ދުނިޔެ

ޖަޕާނަށް އުތުރު ކޮރެއާ ފޮނުވި ތައުޒިއާއަށް ޝުކުރު އަދާކޮށްފި

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ތައުޒިޔާ ފޮނުއްވި ކަމަށް ޓަކައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއަށް ޖަޕާނުން ޝުކުރު އަދާކޮށްފި އެވެ.

2024 ލައިގަތުމާ ދިމާކޮށް ޖަޕާނަށް ފުލުފުލުގައި އައި ބިންހެލުމުގައި 110 މީހަކު ވަނީ މަރުވެފަ އެވެ. 365 ގެދޮރު ބިމާ ހަމަވެ، 32،000 ގެއިން ވަނީ ކަރަންޓް ކަނޑައިގެން ގޮސްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން 211 މީހަކަށް ވީ ނުވީ ގޮތް އަދިވެސް ނޭނގެ އެވެ. މީގެ އިތުރުން 516 މީހަކަށް ވަރަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ފަރާތުން ޖަޕާންގެ ބޮޑުވަޒީރު ކިޝިދާއަށް ފޮނުއްވި މެސެޖުގައި -- ބިންހެލުމުގައި ގެއްލުން ލިބުނު އެންމެހާ ރައްޔިތުންނަށް ތައުޒިއާ އަދާކޮށްފައިވެ އެވެ.

ޖަޕާނަށް ލިބުނު ކުއްލި ގެއްލުމުގައި ބައިވެރިވާ ކަމަށާއި ހިތާމައިގައި ބައިވެރިވާ ކަމަށްވެސް މެސެޖުގައިވެ އެވެ.

ޖަޕާންއާ އުތުރު ކޮރެއާ އަކީ ސަރަހައްދީ ވާދަވެރިންނެވެ. މީގެ އިތުރުން ދެކުނު ކޮރެއާއިން ކުރިއަށް ގެންދާ މިސައިލް ޓެސްޓްކުރުމުގެ ޕްރޮގްރާމާ ހެދި މި ދެ ގައުމުގެ ގުޅުން އުދާސްވެފައި އޮންނަތާ ވެސް އަރަހަރުތަކެއް ވެއްޖެ އެވެ.

އުތުރު ކޮރެއާގެ ބެލިސްޓިކް މިސައިލްތައް ޓެސްޓްކުރުމުގައި ޖަޕާނާ ދިމާއަށް މިސައިލްތައް ފޮނުވުމާއި ޖާސޫސީ ސެޓެލައިޓްތަކުން ޖާސޫސްކުރާ ކަމަށް އުތުރު ކޮރެއާ ދައްކާ ވާހަކަ އަކީ ވެސް ޖަޕާނަށާއި ދެކުނު ކޮރެއާއަށް އޮތް ބޮޑު ބިރެކެވެ.

އުތުރު ކޮރެއާއިން ޖަޕާންގެ ހިތާމާގައި ބައިވެރިވުމަކީ އެ ގައުމުގެ ސިޔާސަތަށް އަތުވެދާނެ ބަދަލަކަށް ވެއްޖެ ނަމަ ޖަޕާންއާ އެކު ގާތް ގުޅުމެއް އުފެއްދުން އުތުރު ކޮރެއާއަށް ވަރަށް ފަސޭހަ ކަމަކަށް ވާނެ އެވެ.

ނަމަވެސް، މިއީ ވަގުތީ ކަމަކަށް ވެއްޖެ ނަމަ އަނެއްކާވެސް ކުރިން އޮތް އުދާސްގަނޑުގެ ތެރެެއަށް ދެ ގައުމު ވެއްޓޭނެ އެވެ.

ޖަޕާނާއި ދެކުނު ކޮރެއާގެ އެދުމަކީ އުތުރު ކޮރެއާއިން މިސައިލް ޓެސްޓް ނުކުރުމެވެ. އަދި ނިއުކްލިއާ ބޮން އުފެއްދުން ދޫކޮށްލުމެވެ.

އުތުރު ކޮރެއާ ބުނާ ގޮތުން އެމެރިކާ ކަހަލަ ދުޝްމަނުން ކޮރެއާ ސަރަހައްދަށް ގެނައުމުގައި ދެކުނޮ ކޮރެއާގެ ދައުރު ބޮޑެވެ. އެމެރިކާގެ ކިބައިން ދެކުނު ކޮރެއާ ސަލާމަތްވާ ދުވަހަކުން -- އުތުރު ކޮރެއާގެ ސިޔާސަތު ބަދަލުވާނެ ކަމަށް އެ ގައުމުން އޮތީ ބުނެފަ އެވެ.