ރައްޔިތުން މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރަކީ ސައްހަ އަމުރެއް ކަމަށް ސަރުކާރު ޕާޓީ ޕީޕީއެމުން އެއްބަސްވެއްޖެ އެވެ.
ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ހުކުމް ތަންފީޒު ކުރުމަށް ރައްޔިތުން މަގުމައްޗަށް ނިކުންނަން ނުޖެހޭ ކަމަށާއި އިތުރަށް ތަންފީޒު ކުރަން ޖެހޭ ހުކުމެއް ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ، ސުޕްރީމް ކޯޓުން ފެބްރުއަރީ އެކެއްގައި ނެރުނު އަމުރާ އެއްގޮތަށް މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބަލައި މަޖިލީހުން ވަނީ އެ މެންބަރުންނަށް މަޖިލީހަށް ވަދެވޭނެ ކަމަށް އަންގާފައި ކަމަށެވެ.
އަދުރޭ ވިދާޅުވީ، ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނިންމި އަމުރަކީ މިހާރު އޮތް ހަމައެކަނި މައުރު ކަމަށާއި އެއަމުރު މަޖިލީހުން ބަލައިގެންފައިވާ ކަމަށެވެ. އަދި އޭގެ އިތުރަށް ކޮށްފައިވާ އަމުރުތައް ބާތިލް ކޮށްފައިވާ ކަމަށާއި އިތުރަށް ތަންފީޒު ކުރަން ޖެހޭ ހުމުމެއް ނެތް ކަމަށް އަދުރޭ ވިދާޅުވި އެވެ.
"ހުކުމް ތަމްފީޒު ކުރަން އެއީ ރައްޔިތުން މަގުމައްޗަށް ނިކުންނަން ޖެހޭ ކަމެއް ނޫން، ތަންފީޒު ކުރަން ނިކުންނަން ޖެހޭ ހުކުމެއް ނޯންނާނެ، ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބަލައި މަޖިލީހުން ވަނީ އެމެންބަރުންނަށް މަޖިލީހަށް ވަދެވޭނެ ކަމަށް އަންގާފަ، އެއީ މިހާރު ހަމައެކަނި އޮތް ހުކުމަކީ،" އަދުރޭ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގައި ބުނެފައިވަނީ، ދައުލަތުގެ ބަންޑާރަ ނައިބު އެދިގެން އިންތިހާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ، ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އިއްވި ހުކުމަކީ އެކަމަށް ގާނޫނެއް ފާސްކުރެވެންދެން ވަގުތީ ފަރުވާއެއް ދިނުމަށް ނެރުނު ހުކުމެއް ކަމަށެވެ. ނަމަވެސް، އެ ހުކުމްކޮށް މިހާ ދުވަސްވީއިރު ވެސް ހުކުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން އަމަލުކޮށްފައިނުވާ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 141 ވަނަ މާއްދާ އާއި 145 ވަނަ މާއްދާގެ މައްޗަށް ބަލައި ފްލޯ ކްރޮސްއާ ބެހޭ ހުކުމް ބާތިލުކުރާ ކަމަށެވެ. އަދި މިހާރު އިލެކްޝަންސް ކޮމިޝަނުން ވަކިކޮށްފައިވާ މެންބަރުންގެ ގޮޑި ނުގެއްލޭ ކަމަށް ވެސް ހުކުމްގައި ކަނޑައެޅި އެވެ.
އަމުރުގައި އިތުރަށްވާ ގޮތުން، އެ ހުކުމް އިއްވިއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި އެންމެހައި މެންބަރުން ހިމެނޭ ގޮތަށް ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން 2018 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ގަވައިދުން ކުރިއަށް ގެންދިޔުމަށް އަންގާ ކަމަށެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި މަޖިލީހުގެ ރައީސް ވަނީ ޖަލްސާ ފަސްކޮށްފަ އެވެ. އަދި މިހާތަނަށް މަޖިލިސް އަލުން ފަށާނެ ވަކި ތާރީހެއް ހާމަކޮށްފަ އެއް ނުވެ އެވެ.
މިހާތަނަށް އެގޮތަށް 12 މެންބަރެއްގެ ގޮނޑި ވަނީ ގެއްލުވާލައިފަ އެވެ. މަޖިލިސްގެ ޖަލްސާތައް ކުރިއަށް ގެންދަނީ އެ މެންބަރުންނާ ނުލަ އެވެ. މެންބަރުންގެ ގޮނޑި ގެއްލިފައިވާ އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވަނީ، ސުޕްރީމް ކޯޓުން ނެރުނު ހުކުމަށް ރިޔާއަތް ކޮށެވެ. އެއީ އެ ހުކުމަށްފަހު އިންތިހާބުވާ ޕާޓީން ވަކިވެއްޖެނަމަ، ގޮނޑި ގެއްލޭނެ ކަމަށް ކަނޑައެޅި ހުކުމެވެ. ނަމަވެސް 12 މެންބަރުން ވެސް ވިދާޅުވަމުން ދަނީ އެ މެންބަރުން އެ ހުކުމުގެ ކުރިން ޕީޕީއެމްއިން ވަކިވެފައިވާ ކަމަށެވެ.
އެ މެންބަރުންނަކީ، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.
ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމި މެންބަރުންގެ ތެރޭގައި ހިމެނޭ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ވަނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ. އަދި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ވެސް ފުލުހުން އަންނަނީ އެތުހުމަތުގައި ހޯދަމުންނެވެ.