ހައުސިން ޔުނިޓް

ސަރުކާރުގެ 2000 އަށްވުރެ ގިނަ މުވައްޒަފުން ފްލެޓަށް ހުށަހަޅައިފި

ސަރުކާރު މުއައްޒިފުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ ފްލެޓަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި 2000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިވިލް ސަވިސް މުއައްޒިފުންނަށް 1000 ސޯޝަލް ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަވި އިރު 16 އޮފީހަކުން 2161 މުއައްޒިފުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ރާއްޖޭގައި ބަޣާވާތެއް ކުރަން މަސައްކަތް ކުރިޔަސް ރައީސް އަބްދުﷲ ޔާމީން ވެވަޑައިގަތް ވައުދުތައް ފުއްދުމުގައި ހުއްޓުމެއް ނެތި ކުރިޔަށް ދާ ކަމަށެވެ.

ސިިވިލް ސާވަންޓުންނަށް ސަރުކާރުން ދޭން ނިންމާފައި ވަނީ ހުޅުމާލޭގައި އަޅައި 7000 ހައުސިން ޔުނިޓުގެ ތެރެއިން 1000 ޔުނިޓެވެ. ހައުސިން މިނިސްޓްރީން ކުރިން ބުނެފައި ވަނީ ސިވިލް ސާވަންޓުންނަށް ފްލެޓުތައް ދެނީ ކޮންމެ މިނިސްޓްރީއެއްގައި މަަސައްކަތް ކުރާ މުވައްޒިފުންގެ އަދަދަށް ބަލައި ހަމަހަމަ ރޭޝިއޯއަކުން ބަހާލައިގެން ކަމަށެވެ. އެގޮތުން ކޮންމެ ވުޒާރާއަކުން ވެސް ތިން ކެޓަގަރީއަކަށް ބަހާލައިގެން ފްލެޓުތައް ދޭނެ ކަމަށެވެ. އެއީ ފަންނީ އަދި މެނޭޖިރިއަލް މަގާމުތަކުގައި މަސައްކަތް ކުރާ މުވައްޒިފުންނަށް 300 ފްލެޓާއި، އިދާރީ މަގާމުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް 300 ފްލެޓު އަދި ސަޕޯޓް ސާވިސް ގޮތުގައި މަސައްކަތް ކުރާ މުވައްޒިފުންނަށް 400 ފްލެޓެވެ.

ފްލެޓު ދިނުމުގައި ޝަރުތުތަކުގެ ތެރޭގައި ވަޒީފާގައި ދެމި ހުރި މުއްދަތާއި ތައުލީމީ ފެންވަރަށް ބަލާނެ ކަމަށާއި ބޮޑަށް އިސްކަން ދެވޭނީ ތައުލީމީ ފެންވަރަށް ކަމަށް ހައުސިން އިން ބުންޏެވެ. އަދި އިދާރީ މުއައްޒިފުންގެ ކެޓަގަރީގައި ވެސް ހަމަ އެ ޝަރުތުތައް ހިމެނޭނެ ކަމަށާއި ނަމަވެސް އިސްކަން ދޭނީ ވަޒީފާގައި ދެމިހުރި މުއްދަތަށް ކަމަށެވެ. އަދި ސަޕޯޓް ސާވިސްގައި ތައުލީމީ ފެންވަރެއް ނުހިމެނޭނެ ކަމަށާއި އޭގެ ބަދަލުގައި ބަލާނީ ވަޒީފާގައި ދެމިހުރި މުއްދަތާއި އެ މީހާގެ އާއިލާގެ ކުޑަބޮޑު މިނަށެވެ.

އޭގެ އިތުރުން ކޮންމެ ކެޓަގަރީއެއްގައި ވެސް ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ހިމެނޭ އާއިލާއަކަށް އިތުރު ޕޮއިންޓު ލިބެ އެވެ.