އޭއެފްސީ ކަޕް ޕްލޭއޮފް މެޗުގައި އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައިި ޓީސީން ނިކުންނަނީ ގިނަ ކަންކަމަަށް ހައްލުތަކެއް ހޯދައިގެން ކަމަށް ޓީސީން ބުނެފި އެވެ.
ބަންގުލަދޭޝްގެ ސައިފް ސްޕޯޓްސް ކުލަބާ ދެކޮޅަށް ޕްރިލިމިނަރީ ބުރުގައި 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ ޓީސީ އޮތީ ރަނގަޅު ރޫހެއްގަ އެވެ. ޕްލޭއޮފް ބުރުގެ ފުރަތަމަ މެޗު އަމިއްލަ ދަނޑުގައި ކުޅެން ޖެހުމުން ޓީސީއަށް ބޮޑު އެޑްވާންޓޭޖެއް އެބައޮތެވެ. މާލޭގައި ކުޅޭ މެޗުން މޮޅުވެ، ބެންގަލޫރުގައި ކުޅޭ މެޗު އެއްވަރު ކޮށްލެވުނަސް ޓީސީއަށް ފުދެ އެވެ. ނަމަވެސް ބެންގަލޫރު ވަނީ ގަލޮޅު ދަނޑުގައި ރާއްޖޭގެ ޓީމު ތަކާ ދެކޮޅަށް ނަތީޖާ ނެރެފަ އެވެ.
ޓީސީ އޮތީ އެކަމަށްވެސް ތައްޔާރު ވެގެންނެވެ. ބެންގަލޫރު އެފްސީ ޕްރިލިމިނަރީ ބުރުގައި ކުޅުނު މެޗުތައް ޓީސީން ވަނީ އެނަލިސްސް ކޮށްފަ އެވެ.
"ބެންގަލޫރުގެ ހުރި ވީކް ޕޮއިންޓްސްތައް ޓީސީން ވަނީ ދެނެގެންފަ، އިރާދަ ކުރެއްވިއްޔާ އެކަންކަމަށް ރިއާޔަތްކޮށް ޓީސީ ނިކުންނާނީ މެޗުން މޮޅުވާން." އޭއެފްސީ ކަޕަށް ޓީސީގެ ހެޑް ކޯޗުގެ ގޮތުގައި ލިސްޓުކޮށްފައިވާ އިބްރާހިމް ހަލީމް (ޖަޑާ) ބުންޏެވެ.
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުނީ އެއްވެސް މެޗެއްގައި ޕޮއިންޓެއް ހޯދައިގެން ފުއްދާލަން ޓީސީ ނުނިކުންނާނެ ކަމަށެވެ. ޓީސީ ނިކުންނާނީ މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދުމުގެ އަމާޒުގައި ކަމަށް އޭނާ ބުންޏެވެ.
ޓީމުގެ ކެޕްޓަން ފައްރާހް ބުނީ ބެންގަލޫރުން އެ ޓީމުގެ ކީ ކުޅުންތެރިން މެޗަށް ނުގެނައި ނަމަވެސް އެވްރެޖް އެއްވެސް ކުޅުންތެރިިޔެއް ބެންގަލޫރުގެ ސްކޮޑްގައި ނުހުންނާނެ ކަމަށެވެ. އެހެންވެ ޓީސީގެ ކުޅުންތެރިންގެ ވިސްނުމަށް ބަދަލެއް ނާންނާނެ ކަމަށާއި މެޗަށް ނިކުންނާނީ ބެންގަލޫރުގެ އެންމެ ވަރުގަދަ ޓީމު ކަމަށް ދެކިގެން ކަމަށެވެ.