މާލެ، ހުޅުލެ އަދި ހުޅުމާލެ ކަރަންޓް ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ޗައިނާގެ ޑޮންފެން އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން (ޑީއީއީސީ)އާ ހަވާލުކޮށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ގްރޭޓާ މާލެ ގްރިޑް ކަނެކްޝަން ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުހޫރު އެވެ. އަދި ޑީއީއީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ މެކޭނިކަލް އެންޑް އިލެކްޓިކަލް ޑިވިޝަންސްގެ ޖެނެރަލް މެނޭޖަރު ޔެން އެވެ.
މި މަޝްރޫއުގެ ދަށުން އަޅާ ކޭބަލްގެ ދިގު މިނަކީ ހަތް ކިލޯ މީޓަރެވެ. މި މަޝްރޫއު އެ ކުންފުންޏަށް ހަވާލުކޮށްފައިވަނީ 44.46 މިލިއަން ޑޮލަރަށެވެ. ޑޮންފެންއާ ހަވާލުކޮށްގެން ހުޅުމާލޭ-މާލެ ބުރިޖުން ގުޅައިލާ ކޭބަލްއަކީ 132 ކިލޯވޮޓްގެ ހައި ވޮލްޓޭޖް ކޭބަލް އެކެވެ.
ރަސްމިއްޔާތުގައި ޒުހޫރު ވިދާޅުވީ، މި ޕްރޮޖެކްޓަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުން ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި ސްޓެލްކޯއާ މަސައްކަތް ހަވާލު ކުރި ދުވަހުން ފެށިގެންވެސް ބެލީ އެންމެ އަވަހަަށް މި މަސައްކަތް ނިންމުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށް ކަަމަށެވެ. އެގޮތުން ފިފްތް ޕަވާ ޕްރޮޖެކްޓްވެސް ކުރިއަށް ގެންދަނީ ޑޮންފެން ކަމަށްވެފައި އެފަރާތާއި ހަވާލުކޮށްގެން ކުރިއަށް ގެންދާނަމަ އަގާއި ވަގުތު ވަރަށް ބޮޑަށް ސަލާމަތް ކުރެވޭނެ ކަމަށް ފެންނާތީ ކަމަށެވެ.
ޒުހޫރު ވިދާޅުވީ، ފިފްތު ޕަވާ ޕްރޮޮޖެކްޓް ނިމިގެންދާއިރު ބްރިޖްގެ ކަރަންޓް ވިއުގަގެ މަސައްކަތްވެސް އެކުއެކީގައި ނިމިގެންދާނެ ކަމަށާއި ފިފްތް ޕަވާ ޕްރޮޖެކްޓްގެ ދަށުން ބްރިޖް ވިއުގަގެ ދަށުން މާލެއަށް ކަރަންޓް ލިބިގެންދާނެ ކަމަށެވެ.
"މާލެއަށް މިހާރު ކަރަންޓް މިދެނީ 70 މެގަވޯޓްސްގެ ޖަނަރޭޓަރަކުން، ކޮންމެ ދެއަހަރަކުން ޖަނަރޭޓަރު އިތުރުކުރަން ޖެހޭ، ނަމަވެސް ހުޅުމާލޭގައި ގާއިމް ކުރާ 50 މެގަވޯޓްސްގެ ޕަވަހައުސް ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ނިމި ބޭނުން ކުރެވެން ފެއްޓުމާއެކު މާލެއަށް ބޭނުންވާ ޕަވާ މިވިއުގައިގެ ތެރެއިން ލިބިގެންދާނެ،" ޒުހޫރު ވިދާޅުވި އެވެ.
ސަރުކާރުން ދަނީ ސްޓެލްކޯއާ ހަވާލުކޮށްގެން، ފަސްވަނަ ޕަވާ މަޝްރޫއުގެ ނަމުގައި 1.2 ބިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގަމުންނެވެ. ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން، 8.9 މެގަވޮޓްގެ ހަ ޖަނަރޭޓަރާއި ތެޔޮ ރައްކާކުރާނެ ވަސީލްތާއި ވޯޓާ ޑީސެލިނޭޝަން ފެސިލިޓީއެއް ގާއިމް ކުރާނެ އެވެ.