ހަބަރު

ރައީސް އަޒުލް ކުރަން ވެއްދި މައްސަލަ ބަލައެއް ނުގަތް

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަޒުލު ކުރުމަށް އިދިކޮޅު ލީޑަރުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައި ނުގަންނަން ނިންމައިފި އެވެ.

އެކަމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ބުނީ، ރައީސް ޔާމީން ވަކިވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އަދާލަތު ޕާޓީގެ ނައިބްރައީސް އަލީ ޒާހިރު ހުށަހެޅި މައްސަލައަކީ ގާނޫނުއަސާސީގެ 113 ވަނަ މާއްދާގައިވާ ގޮތުގެމަތިން ހުށަހެޅިފައިވާ މައްސަލައަކަށް ނުވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ގަވާއިދުގެ ދަށުން އެ މައްސަލަ ބަލައިނުގަތުމަށް އެކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

ރައީސް ޔާމީން އަޒުލު ކުރުމަށް އިދިކޮޅު ލީޑަރުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން އަމަލު ކުރި ގޮތުގެ ތަފްސީލު ވަނީ ރައީސް އޮފީހުން އިއްޔެ ހާމަކޮށްފަ އެވެ. ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައި ވަނީ 1 ފެބްރުއަރީގެ އަމުރާ ގުޅޭ ގޮތުން ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ކަންބޮޑުވުންތައް ބަލައި ނުގަނެ އަމުރު ތަންފީޒު ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އެ ކޯޓުން އަމުރު ނެރެފައިވާ ކަމަށާއި އެއަށް ފަހު ރައީސް ޔާމީން މަގާމުން ދުރު ކުރުމުގެ މައްސަލަ ވެސް ތާވަލުކޮށްގެން ކުރިޔަށް ގެންދިޔަ ކަމަށެވެ.

ރައީސް އަޒުލު ކުރުމުގެ މައްސަލަ އެންމެ ފުރަތަމަ ތާވަލު ކުރީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ކަމަށާއި ބެންޗުގައި އެ މައްސަލައާ މެދު ބަހުސް ކުރެވިގެން ދިޔަ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ނަމަވެސް އެ މައްސަލާގައި ބަންޑާރަނައިބަށާއި ރައީސް ޔާމީންއަށް ޖަވާބު ދާރީ ވުމުގެ ފުރުސަތެއް ނުދެއްވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެ މައްސަލާގައި ބެންޗުން ނެގި ވޯޓުން ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރަކު އެކަމަށް ތާއީދު ނުކުރުމާއެކު ރައީސް އަޒުލު ކުރުމުގެ މައްސަލަ ބޭރުވި ކަމަށް ރައީސްް އޮފީހުން ބުންނެވެ.. އަދި އެ މައްސަލަ ބޭރު ކުރީ އެފަދަ މައްސަލައެއް ބެލުމުގެ އިހުތިސާސްއެއް ސުޕްރީމް ކޯޓަށް ލިބިފައި ނުވާތީ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެކެއް ފެބްރުއަރީގެ އަމުރަށް ފަހު ރައީސް ގައުމާ މުހާތަބުކޮށް ވާހަކަ ދެއްކި ދުވަހުވެސް ވަނީ އެ ދުވަހު ސުޕްރީމް ކޯޓުގައި ހިނގައިދިޔަ ކަންކަން ވިދާޅުވެފަ އެވެ. އޭގެ ފަހުން އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މިހާރު ވަނީ ވެރިކަން ވައްޓާލަން އުޅުން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ.