އުތުރު ކޮރެއާ

ދެކުނު ކޮރެއާގެ ރައީސް އުތުރަށް ވަޑައިގަންނަވަން ކިމް ދައުވަތެއް

ސޯލް، ދެކުނު ކޮރެއާ- (ރޮއިޓާސް) ރައީސް މޫން ޖައި އިން އުތުރުކޮރެއާގެ ވެރިރަށް ވަޑައިގެން އެގައުމުގެ ލީޑަރު ކިމް ޖޮން އުންއާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވައިފި ކަމަށް ދެކުނު ކޮރެއާ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ކިމްގެ ދައުވަތާ އެކު މިހާރު މަގުފަހިވެފައި ވަނީ ދެކޮރެއާގެ ލީޑަރުން 10 އަހަރުގެ ތެރޭގައި ބާއްވާ ފުރަތަމަ ބައްދަލުވުމަށެވެ. ދެ ލީޑަރުންގެ ބައްދަލުވުން ބޭއްވިއްޖެ ނަމަ އެކަން ވާނީ ދެކުނު ކޮރެއާގެ ރައީސް މޫންއަށް ޑިޕްލޮމެޓިކް ގޮތުން ހޯއްދެވޭ ވަރަށް ބޮޑު ކާމިޔާބީއަކަށެވެ. އޭނާ ވެރިކަމަށް ވަޑައިގެންނެވީ އުތުރުކޮރެއާއިން ކުރިއަށް ގެންދާ ނިއުކްލިއަ ހަތިޔާރު އުފެއްދުމުގެ މައްސަލައަށް، ޑިޕްލޮމެޓިކް ހައްލެއް ހޯއްދަވާނެ ކަމުގެ ވައުދާ އެކުގައެވެ.

ޕިޔޮންޔަންއަަށް ވަޑައިގެން ކިމްއާ ބައްދަލުކުރައްވަން މޫންއަށް ދައުވަތު އެރުވީ ދެކުނު ކޮރެއާގެ ޕިޔޮންޗޭންގް ގައި މިހާރު ކުރިއަށްދާ ވިންޓާ އޮލިމްޕިކްސް ހުޅުވުމުގެ ރައްމިއްޔާތައި ބައިވެރިވަޑައިގަންނަވަން ދެކުނަށް ވަޑައިގެން އުޅުއްވާ ކިމް ޔޮން ޖޮންއެވެ. އޭނާއަކީ ކިމްގެ އަންހެން ކޮށްްކޯފުޅެކެވެ. އަދި އެއި އާއިލާގެ ބޭފުޅުންގެ ތެރެއިން އެންމެ އަރިސް އެއް ބޭފުޅާއެވެ. ކިމް ދެއްވި ދައުވަތު މޫންއަށް އަނގަބަހުން އެރުއްވީ ކިމް ޔޮން ޖޮން އެވެ.

" ކައިރި މުސްތަގުބަލެއްގައި މޫންއާ ބައްދަލުކުރައްވަން ކިމް އެދިވަޑައިގެންފި. އަދި ވެވަޑައިގެންނެވި އެންމެ އަވަހަކަށް މޫން އުތުރުކޮރެއާއަށް ޒިޔާރަތް ކުރައްވަން އޭނާ އެދިވައިގަންނަވާ،" ދެކުނު ކޮރެއާގެ ރިޔާސީ ގަނޑުވަރު ' ބްލޫ ހައުސް' ގައި ބޭއްވި މެންދުރުގެ ފަރިއްކޮޅެއްގައި ކިމް ޔޮން ޖޮން މޫންއަށް ވިދާޅުވިއެވެ.

ބްލޫ ހައުސްގެ އޮފިޝަލަކު ވިދާޅުވީ މޫން އެ ދައުވަތު ގަބޫލުކުރެއްވި ކަމަށެވެ.

ދެކުނު ކޮރެއާގެ ޕިޔޮންޗޭންގް ގައި ހުކުރު ދުވަހު ފެށި ވިންޓާ އޮޮލިމްޕިކްސްއާ ގުޅުވައިގެން ދެކޮރެއާގެ ދެމެދުގައި ކުރާ މުއާމަލާތްތައް ވަރަށް ބޮޑަށް އިތުރުވެ، ދެގައުމުގެ ދުޝްމަންކަން ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. އެގޮތުން އުތުރުކޮރެއާގެ ގިނަ އަދަދެއްގެ އެތުލީޓުން އެ މުބާރާތަށް ދިޔަ އިރު، ދެގައުމު ގުޅިގެން އުފައްދާފައިވާ ހޮކީ ޓީމެއް ވެސް މުބާރާތުގައި އަންނަނީ ވާދަކުރަމުންނެވެ.

ވިންޓާ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތަށް ދެކުނު ކޮރެއާއަށް ވަޑައިގެންނެވި އިސް ބޭފުޅުންގެ އިތުރުން އުތުރުކޮރެއާގެ ދައުލަތުގެ ވެރިޔާ ކިމް ޔޮން ނަމް ހިމެނިވަޑައިގަންނަވައެވެ.

ވިންޓާ އޮލިމްޕިކްސްގައި އުތުރުކޮރެއާ ބައިވެރިވުމާ ބެހޭ ގޮތުން ދެގައުމުން ކުރި މަޝްވަރާގައި އެއްބަސްވެފައި ވަނީ އޮލިމްޕިކް ފެށުމުގެ ރަސްމިއްޔާތުގައި އެއްބައިވަންތަކަމުގެ ދިދައިގެ ދަށުގައި ދެކޮރެއާގެ އެތުލީޓުން އެކުގައި ހިނގާލުމަށެވެ. އެއްބަސްވި ގޮތަށް ހުކުރު ދުވަހު އެކަންތައް ވަނީ ކޮށްފައެވެ. އެ ދެގައުމުން ކުރި ކާމިޔާބު މަޝްވަރާތައް ފެށީ މީލާދީ އާ އަހަރު ފެށުމުގެ މުނާސަބާގައި އުތުރުކޮރެެއާގެ ލީޑަރު ކިމްޖޮން އުން ދެއްވި ހިތާބުގައި އެކަމަަށް ގޮވައިލެއްވުމުންނެވެ