ދޫނިދޫ ކަސްޓޯޑިއަލް ޖަލުގައި ބެހެއްޓުމަށްފަހު މާފުށީ ޖަލަށް ބަދަލުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ޖަލުން ދޫކޮށް ގެއަށް ބަދަލުކުރެއްވުމަށް ދަރިކަނބަލުން ދުންޔާ މައުމޫން ދިވެހި ސަރުކާރަށް ގޮވާލައްވައިފި އެވެ. މައުމޫން ހައްޔަރުކޮށް ޖަލަށް ގެންދިޔަތާ މިއަދަށް ހަތް ދުވަސް ވެއްޖެ އެވެ.
ރައީސް މައުމޫންގެ ބޭފުޅުންގެ ތެރެއިން ރައީސް ޔާމީންގެ ފަހަތްފުޅުގައި މިހާރުވެސް ހުންނެވި ދުންޔާ ބައްޕާފުޅު ޖަލުން ދޫކޮށްލުމަށް ކަމާބެހޭ ފަރާތްތަކަށް މިއަދު ގޮވާލައްވާފައިވާއިރު، ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މައުމޫން ހައްޔަރުކުރުމުން ދުންޔާ ވަނީ އެކަމުގެ ޒިންމާ ކުރީގެ ރައީސް ނަޝީދު ނަގަންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަކީ ވެސް ސަރުކާރުން ނެގި ވިސްނުންތެރި ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވައި ވާހަކަފުޅު ދައްކަވާފައިވެ އެވެ.
ރައީސް މައުމޫނަށް އާއިލާއާއި ބައްދަލުކުރެވޭގޮތަށް ވަކީލުންނާއި ސިއްހީ ފަރުވާ ލިބޭނެހެން ޖަލުން ދޫކޮށް ގެއަށް ބަދަލުކުރުމަށް ސަރުކާރަށް ގޮވާލެއްވި ޓުވީޓުގައި ދުންޔާ ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާއި ޑޮނަލްޑް ޓްރަމްޕް ފަދަ ބޭފުޅުން ވެސް ޓެގް ކުރައްވާފަ އެވެ. އަދި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްއާއި، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑްއާއި އދގެ އިންސާނީ ހައްގުތަކާއިބެހޭ އޮފީހުގެ ވެރިޔާ ޕްރިންސް ޒައިދު ރާދް އަލް ހުސައިންއާ، އީޔޫ ކޮމިޝަންގެ ނައިބް ރައީސް ފެޑެރިކާ މޮގަރިނީ ވެސް ޓެގްކުރައްވާފައިވެއެވެ.
"އަޅުގަނޑުގެ ބައްޕަ، ގައުމުގެ ބައްޕަ، މައުމޫން އަބްދުލް ގައްޔޫމް މިނިވަންކޮށް ގެއަށް ގެނައުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން،" ހެލްތުގެ ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ދުންޔާގެ ޓުވީޓުގައި ލިޔުއްވާފައިވެ އެވެ.
ފުލުހުން ރައީސް މައުމޫން ހައްޔަރުކޮށް ޖަލަށްލާފައިވަނީ އެމަނިކުފާނަށް ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ. ފުލުހުން ކުރި ތުހުމަތުތަކުގެ ތެރޭގައި ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވުމާއި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން އުޅުމާއި ޝަރީއަތަށް ނުފޫޒު ފޯރުވުމާއި ސަލާމާތީ ބާރުތައް ބައިބާ ކުރުމާއި ނުފޫޒު ފޯރުވުން ހިމެނެ އެވެ. ނަމަވެސް އެ ތުހުމަތު ތަކަށް އިންކާރުކުރައްވައި ޖަލުން މިނިވަންކުރުމަށް އެދި އެމަނިކުފާނު ވަނީ ކްރިމިނަލް ކޯޓަށް ހެބިއަސް ކޯޕަސްގެ މައްސަލައެއް ވެސް ހުށަޅާފަ އެވެ.