ބޮލީވުޑް

"ކެދާރްނާތް" އަށް އިތުރު މައްސަލަތަކެއް

Feb 13, 2018

އަބީޝެކް ކަޕޫރު ޑައިރެކްޓްކުރާ "ކެދާރްނާތް" ހާއްސަ ވާ އެންމެ ބޮޑު އެއް ސަބަބަކީ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ ދޮށީ ދަރިފުޅު ސާރާ އަލީ ޚާން މި ފިލްމުން ބޮލީވުޑަށް ތައާރަފުވާތީ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފެށި މި ފިލްމުގެ ޝޫޓިން އަދިވެސް ނުނިމި ދިގުލައިގެންދާއިރު، ފިލްމު ރިލީޒްކުރުމަށް ނިންމާފައިވާ ތާރީހަކީ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހެވެ.

އުއްތަރްކަންދުގައި ހިނގާ ފެންބޮޑުވުމުގެ ހާދިސާއެއްގެ ތެރޭގައި ހިންދޫ މުސްލިމު ދެ ޒުވާނެއްގެ މެދުގައި ހިނގާ ލޯބީގެ ހާދިސާއެއްގެ މައްޗަށް އުފައްދާ މި ފިލްމު ޑިސެމްބަރު 21 ވަނަ ދުވަހު ރިލީޒްކުރާއިރު، މި ފިލްމާ އެކު ސުޕަސްޓާ ޝާހްރުކް ޚާން އާއި ކެޓްރީނާ ކައިފް އަދި އަނުޝްކާ ޝަރްމާ ލީޑްރޯލު ކުޅެފައިވާ "ޒީރޯ" ވެސް އެ ދުވަހު ރިލީޒްކުރާނެ އެވެ.

ބޮޑު ދެ ފިލްމެއް އެއް ދުވަހެއްގައި ރިލީޒްކުރާތީ ފިލްމުގެ ވިޔަފާރީ އަށް ނޭދެވޭ އަސަރުކޮށްފާނެތީ ޝާހްރުކް ވަނީ "ކެދާރްނާތް" ގެ ޕްރޮޑިއުސަރު ޕްރޭނާ އަރޯރާއާ ބައްދަލުކޮށް އެ ފިލްމު ރިލީޒްކުރާ ތާރީހު ފަސްކުރަން އެދިފަ އެވެ.

މިކަންވީ ޑައިރެކްޓަރު އަބީޝެކް އެއްވެސް ގޮތަކަށް ހިތްހަމަޖެހުނު ކަމަކަށް ނޫނެވެ. އަބީޝެކް ބޭނުންވަނީ ޝާހްރުކްގެ ފިލްމާ ކުރިމަތިލުމަކަށް ގޮސްގެން ކަމަށް ވިޔަސް އޭނާގެ ފިލްމު ޑިސެމްބަރު 21 ވަނަ ދުވަހު ރިލީޒްކުރާށެވެ.

ފިލްމު ރިލީޒްކުރާ ތާރީހާ މެދު އަބީޝެކް އާއި ޕްރޭނާއާ ދެމެދު ހިޔާލު ތަފާތުވެ، ޕްރޭނާ ތަމްސީލުކުރާ ޕްރޮޑަކްޝަން ކުންފުނި، ކްރީއާޖް އެންޓަޓެއިންމަންޓުން މި ފިލްމު އިތުރަށް ޕްރޮޑިއުސްނުކުރަން ނިންމާފައިވާ ކަމުގެ ވާހަކަތަކެއް ވެސް އަންނަނީ ދެކެވެމުންނެވެ. ބުނެވޭ ގޮތުގައި ޑައިރެކްޓަރާ ޕްރޮޑިއުސަރުންނާ ދެމެދު ޖެހުނު މައްސަލަތައް ހައްލުނުވުމުން ކްރީއާޖް ފިލްމުން ބޭރުކޮށްލަން ނިންމީ ހުދު އަބީޝެކެވެ.

މިހާރު މި ފިލްމުގެ ފުރަތަމަ ދެ ޝެޑިއުލްގެ ޝޫޓިން ނިމިފައިވާއިރު، އަންނަ މަހުގެ ތެރޭގައި ފަހު ޝެޑިއުލްގެ މަންޒަރުތައް ނަގަން ފަށާނެ އެވެ. އުއްތަރްކަންދުގައި ހިނގާ ފެންބޮޑުވުމުގެ ހާދިސާ ފެނިގެންދާ މަންޒަރުތައް ނަގަނީ އެ ޝެޑިއުލްގަ އެވެ. އެ މަންޒަރުތައް ނެގުމަށް މުމްބައިގެ ސްޓޫޑިއޯއެއްގައި ވަނީ އަގު ބޮޑު ސެޓެއް ވެސް ތައްޔާރުކޮށްފަ އެވެ.

ނަމަވެސް ފިލްމުގެ ބޮޑު ބައި ޝޫޓްްކޮށް ނިމިފައި ވަނިކޮށް ޕްރޮޑިއުސަރު ބޭރުކޮށް، އާ ޕްރޮޑިއުސަރެއް ހޯދަން އަބީޝެކް މަަސައްކަތް ފަށަން ޖެހުމުން ފިލްމުގެ ޝޫޓިން ނިމުން ލަސްވެދާނެ ކަމަށް ބެލެވެ އެވެ. އެހެންވެއްޖެނަމަ ފިލްމު ރިލީޒްކުރުމުގެ ތާރީހު ވެސް ބަދަލުކުރަން ޖެހިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށްވެ އެވެ.

ސާރާ އާއެކު ޒުވާން އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތް ފެނިގެންދާ މި ފިލްމު ރިލީޒްކުރުމުގެ ކުރިން ސާރާ އަށް އިތުރު ފިލްމެއް ކުޅުމުގެ ހުއްދަވެސް ނެތް ކަމަށްވެ އެވެ.