ކުޅިވަރު

ޗިކޫއަށް ބޮޑު ރިކޯޑެއް

މިހާރު ކުރިއަށްދާ އެމްބީއޭ ޗެމްޕިއަންޝިޕްގައި، ރާއްޖޭގެ އެއް ވަނަ ބާސްކެޓްބޯޅަ ކުޅުންތެރިޔާ އިބްރާހިމް ރަޝްވާން (ޗިކޫ) ބޮޑު ރިކޯޑެއް ހަދައިފި އެވެ.

އޭނާ ހެދި ރެކޯޑަކީ އެއް މެޗެއްގައި އެންމެ ގިނަ ޕޮއިންޓް ހޯދި ކުޅުންތެރިޔާގެ ރެކޯޑެވެ. ލަޔޮނޭސް ސްޕޯޓްސް ކުލަބާ ދެކޮޅަށް ޓީރެކްސްއިން ރޭ ކުޅުނު މެޗުގައި، ޗިކު ވަނީ 85 ޕޮއިންޓް ހޯދާފަ އެވެ.

މީގެ ކުރިން އެއް މެޗެއްގައި އެންމެ ގިނަ ޕޮއިންޓް ހޯދި ކުޅުންތެރިޔާގެ ރެކޮޑް އޮތީ އަހްމަދު ޒިލާލް އަތުގަ އެވެ. ދެހާސް ތޭރަ ވަނަ އަހަރު ރެޑްލައިން ކުލަބު (އާރްއެލްސީ) އާއި ވީ ޔުނައިޓަޑް ކުޅުނު މެޗުގައި ޒިލާލް ވަނީ އާރްއެލްސީ އަށް 67 ޕޮއިންޓް ހޯދައި ދީފި އެވެ. އާރްއެލްސީ އެ މެޗު ކާމިޔާބު ކުރީ 220-43 ޕޮއިންޓުންނެވެ. މީގެ ފަސް އަހަރު ކުރިން ކުޅުނު އެ މެޗަކީ ރޭއާ ހަމަޔަށް އެއް ޓީމަކުން އެންމެ ގިނަ ޕޮއިންޓް ހޯދި މެޗުވެސް މެއެވެ.

ރޭ ޓީރެކްސްއިން ވަނީ އާރްއެލްސީގެ އެ ރެކޯޑް ވެސް މުގުރާލާފަ އެވެ. ރޭ ގެ މެޗު ތީރެކްސް ކާމިޔާބު ކުރީ 231 ޕޮއިންޓް ހޯދައިގެންނެވެ. ލަޔޮނޭސްއަށް ހޯދުނީ އެންމެ 14 ޕޮއިންޓެވެ.

ޗިކޫ ބުނީ، އޭނާގެ އަމިއްލަ ރެކޯޑު މާ މުހިންމު ނޫން ކަމަށާއި އެންމެ މުހިންމު ކަމަކީ އެކަމުން ޓީމަށް ރަނގަޅު ނަތީޖާއެއް ލިބުން ކަމަށެވެ.

"އަމިއްލަ ރެކޯޑަކީ އެހާ މުހިންމު އެއްޗެއް ނޫން، ދަށް ޓީމުތަކާ ދެކޮޅަށް ކޮންމެ ކުޅުންތެރިޔަކަށްވެސް އެކަން ކުރެވިދާނެ،" ކުރިން ނެރެމުން އައި ދުވަހު ނޫސް ހަވީރުގެ، 2015 ވަނަ އަހަރުގެ ސްޕޯޓްސް އެވޯޑްގައި އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދި ޗިކޫ ބުންޏެވެ.

ރޭގެ މެޗުގައި ގިނަ ޕޮއިންޓްތަކެއް ޗިކޫ ހޯދީ މެޗުގެ އެންމެ ފަހު ކްއާޓާގަ އެވެ. އެ ކްއާޓާގެ ވެސް އެންމެ ފަހު ވަގުތުގައި އޭނާ ވަނީ ނިސްބަތުން ގިނަ ޕޮއިންޓްތަކެއް ސްކޯ ކޮށްފަ އެވެ.

"މިސާލަކަށް އެހެން ކުޅުންތެރިޔަކު މެޗު ފެށިގެން ގިނަ ޕޮއިންޓްތަކެއް ހޯދަން މަސައްކަތް ކޮށްފިއްޔާ އަދި މިއަށްވުރެ ގިނަ ޕޮއިންޓް ހޯދޭނެ،" ޗިކޫ ބުންޏެވެ. "ގިނަ ޕޮއިންޓްތަކެއް ހޯދަން އަޅުގަނޑު މަސައްކަތް މި ކުރީ ގޭމްގެ އެންމެ ފަހު ކްއާޓާގައި."

"އެހެންވީމަ މިކަހަލަ ފަސޭހަ މެޗެއްގައި، މެޗު ފެށުނީންސުރެ ގިނަ ޕޮއިންޓް ހޯދަން ވިސްނައްފިއްޔާ އެހެން ކުޅުންތެރިޔަކަށް މިއަށްވުރެ ގިނަ ޕޮއިންޓްވެސް ހޯދޭނެ، ނަމަވެސް ވަރުގަދަ ޓީމަކާ ދެކޮޅަށް މިހާވަރަށް ޕޮއިންޓް ހޯދުމަކީ ފަސޭހަ ކަމެއް ނޫން، އަޅުގަނޑުގެ އަމިއްލަ ރެކޯޑަކަށްވުރެ މުހިންމީ ޓީމަށް ރަނގަޅު ނަތީޖާއެއް ލިބުން."

އޭނާ ބުނީ އެ މެޗުގައި މުޅި ޓީމުން އެހާ ބޮޑު ހިތްވަރެއް ލައިގެން ކުޅުނީ ކުރިއަށް ހުރި އުނދަގޫ މެޗުތަކަށް ޓީމު ރަނގަޅު ފޯމެއްގައި ބޭއްވުމުގެ ގޮތުން ކަމަށެވެ.