އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްްލިންކެން ދެކުނު ދޮރެއާއަށް ވަޑައިގަތުމާ ދިމާކޮށް އުތުރު ކޮރެއާއިން ކުރު ރާސްތާ ބެލިސްޓިކް މިސައިލްތަކެއް ފޮނުވާލައިފި އެވެ.
ދިރާސާކުރާ މީހުން ދެކޭ ގޮތުގައި އުތުރު ކޮރެއާގެ މި އަމަލަކީ ނުތަނަވަސްކަމާއި ނުރުހުންތެރިކަން ފާޅުކުރުމަށް ކުރި ކަމެކެވެ.
ބްލިންކެން ދެކުނު ކޮރެއާއަށް ވަޑައިގަތީ މަޝްވަރާއަށެވެ. އޭނާގެ މި ދަތުރުގައި އެ ގައުމުގައި އޮންނަ ޑިމޮކްރަސީ ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އަދި އެ ގައުމުގެ ރައީސް ޔޫން ސުކް ޔޯލްއާ ބައްދަލުކުރައްވާނެ އެވެ.
ދެކުނު ކޮރެއާ އާއި އެމެރިކާ ގުޅިގެން މިދާކަށް ދުވަހު -- ކޮރެއާ ސަރަހައްދުގައި ބާރުގަދަ އަސްކަރީ ފަރިތަކުރުންތަކެއް ވަނީ ނިންމާލާފަ އެވެ.
އުތުރު ކޮރެއާ ރުޅިއަރާ ކަންތައްތަކުގެ ތެރޭގައި ކޮރެއާ ސަރަހައްދުގައި އެމެރިކާ ބައިވެރިކޮށްގެން އަސްކަރީ ތަމްރީން ހެދުން ހިމެނެ އެވެ.
އުތުރު ކޮރެއާއިން ފޮނުވާލި ކުރު ރާސްތާ މިސައިލްތައް ދެކުނު ކޮރެއާގެ ރާޑަރަށް ވަނީ އަރާފަ އެވެ. ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނި ގޮތުން އެ މިސައިލްތައް 300 ކިލޯމީޓަރަށް އުދުހުމަށް ފަހު ވެއްޓުނީ ޖަޕާން ކަނޑަށެވެ.
އުތުރު ކޮރެއާއިން ދީފާނެ ހަމަލާއަކުން ރައްކާތެރިވުމަށް ހޭވެރިވެ ތިބި ކަމަށްވެސް ދެކުނު ކޮރެއާއިން ބުންޏެވެ. އުތުރު ކޮރެއާގެ ހަރަކާތްތައް ހުންނަ ގޮތް އެމެރިކާ އާއި ޖަޕާނަށް ކިޔައިދޭ ކަމަށްވެސް ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުންޏެވެ.
އުތުރު ކޮރެއާގެ މިސައިލްތަކަށް ފާޑުވިދާޅުވެ ބްލިންކެން ދެއްކި ވާހަކަތަކުގައި، ދެކުނު ކޮރެއާ ރައްކާތެރިކޮށް ދިނުމަކީ އެެމެރިކާއަށް ވާޖިބެއް ކަމަށް ވިދާޅުވި އެވެ. އަދި އުތުރުން ދީފާނެ ކޮންމެ ހަމަލާއަކަށް ދެކުނުގެ އަސްކަރިއްޔާ ހޭލުންތެރި ކުރުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ޖަޕާނުން ބުނީ އުތުރު ކޮރެއާއިން ފޮނުވީ ތިން މިސައިލް ކަމަށާއި އެއިން އެއްވެސް މިސައިލެއް ޖަޕާންގެ އީއީޒެޑަށް ނުވަންނަ ކަމަށެވެ. ނަމަވެސް ޖަޕާން އޮތީ ވަރަށް ހުޝިޔާރަށް ކަމަށްވެސް ބުންޏެވެ.
ދެކުނު ކޮރެެއާ އާއި އެމެރިކާ ގުޅިގެން -- ކޮރެއާ ސަރަހައްދު ނާމާންކޮށްފި ކަމަށް އުތުރު ކޮރެއިން ބުންޏެވެ. ސަރަހައްދަށް ބީރައްޓެހި ހަރަކާތްތައް ވައްދަން ހަދާނަމަ އެމެރިކާ އާއި ދެކުނު ކޮރެއާއަށް ރީތި ލަނޑެއް ލިބިދާނެ ކަމަށްސް އުތުރުން ބުންޏެވެ.
އުތުރު ކޮރެއާ ދޭތެރެ ދޭތެރެއިން މިސައިލްތަކެއް ޓެސްޓްކުރެ އެވެ. މިއީ މި އަހަރުގެ ތެރޭގައި މިސައިލްަކެއް ޓެސްޓްކުރި ދެވަނަ ފަހަރެވެ.
އުތުރު ކޮރެއާގެ މިފަދަ އަމަލުތަކަށް އެމެރިކާއާއި ޔޫރަޕުން އިންޒާރު ދިނެއް ކަމަކު އުތުރު ކޮރެއާއަށް އަށް އެކައްޗެކޭ ވެސް ހީނުވެ އެވެ.