ބޮލީވުޑް

އާލިއާގެ އާ ލޯބިވެރިިޔަކީ ވިޔަފާރިވެރިއެއް

Feb 12, 2018
1

ޒުވާން ބަތަލާ އާލިއާ ބަޓް އާއި އޭނާ އާއެކު އެއް ފިލްމަކުން ބޮލީވުޑަށް ނިކުތް ސިދާތް މަލްހޯތުރާ އާ ދެމެދު އޮތް ލޯބީގެ ގުޅުން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ނިމުމަކަށް އައިސްފަ އެވެ. އޭގެފަހުން އާލިއާ އާއި ސިދާތްގެ ދެމެދުގައި އެއްވެސް ގުޅުމެއް ނެތްއިރު މިފަހުން ވަނީ އާލިއާ އާއި އެކްޓަރު ރަންބީރު ކަޕޫރާ ދެމެދު ލޯބީގެ ގުޅުމެއް ފައްކާވި ކަމުގެ އަޑުތައް އަރާފަ އެވެ.

"ބްރަހަމަޝްތްރަ" އިން ފުރަތަމަ ފަހަރަށް އެކުގައި ފެނިގެންދާ ރަންބީރާ އާލިއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ވާހަކަ ނުހިނދެނީސް، އާލިއާ ލޯބީގެ ގޮތުން އިންޑިއާގެ މުއްސަނދި ވިޔަފާރިވެރިޔަކާ ގުޅިގެން އުޅޭ ކަމުގެ ވާހަކަ އަންނަނީ ދެކެވެމުންނެވެ.

އިންޑިއާގެ އެންމެ ބޮޑު އެއް ޓެލެކޮމިއުނިކޭޝަން ކުންފުނި އެއާޓެލްގެ ވެރިޔާގެ އަދި ބިލިއަނަރު ސުނިލް މިއްތަލްގެ ފިރިހެން ދަރިފުޅު ކެވިން މިއްތަލްއާ އާލިއާ ލޯބީގެ ގޮތުން ގުޅިފައިވާ ކަމަށް ވަނީ މިފަހުންނެވެ. ކެވިން އާއި އާލިއާ ދިމާވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އޮތް ވޯލްޑް އިކޮނޮމިކް ފޯރަމުގެ ތެރެއިންނެވެ.

އޭގެފަހުން އާލިއާ އާއި ކެވިންގެ ދެމެދުގައި ގާތް އެކުވެރިކަމެއް އުފެދި، މިހާރު އެދެމީހުންގެ ދެމެދުގައި ވަރަށް ބަދަހި ގުޅުމެއް އޮންނަ ކަމަށްވެ އެވެ.

ކެވިން އަކީ ދުނިޔޭގެ ހަވަނަ އަށް އެންމެ ގިނަ މީހުން ބޭނުންކުރާ މެސެންޖާ އެޕް، ހައިކް މެސެންޖާގެ ފައުންޑަރެވެ.

ބޮލީވުޑްގެ މަޝްހޫރު ބަތަލާއިންނަކީ މަޝްހޫރު ބޮޑެތި ވިޔަފާރިވެރިންނާ ލޯބީގެ ގޮތުން ގުޅި، އަދި ކައިވެނިކުރުމުގެ ތާރީހު އޮންނަ ބައެކެވެ.

ބޮޑެތި ވިޔަފާރިވެރިންނާ ކައިވެނިކުރި ބަތަލާއިންގެ ތެރޭގައި ޖޫހީ ޗާވްލާ، ޝިލްޕާ ޝެޓީ، ދީއާ މިރްޒާ، އީޝާ ޑިއޯލް، ވިދްޔާ ބާލާ، ޓީނާ މުނިމް، އައިޝާ ޓާކިޔާ އާއި އަމްރިތާ އަރޯރާ ފަދަ ތަރިން ހިމެނެ އެވެ.

މަޝްހޫރު ވިޔަފާރިވެރިޔަކާ އެންމެފަހުން ކައިވެނިކުރި ބަތަލާ އަކީ "ގަޖްނީ" ގެ ބަތަލާ އަސީން އެވެ. އަސީން ބިލިއަނަރު އަދި މައިކްރޮމެކްސްގެ ފައުންޑާ ރާހުލް ޝަރްމާއާ ކައިވެނިކޮށްފައި ވަނީ 2016 ވަނަ އަހަރު އެވެ. އެދެމީހުންނަށް މިހާރު ވަނީ ކުއްޖަކު ވެސް ލިބިފަ އެވެ.