ބޮލީވުޑް

"ޕެޑްމޭން" ޕާކިސްތާނުގައި ރިލީޒްނުކުރި

Feb 12, 2018

ހުކުރު ދުވަހު ރިލީޒްކުރި އަކްޝޭ ކުމާރު ލީޑްރޯލު ކުޅެފައިވާ "ޕެޑްމޭން" އަވަށްޓެރި ޕާކިސްތާނުގައި ރިލީޒްނުކުރާ ގޮތަށް ނިންމައިފި އެވެ. އިންޑިއާގެ ޓެމިލް ނާޑޫގެ ކުޑަ އަވަށަކަށް ނިސްބަތްވާ އަރުނަޗަލަމް މުރުގަނަންތަމް ކިޔާ މީހަކު އަންހެނުނަށް ދިމާވާ މައްސަރު ކަންތަކާއި ގުޅިގެން ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން އެކި ބަލިތައް ޖެހުމަށް މަގުފަހިވުމުގެ ސަބަބުން އަމިއްލަ އަށް ޕެޑް އުފެއްދުމަށް ކުރި މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އަކްޝޭގެ އަންހެނުންގެ ރޯލު ރާދިކާ އަޕްޓޭ ކުޅެ، އަދި އަމިއްލަ އަށް އުފެއްދި އަގު ހެޔޮ ޕެޑާ މެދު އަންހެނުން ހޭލުންތެރިކުރުމަށ އެހީތެރިވެދޭ ޒުވާން އަންހެން ކުއްޖެއްގެ ރޯލު ސޯނަމް ކަޕޫރު ކުޅެފައިވާ މި ފިލްމު ވަނީ ހުކުުރު ދުވަހު އިންޑިއާ އާއެކު ފަންސާސް އިތުރު ގައުމެއްގައި ރިލީޒްކޮށްފަ އެވެ. ނަމަވެސް އަވަށްޓެރި ޕާކިސްތާނުގައި މި ފިލްމު ރިލީޒްކުރުމުގެ ހުއްދައެއް ނުލިބުނެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން ޕާކިސްތާނުގައި މި ފިލްމު ދެއްކުމުގެ ހުއްދަ އަށް ޑިސްޓްރިބިއުޓަރުން އެދުމުން ވަނީ ފިލްމުގެ ވާހަކަ އަކީ ޕާކިސްތާނުގެ މުޖުތަމައުގެ މިންގަނޑާ ހިލާފު ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ ފިލްމަކަށް ވުމުން ފިލްމު އެ ގައުމުގައި ރިލީޒްކުރުމުގެ ހުއްދަ ނުދެވޭނެ ކަމަށް ސެންސަރު ބޯޑުން ނިންމާފަ އެވެ.

ޕާކިސްތާނުގައި މި ފިލްމު މަނާކުރުމާ ގުޅިގެން އެ ގައުމުގެ ގިނަ އެކްޓަރުންތައް އަންނަނީ ސެންސަރު ބޯޑުގެ ނިންމުމަށް ފާޑުކިޔަމުންނެވެ. އާންމުންގެ ބައެއް ފަރާތްތަކުން ވެސް މި ފިލްމު ރިލީޒްކުުރުމުގެ ހުއްދަ ނުލިބުމުން އެކަމާ ވަނީ ފާޑުކިޔާފަ އެވެ.

"ޕެޑްމޭން" އެ ގައުމުގައި ރިލީޒްކުރުމުގެ ހުއްދަ ނުލިބުމުން ނޫހަކަށް އިންޓަވިއު ދިން އަންހެނަކު ވަނީ އޭޝިއާގެ ފިރިހެނުންގެ މެދުގައި އަންހެނުންނަށް ދިމާވާ މައްސަރު ކަންތަކުގެ ވާހަކަ ދެއްކުމަކީ ހަޑިހުތުރު ކަމެއް ކަމަށާއި، އެމީހުން ދެކޭ ގޮތުގައި އެ ވާހަކަ ދެއްކުމަކީ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ކަމެކެވެ.

އަކްޝޭގެ އަންހެނުން އަދި ކުރީގެ މަޝްހޫރު ބަތަލާ ޓްވިންކަލް ކަންނާ ލިޔެފައިވާ ފޮތް "ދަ ލެޖެންޑް އޮފް ލަކްޝްމީ ޕްރަސާދް" ގެ އަސްލަކަށް ބަލައިގެން އުފެއްދި މި ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ވެސް ޓްވިންކަލް އެވެ.

އާރް ބަލްކީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ސަބަބުން މައްސަރު ދުވަސްވަރު ސާފުތާހިރުކަން ބަހައްޓަން އަންހެންވެރިން ސަމާލުވުމާއި އަދި މަންމައިންނާއި އަންހެން ކުދިން މެދުގައި ޕީރިއަޑްވުމާ ގުޅޭގޮތުން ވަރަށް ގާތްކޮށް ވާހަކަދެކެވުން އެއީ މި ފިލްމު މެދުވެރިކޮށް ދޭން ބޭނުންވާ އެންމެ ބޮޑު އެއް މެސެޖު ކަމަށް އަކްޝޭ ވަނީ ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ބުނެފަ އެވެ.