ދުނިޔެ

އުތުރު ކޮރެއާއިން ޖަޕާނަށް ސުލްހައިގެ އަތެއް

އުތުރު ކޮރެއާ އާއި ޖަޕާންއާ ދެމެދު ގާތް ގުޅުންތަކެއް އުދެއްދިދާނެ ކަމަށް ވިދާޅުވެ އުތުރު ކޮރެއާ ލީޑަރު ކިމް ޖޮން އުންގެ ކޮއްކޮ -- ނުފޫޒުގަދަ ކިމް ޔޯ ޖޮންގް، ޖަޕާނަށް ޒައިތޫނި ފަތްކޯޅިއެއް ދިއްކޮށްލައިފި އެވެ.

ޒައިތޫނި ފަތްކޯޅިއެއް ދިއްކޮލުމަކީ ދެ ގައުމެއް ނުވަތަ ބައެއްގެ މެދުގައި އުފެދިފައި އޮތް ނުތަނަވަސްކަމެއް ދޫކޮށްލައި ސުލްހަވުމަށް ދައުވަތު ދިނުމެވެ. މިއީ ސިޔާސީ މައިދާނުގައިވެސް ދޭތެރެ ދޭދެރެއިން ހިނގާ ކަމެކެވެ.

ކިމް ޔޯ ޖޮންގްއާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން ޖަޕާންއާ އެކު ގުޅުން ބަދަހިކުރުމަކީ ދެ ގައުމަށް ވެސް އެންމެ ފައިދާ ބޮޑު ގޮތް ކަމަށް އުތުރު ކޮރެއާ ގަބޫލުކުރާ ކަމަށެވެ. އޭނާގެ ވާހަކަތައް ހުރީ ޖަޕާންގެ ބޮޑުވަޒީރު ޕިޔޮންގްޔަންގްއަށް ވަޑައިގަތުމަށް އުތުރު ކޮރެއާއިން ދައުވަތު ދީފާނެ ގޮތަކަށް ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

އުތުރު ކޮރެއާއިން މިފަދަ ބަޔާނެއް ނެރުނުއިރު ޖަޕާނުންވެސް ވަނީ އުތުރު ކޮރެއާއާ އެކު ގުޅުން ރަނގަޅުކުރަން އެދޭކަން ފާހަގަކޮށްފަ އެވެ.

ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ މިދިޔަ ހަފްތާގައި ދެއްކެވި ވާހަކައެއްގައި ވިދާޅުވި ގޮތުން އުތުރު ކޮރެއާއާއި ޖަޕާންއާ ދެމެދު އޮތް އޮއިވަރު ހިންދާލުން ވަރަށް މުހިންމެވެ. ދެ ގައުމަކީ އަވަށްޓެރި ދެ ގައުމަށް ވެފައި އޮއިވަރު ގަދަކުރުމުގެ ވިސްނުން ފަނާކުރުމަށް މަގުފަހިކޮށްފާނެތީ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

ކިމް ޔޯ ޖޮންގް ވިދާޅުވި ގޮތުން ޖަޕާންގެ ބޮޑުވަޒީރުވެސް ހުންނެވީ ގުޅުން ބަދަހިކުރެއްމުގެ ވިސްނުމެއްގަ އެވެ. ބޮޑުވަޒީރުގެ ވާހަކަތަކަށް އިތުބާރުކުރެވޭނެ އެއްވެސް ގޮތެއް އޮތް ނަމަ އުތުރު ކޮރެއާއިން އެ ދިމާއަށް ނުދާންވީ ސަބަބެއް ނެތް ކަަމަށް ވިދާޅުވި އެވެ.

ޖަޕާންއާ އެކު ގުޅުން ގޯސްވެފައި އޮންނަތާ ޒަމާންތަކެއް ވެއްޖެ ކަމަށް ވިދާޅުވެ ކިމް ޔޯ ޖޮންގް ވިދާޅުވީ މިގޮތުގައި ތިބުމަށް ވުރެ ހުރަސްތައް ނައްތާލަން މަޝްވަރާކުރުން ފައިދާ ބޮޑުވާނެ ކަމަށެވެ.

ޖަޕާނަށް އޮތް މައްސަލަ އަކީ އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ކަމަށްވާ ނަމަ އެއީ ދެ ގައުމުގެ ސަރުކާރާ ގުޅުން ހުރި ކަމަކަށް ނުހެދުމުން ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށްވެސް ކިމް ޔޯ ޖޮންގް ވިދާޅުވި އެވެ.

އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގާމުން ޖަޕާނަށް ނޭދެވޭ އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން އޮތުމުން ނިމުނީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އުތުރު ކޮރެއާ ބުނާ ގޮތުން ހުރިހާވެސް މައްސަލަ އަކީ ކޮރެއާ ސަރަހައްދުގައި އެމެރިކާގެ އަސްކަރިއްޔާ ހަރަކާތްތެރިވުމެވެ.

ދެކުނު ކޮރެއާއާއި ޖަޕާނުންވެސް އެމެރިކާއަށް އެ ފުރުސަތު ދީގެން ނުވާނެ ކަމަށް އުތުރު ކޮރެއާ ބުނެ އެވެ.