ކުޅިވަރު

"އުނދަގޫ ވަގުތުގައިވެސް ބެންގަލޫރުން ނަތީޖާ ނެރޭނެ"

ބެންގަލޫރު އެފްސީ ކުޅެމުން ދަނީ ވަރަށް ޓައިޓް ޝެޑިއުލެއްގައި ކަމަށާއި ނަމަވެސް އެ ޓީމަކީ އުނދަގޫ ވަގުތު ތަކުގައިވެސް ނަތީޖާ ނެރޭނެ ޓީމެއް ކަމަށް، ބެންގަލޫރު އެފްސީގެ ކޯޗް ސްޕެއިންގެ އަލްބަޓް ރޮކާ ބުނެފި އެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް މިރޭ މާލޭގައި ކުޅޭ މެޗުގެ ކުރިން ރޮކާ ބުނީ ޓައިޓް ޝެޑިއުލެއްގައި ކުޅެން ޖެހޭތީ އޭނާ ބޭނުން ކުރަނީ، ކުޅުންތެރިން ރޮޓޭޓް ކުރުމުގެ ފޯމިއުލާ ކަމަށެވެ. އެހެންވެ މިރޭ ގެ މެޗަށްވެސް އޭނާގެ ޓީމުން ރާއްޖެ އައީ މުހިންމު ކުޅުންތެރިން ރަށުގައި ބައިތިއްބާފަ އެވެ. އެގޮތުން ޓީމުގެ ކެޕްޓަން ސްނިލް ޗެތުރީ އަށްވެސް ރެސްޓް ދިނުމުގެ ގޮތުން ރާއްޖެ ގެނެސްފަ އެއް ނުވެ އެވެ.

"(ޝެޑިއުލް ގެ ގޮތުން) މިހާރު މިއީ އިންޑީއާގެ ފުޓްބޯޅަ ސީޒަންގެ މެދު ތެރެ، އެހެންވީމަ މި ވަގުތު މެނޭޖްކުރަން ވަރަށް އުނދަގޫ ވާނެ،" އެފްސީ ބާސެލޯނާގެ އެސިސްޓެންޓް ކޯޗުކަން ކުރިން ކޮށްފައިވާ ރޮކާ ބުންޏެވެ. "މި ހާލަތުގައި އަހަރެމެން ޖެހޭނީ ކުޅުންތެރިން ރޮޓޭޓް ކުރަން، އެހެން ކުޅުންތެރިންނަށްވެސް ފުރުސަތު ދޭން ޖެހޭ، އެ ކުޅުންތެރިންނަށް އެކަން ހައްގު."

ރޮކާ ބުނީ ޓީސީ އާ ދެކޮޅަށް ކުޅެން އުނދަގޫ ވާނެ ކަމަށާއި ޕްލޭއޮފް ބުރުގައި ޓީސީން ކުޅުނު ދެ މެޗުންވެސް އެކަން އެނގިގެން ދިޔަ ކަމަށެވެ. ބެންގަލޫރުން ވަނީ އޭއެފްސީ ކަޕްގައި ރާއްޖޭގެ ޓީމު ތަކާ ދެކޮޅަށް ކުޅެފަ އެވެ. މިދިޔަ އަހަރު މާޒިޔާއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުވެސް ބެންގަލޫރުން ކާމިޔާބު ކުރީ މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބު ކުރި ލަނޑުންނެވެ.

ނަމަވެސް މިފަހަރު ރޮކާގެ ބަސް ތަފާތެވެ. އޭނާ ދެކޭގޮތްވެސް ތަފާތެވެ. އޭގެ ސަބަބުތަކަކީ އޭރު އޮތް ބެންގަލޫރު ޓީމަށްވެސް މިހާރު ބަދަލުތަކެއް އައިސްފައި ވުމެވެ. އޭނާ ބުނީ މިދިޔަ އަހަރު މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގެ އެންމެ ފަހު ވަގުތުގައި ބެންގަލޫރަށް ލަނޑު ޖެހުނީ ނަސީބުވެސް ރަނގަޅު ވުމުން ކަމަށެވެ.

"ކުރީގެ ނަތީޖާއަކުން ފައިދާއެއް ނުކުރާނެ،" އޭނާ ބުންޏެވެ. "މިހާރު މިއީ އެހެން މެޗެއް، މި ކުޅެނީވެސް އެހެން ޓީމަކާ ދެކޮޅަށް، އާ ކުޅުންތެރިން ތަކެއް ގޮވައިގެން، މެޗު ފަސޭހައެއްވެސް ނުވާނެ."

ރޮކާ ބުނީ ޓީމުގެ ކެޕްޓަން ޗެތުރީ އާއި މުހިންމު އެހެން ކުޅުންތެރިންނަށް ރެސްޓް ދިނީ ސްޕަލީގްގެ ވަރުގަދަ މެޗަކަށް ތައްޔާރު ވުމުގެ ގޮތުން ކަމަށެވެ. މިރޭގެ މެޗަށް ފަހު ދެ ދުވަސް ފަހުން (އަންނަ ހުކުރު ދުވަހު) ބެންގަލޫރު އެފްސީ އަށް އޮތީ ތާވަލުގެ ދެ ވަނައިގައި އޮތް ޕޫނޭ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ. ބެންގަލޫރު އެއް ވަނައިގައި އޮތީ ޕޫނޭ އަށްވުރެ އިތުރަށް ފަސް ޕޮއިންޓް ހޯދައިގެންނެވެ.

"މިއީ ވަރަށް އުނދަގޫ ވަގުތެއް،" އޭނާ ބުންޏެވެ. "ނަމަވެސް އަހަރެން ހިތްހަމަ ޖެހޭ އަހަރެންގެ އަތުގައި މި އޮތް ޓީމާ މެދު، ސަބަބަކީ އުނދަގޫ ވަގުތު ތަކުގައިވެސް މި ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކަންތައްތަކެއް ފެންނާނެ."

ޓީމުގެ ޑިފެންޑަރު ޝުބަޝިސް ބޯސް ބުނީ، އުނދަގޫ މެޗަކަށް ކުޅުންތެރިންވެސް ތިބީ ވަރަށް ބޮޑަށް މެންޓަލީވެސް ތައްޔާރު ވެގެން ކަމަށެވެ.

ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގް މެޗުގައި ބޫޓާންގެ ޓްރާންސްޕޯޓް ޔުނައިޓަޑާ ދެކޮޅަށް ކުޅުނު މެޗު ބެންގަލޫރު ނިންމާލީ އެއްވަރު ކޮށްލައިގެންނެވެ. ރާއްޖޭގައި ކުޅޭ މެޗުވެސް ވިސްނަނީ އެގޮތަށް ތޯ ސުވާލު ކުރުމުން ރޮކާ ބުނީ، ޕޮއިންޓެއް ލިބުމަކީވެސް ގޯސް ނަތީޖާއެއް ނޫން ކަމަށެވެ. ނަމަވެސް ޓީސީގެ ހަމަލާތައް ނުރައްކާ ވާނެ ކަމަށާއި އެކަމަށް ސަމާލު ވާނެ ކަމަށް އޭނާ ބުންޏެވެ.

އެގޮތުން ޓީސީއަށް ކުޅެމުންދާ ކިރިގިސްތާންގެ މިޑްފިލްޑަރު އަނަޓޮލީ ވްލަސިޗެވް އާ މެދު ވަރަށް ބޮޑަށް ސަމާލު ވާނެ ކަމުގެ އިޝާރާތް ރޮކާ ދިނެވެ.

ޓީސީ އާއި ބެންގަލޫރު ކުޅޭ މެޗު ފަށަނީ މިރޭ 9:00 ގަ އެވެ. ދެ ވަނަ ލެގް މެޗު އޮނާނީ އަންނަ އާދިއްތަ ދުވަހު ބެންގަލޫރުގައެވެ.