުމަކީ ކުރުން އެހާ އެކަށީގެންވާ ކަމެއް ނޫން ކަމަށް އަދުރޭ ވިދާޅުވި އެވެ.
ޕްރެސްގައި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސެން މަނިކު ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި ރައީސް ނަޝީދުގެ އަމަލުތައް ފެންނަމުންދަނީ ގަައުމުގެ މުސްތަގުބަލް ގެއްލޭ ގޮތަށް ވާހަކަތައް ބައްޓަންކޮށް އަމަލު ކުރަމުންދާ ކަމަށެވެ.
"ބައިނަލް އަގުވާމީ މުޖުތަމައާ ދުރުވެ ހުރެ، ރާއްޖެއަށް ބޭރުގެ ހަތިޔާރާއެކު ސިފައިން އެރުމަށް ގޮވުމުގެ އިތުރުން ސަލާމަތީ ބާރުތަކުގެ އަގު ނުވަތަ މިގައުމުގެ ކަރާމާތް ނުވަތަ ސިޔާދަތު ފޫއަޅާފަހުރިކަން ދައްކަން މަސައްކަތް ކުރުމަކީ ގައުމަށް ވެވޭނެ އެންމެ ބޮޑެތި ހަރާންކޯރުވުން ތަކުގެ ތެރޭގައި ހިމެނޭ ކަމެއް، ވަރަށް ބޮޑެތި ގައްދާރުން ނޫނީ އެފަދަ ކަމެއް ނުކުރާނެ،"
ނިހާން ވިދާޅުވީ، ރާއްޖޭގައި އައިއެސްއައި ރިކްރޫޓް ކުރާކަށް ނުވަތަ ތާއީދުކުރާ ބަޔަކު ސަލާމަތީ ބާރުތަކުގައި ނޫޅޭ ކަމަށާއި އެކަމަކީ ކަނޑައެޅިގެން ދޮގެން ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ވާހަކަތައް ހުއްޓުވުމަށް މަޖިލީހަށް ބިލެއް ހުށަހަޅަން ޖެހޭ ކަމަށާއި އެކަމާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅައިފި ނަމަ އެބިލް ފާސްކުރަން ޕީޕީއެމުން ތިބީ ތައްޔާރަށް ކަމަށެވެ.
އަދުރޭ ވަނީ މިއަދުގެ ޕްރެސްގައި ގައުމީ ސަލާމަތަށް ނުރައްކާ މީހެއް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރު ކުރަންވެސް ގޮވާލާފަ އެވެ.